ކުޅިވަރު

އާޓެޓާ ދެވަނަފަހަރަށް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ


އިންގްލިޝް ޕްރިމިއަރ ލީގުގެ އާސެނަލްގެ ކޯޗް މިކެލް އާޓެޓާ އަނެއްކާވެސް ކޯވިޑް-19 އަށް ޕޮޒިޓިވް ވެ މެންޗެސްޓަރ ސިޓީ އާއި ދެކޮޅަށް ކުޅެން ހަމަޖެހިފައިވާ މެޗް އޭނާއަށް ގެއްލޭނެކަން ކަށަވަރު ވެއްޖެއެވެ. މިކަންވަނީ އާސެނަލްއިން ވަނީ ކަށަވަރު ކޮށްދީފައެވެ.

އާސެނަލްއިން ނެރުނު ބަޔާނެއްގައިވާގޮތުން އާޓެޓާ ވަނީ އިނގިރޭސި ސަރުކާރުގެ ގަވައިދުތަކާއި އެއްގޮތްވާގޮތުގެ މަތިން އެހެން ފަރާތްތަކާއި އެކަހެރި ވެފައެވެ. އަދި އާސެނަލްއިން އޭނާއަށް އަވަސް ޝިފާއަކަށް އެދޭކަމަށްވެސް ހާމަކޮށްފައިވެއެވެ. އަދި ސިޓީ އާއި ދެކޮޅަށް ކުޅޭ މެޗްގައި އާސެނަލް ޓީމު ގޮވައިގެން ނިކުންނާނީ އެސިސްޓެންޓުންގެ ގޮތުގައި މަސައްކަތް ކުރާ އަލްބަރޓް ސްޓޫވެންބަރގާއި ސްޓީވް ރައުންޑެވެ. އާސެނަލް އެންމެފަހުން ނޯވިޗް ސިޓީ އާއި ބައްދަލުކޮށް މޮޅުވި މެޗްގައި ކަލުމް ޗޭމްބަރސް އާއި ސެޑްރިކް ސޯރެސް، ޓަކެހީރޯ ޓޮމިޔާސޫ އަދި އައިންސްލީ މައިޓްލަންޑް ނައިލްސް ކޯވިޑްގެ ސަބަބުން ނުކުޅެއެވެ.

އާޓެޓާއަށްވަނީ 2020 ވަނަ އަހަރުގެ މާރޗްމަހުވެސް ކޯވިޑް19 އަށް ޕޮޒިޓިވް ވެފައެވެ. އާޓެޓާގެ އިތުރުން އެސްޓަން ވިލާގެ ކޯޗް ސްޓީވެން ޖެރާޑާއި ކްރިސްޓަލް ޕެލަސްގެ ކޯޗް ޕެޓްރިކް ވިއޭރާ ވެސް ކޯވިޑް-19 އަށް ޕޮޒިޓިވްވިއެވެ.

އާސެނަލްވަނީ އެޓީމް އެންމެފަހުން ކުޅުނު ހަތަރު މެޗުންވެސް މޮޅުވެފައެވެ. އަދި މިވަގުތު އުޅެނީ ސިޓީ އުޅެނީ 12 ޕޮއިންޓް ފަހަތުން ތާވަލްގެ ހަތަރު ވަނައިގައެވެ. މިމެޗްގައި އާޓެޓާގެ އިތުރުން ވަރަށް ފަހުން އެޓީމުގެ ކެޕްޓަން ކަމުގެ މަގާމުން ވަކިކުރި ޕިއޭ އެމެރިކް އައުބެމެޔާންގ ވެސް މިމެޗްގައި ނުފެންނާނެއެވެ. އޭނާ މިހާރުވަނީ ކުރިއަށް އޮތް އެފްރިކަން ކަޕް އޮފް ނޭޝަންސްގައި ވާދަކުރާ ގެބޯން ޓީމާ ގުޅި ޔޫއޭއީގައި ފަރިތަކުރުންތައް ކުރިއަށް ގެންދަމުންނެވެ.