ޚަބަރު

ހަގީގީ ކާމިޔާބީއަކީ ދީންވެރި އަހުލާގު ރަނގަޅު ޖީލެއް ބިނާކުރުން - ނައިބު ރައީސް


ތަނަވަސްކަން ހުރި މިންވަރަކުން ޢުމްރާނީގޮތުން ޤައުމު ތަރައްޤީކުރެވިދާނެކަމަށާ، އެހެންނަމަވެސް، އަސްލު ހަޤީޤީ ތަރައްޤީއަކީ ޤައުމެއްގައި ހެޔޮލަފާ އަޙުލާގު ރަނގަޅު ދީންވެރި އަދި ރަނގަޅު މަސައްކަތްތެރި ޖީލެއް ބިނާކުރުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވަނީ މި އަމާޒަށް ޤައުމު ވާސިލްކޮށްދިނުމުގައި މަސައްކަތްކުރާ އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

34ވަނަ ޤައުމީ ޤުރުއާން މުބާރާތް ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވީ، ދީނީ ކަންކަމަށް މުޖުތަމަޢު އަޙުލުވެރިކޮށް، ޤުރުއާނުގެ އިލްމާއި ދީނީ އަޚުލާގު ފުޅާކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްޕުޅުތަކެއް ކުރައްވަމުންދާކަމަށެވެ. ސަރުކާރެއް އޮންނަންޖެހެނީ މި ސަބަބަށްޓަކާ ކަމަށާ، ސަރުކާރުގެ މަސައްކަތްތަކުގައި އަމިއްލަ ފަރާތްތަކުގެ ދައުރު އިތުރުކޮށް މިހާރު މަސައްކަތް ފެށިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޤައުމުގައި ދީނީ އިލްމު ފުޅާކުރުމުގައި އަމިއްލަ ފަރާތްތަކުން ދޭ އިސްކަން އިތުރުވެފައިވާކަން ފާހަގަކުރައްވައި ނައިބު ރައީސް ވަނީ އެއީ ސަރުކާރުން ވަރަށްބޮޑަށް ބަލައިގަނެ ޝުކުރުވެރިވާ ކަމެއްގެ ގޮތުގައި ފާހަގަކުރައްވާފައެވެ.

"ދީނީ ކަންކަން ކުރިއެރުވުމަށް އަމިއްލަ ފަރާތްތަކުން ދޭ އިސްކަން ބޮޑުވެއްޖެ. ކުންފުނިތަކުން، ކޮލެޖް ޔުނިވަރސިޓީތަކުން، އަދި ޤައުމުތަކުގެ އެމްބަސީތަކުގެ އެހީވެސް ވަރަށް ބޮޑަށް ލިބޭ. މިއީ ވަރަށް ބޮޑަށް ބަލައިގަނެ ޝުކުރުވެރިވާ ކަމެއް." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ ދީނީ ކަންކަން ކުރިއަރުވާއިރު އެންމެ މުހިންމީ، ރަނގަޅު އަޚުލާގުގެ ޖީލެއް ބިނާ ކުރުންކަމަށެވެ. މިމަކުގައި ސްކޫލްތައް، އޮފިސް، ދީނީ އިލްމުވެރިންނާ އުސްތާޛުން އަދި މުޅިމުޖުތަމައުގެ މެދުގައިވެސް މި ރޫޙު ދަމަހައްޓަންޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ތަނަވަސްކަން ހުރިނަމަ އުމްރާނީ ތަރައްޤީ ގެނެވޭނެ. އެކަމަކު ހެޔޮލަފާ އުފެއްދުންތެރި ޖީލެއް ބިނާ ކުރެވުން ހަގީގީ ތަރައްޤީއަކީ. މިއީ އެންމެން އެކުއެކީ ކުރެވޭނެ މަސައްކަތެއް." ނައިބު ރައީސް ވިދާޅުވިއެވެ.

ކީތިރި ޤުރުއާން ކިޔެވުމުގެ މިއަހަރުގެ ޤައުމީ މުބާރާތުގައި 1000ކުދިން ކިޔަވާނެއެވެ.