ޚަބަރު

ވަޒީފާގެ ފުރުޞަތުތަކަށް ދިވެހިން ތަމްރީންކޮށްދޭނެ ފަރާތެއް ހޯދަނީ


ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް، އެކި ދާއިރާތަކުން ދިވެހިން ތަމްރީންކުރުމަށް ކޯސް ހިންގައިދޭނެ ފަރާތެއް ހޯދުމަށް ހަޔރ އެޑިއުކޭޝަން މިނިސްޓްރީއިން އިޢުލާން ކުރައްވައިފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން ފަށާފައިވާ މި ޕްރޮގްރާމަކީ ކޯވިޑްގެ ޙާލަތުން ދިވެހިރާއްޖެ އަރައިގަނެ، އިޤްތިޞާދު އަލުން ނެގެހެއްޓުމަށްޓަކައި ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގަންފެށި "ސްކިލް ފޮރ އަ ރެޒިލިއެންޓް ވޯރކްފޯސް" ޕްރޮގްރާމްގެ ބައެކެވެ.

މި ބުރުގައި 15 ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިއީ 2022ވަނަ އަހަރަށް ޚާއްސަކޮށްގެން ފަށާ ކޯސްތަކެވެ. އަންނަ އަހަރު ފެށުމަށް އިޢުލާންކޮށްފައިވާ ކޯސްތަކުގެ ތެރޭގައި އައިސީޓީ، ދަނޑުވެރިކަން، ފަތުރުވެރިކަން އަދި ޢިމާރާތްކުރުމުގެ ދާއިރާގެ ކޯސްތައް ހިމެނެއެވެ. މިއީ މުޅިންވެސް ޤާއުމީ ސަނަދު ލެވެލް 3ގެ ކޯސްތަކެވެ.

މިކޯސަތަކުގެ ތެރޭގައި ހިމެނެނީ އައިސީޓީ ދާއިރާއިން، ޕްރޮގްރާމިންގ އަދި ކޮމްޕިއުޓަރ ހަރޑްވެއަރ އެންޑް ނެޓްވޯކިންގެ ކޯހެވެ. ފަތުރުވެރިކަމުގެ ދާއިރާއިން ހިމެނެނީ ޕްރޮސެސިންގ އެންޑް ކޮލިޓީ ކޮންޓްރޯލް، ގެސްޓް ހައުސް އޮޕަރޭޝަންސް، ބޯޓް އޮޕަރޭޝަންސް، ފިޓްނަސް އިންސްޓްރަކްޓަރ، ގާޑަނަރ އަދި ފޮޓޯގްރަފީގެ ކޯސްތަކެވެ.

ޢިމާރާތް ކުރުމާގުޅޭ 6 ކޯހެއް ހިމެނެއެވެ. އެއީ މެރިން މެކޭނިކް، ކޮންސްޓްރަކްޝަން ސައިޓް ސުޕަވިޝަން، ވޯޓަރ ސަޕްލައި ސިސްޓަމް އޮޕަރޭޝާން އެންޑް މެއިންޓަނަންސް، ވެހިކަލް އޮޕަރޭޝަން އަދި ހެލްތް ސޭފްޓީ އިން ކޮންސްޓްރަކްޝަނެވެ. ދެން ހިމެނެނީ ދަނޑުވެރިކަން ކުރުމަށް ދަސްކޮށްދޭ ކޯސް ހިންގުމެވެ.

މިކަމާ ގުޅޭ މަޢުލޫމާތު ހާމަކުރައްވަމުން މިނިސްޓަރ ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ މި ކޯސްތައް މިފަހަރު ޚާއްސަކުރަނީ، ފަތުރުވެރިކަމުގެ ދާއިރާގައި ހުރި ފުރުޞަތުތައް ދިވެހިންނަށް ހޯދުމަށްކަމަށެވެ.

"ފަތުރުވެރިކަމުގެ ދާއިރާއަށްވެސް މުހިންމު، ޢިމާރާތް ކުރުމާއި އައިސީޓީފަދަ ދާއިރާތައް. އުންމީދު ކުރަނީ މީހުން ބިނާކުރުމަށް ކުރާ މަސައްކަތުގައި ޕްރައިވެޓް ސެކްޓަރގެ އެހީ އިތުރަށް ލިބޭނެކަމަށް. ފުރަތަމަ ހުޅުވާލި ފުރުޞަތުގައި 83 ދަރިވަރުން މިހާތަނަށް ދަސްވެނިވެއްޖެ." މިނިސްޓަރ ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީންވަނީ ކޯސްތައް ހިންގަން ބޭނުންވާ ފަރާތްތަކަށް އަންނަ ޖެނުއަރީ މަހުގެ 17ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައެވެ.

މި ޕްރޮގްރާމަކީ ވާދަވެރި ވަޒީފާގެ ބާޒާރެއް އުފައްދައި ރާއްޖެއިން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

2021ވަނަ އަހަރުން ފެށިގެން މި ޕްރޮގްރާމްގައި މިހާތަނަށް 15 ކޯހެއް ހިންގަން އަމިއްލަ 5 ފަރާތަކާ ހަވާލުކޮށް، އެ މަސައްކަތް މިހާރުވެސް ކުރިއަށްދެއެވެ. އޭގެ ތެރެއިން މިހާތަނަށް 83 ދަރިވަރުންވަނީ ދަސްވެނިވެފައެވެ.