ޚަބަރު

އައްޑޫ ފްލައިންގ ސުކޫލުން ކިޔެވި ކުދިން، އޭވިއޭޝަން އެކަޑަމީއަށް ބަދަލުވުމަށް އެހީ ދެނީ


އައްޑޫ ފްލައިން ސްކޫލުގައި ޕައިލެޓްކަން ކިޔަވަމުން ދިޔަ ދަރިވަރުން، މޯލްޑިވްސް އޭވިއޭޝަން އެކަޑަމީއަށް ވަނުމަށް ހަދާ ތާޒާކުރުމުގެ ކޯހުގެ ފީ، ލޯނު އެހީގެގޮތުގައި ދެއްވަން ހަޔަރ އެޑިއުކޭޝަން މިިނިސްޓްރީން ހުޅުވާލައިފިއެވެ.

މިއީ އައްޑޫގައި ހިންގަމުންދިޔަ ފްލައިންގް ސްކޫލުން ކިޔެވި ދަރިވަރުން، މޯލްޑިވްސް އޭވިއޭޝަން އެކަޑަމީއަށް ވަނުމުގެކުރިން ހަދާ ފެންވަރު ބެލުމުގެ ކޯހެކެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ހުޅުވާލި ފުރުޞަތާ ގުޅޭ މަޢުލޫމާތުދެއްވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ، މި ތާޒާކުރުމުގެ ކޯހަކީ މިހާތަނަށް ދަރިވަރުންނަށް ޙާސިލްވި މިންވަރާއި ކޯހުގެ ބައިތައް ކުރިއަށް އޮތްތަނުގައި ރާވައި ހިންގާނެގޮތް ދެނެގަތުމަށް ހަދަން ޖެހޭ ކޯހެއްކަމަށެވެ. މިކޯސް ހެދުމަށް ކޮންމެ ދަރިވަރަކު އޭވިއޭޝަން އެކަޑަމީއަށް 1500 ޑޮލަރު ދައްކަންޖެހެއެވެ.

މިނިސްޓަރ ވިދާޅުވީ ލޯނުއެހީ ދިނުމަށް ނިންމާފައިވަނީ އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ އާއެކު ކުރިއަށްގެންދިޔަ މަޝްވަރާތަކަށް ފަހުކަމަށެވެ. ތާޒާކުރުމުގެ ކޯސް ފުރިހަމަކޮށް، އިތުރަށް ދަރިވަރުންނަށް ބޭނުންވާ މާލީ އެހީ ދިނުމުގައިވެސް އެހީތެރިކަން ދެއްވާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މިއީ މާލީގޮތުން ދަތިކަން ދިމާވެފައިވާ ކުދިންނަށް ދޭ އެހީއެއް. އެހެން ލޯންތަކޭ އެއްގޮތަށް މި ލޯންވެސް ދައްކަން ޖެހޭނީ ކިޔަވާ ނިމި 6 މަސް ފަހުން. ފައިލެޓްކަން ކިޔަވާ ކުދިންނަށް ވަރަށް ގިނަ އިތުރު އެހީ ކުރިންވެސް ދީފިން. ކަނޑައަޅާފައިވަނީ ކޯސް ނިމުނު ދުވަހަކުން ލޯން ދައްކަން ފެށުމަށް." މިނިސްޓަރ ވިދާޅުވިއެވެ.

މޯލްޑިވްސް އޭވިއޭޝަން އެކަޑަމީއަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަށުން ދާދިފަހުން އުފައްދައި ހުޅުވި އެކަޑަމީއެކެވެ. މިއެކަޑަމީ ހިންގަނީ އައިލެންޑް އޭވިއޭޝަނާއި ޤައުމީ ޔުނިވަރސިޓީ ގުޅިގެންނެވެ.

އެކަޑަމީ ހުޅުވައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އެތަނުގެ ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ވެސް މިހާރުވަނީ ހުޅުވާލާފައެވެ. މި އެކަޑަމީން ކޮންމެ އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމައިފައިވެއެވެ. ފުރަތަމަ ބެޗުން 30 ކުދިންނަށް ޖާގަ ދިނުމަށް ވަނީ ނިންމައިފައެވެ.

އައްޑޫގައި ހިންގި ފްލައިން ސްކޫލްގެ މައްސަލަތައް ބޮޑުވެ ދަރިވަރުންގެ ކިޔެވުން ފުރިހަމަ ނުކުރެވި ވަނީ މެދުކަނޑާލާފައެވެ. މީގެތެރޭގައި ކިޔެވުން ފެށިތާ ގިނަ އަހަރުތަކެއް ވެފައިވާ ދަރިވަރުންވެސް ހިމެނެއެވެ. ސަރުކާރުގެ ފަރާތުން އޭވިއޭޝަން އެކަޑަމީއެއް އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީވެސް މި ކުދިންގެ ކޯސް ފުރިހަމަކުރުމަށް ފުރުޞަތުދިނުމެވެ. ރާއްޖޭގައި ތިބެގެން އިތުރުކުދިން ކޯސް ފުރިހަމަކުރުމުގެ ފުރުޞަތު ދިނުމެވެ.