ކުޅިވަރު

ފާސިރުގެ ލަނޑުން ވެލެންސިޔާއިން ދަ ގްރާންޑޭގެ މައްޗަށް ކުރި ހޯދައިފި


ވެލެންސިޔާގެ ކެޕްޓަން ޢަލީ ފާސިރު ކާމިޔާބުކުރި ހަމައެކަނި ލަނޑުން ދަ ގްރާންޑޭގެ މައްޗަށް ކުލަބް ވެލެންސިޔާ ކުރި ހޯދައިފިއެވެ. މެޗުގައި ދެ ޓީމަށްވެސް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބުނު ނަމަވެސް މެޗް ކާމިޔާބުކުރެވުނީ މެޗްގެ ދެވަނަ ހާފްގައި ކުލަބް ވެލެންސިޔާގެ ކެޕްޓަން ޢަލީ ފާސިރު ކާމިޔާބުކުރި ގޯލުންނެވެ.

ދަ ގްރާންޑޭގެ މައްޗަށް ވެލެންސިޔާ ކާމިޔާބު ހޯދާފައިވާއިރު، ޕްރެޒިޑެންޓްސް ކަޕްގައި އެޓީމު ކުޅުނު ތިންވަނަ މެޗްވެސް ވަނީ ކާމިޔާބުކޮށްފައެވެ. މިމެޗްގައި ވެލެންސިޔާއިން ކުޅެފައިވަނީ ވަރަށް ބޮޑަށް ކުރިއަށް ޖެހިގެން ވަރަށް ބޮޑަށް ދަ ގްރާންޑޭގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. އަދި މެޗްގެ ފުރަތަމަ ހާފްގައި ދަ ގްރާންޑޭއިން ވަނީ ވެލެންސިޔާއިން އުފައްދަން މަސައްކަތް ކުރި ހަމަލާތައް ހުއްޓުވާފައެވެ. ފުރަތަމަ ހާފްގައި ވެލެންސިޔާއަށް ލީޑް ނަގައިދިނުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީ އެޓީމުގެ ކެޕްޓަން ޢަލީ ފާސިރާއި ސްޕެއިންގެ ފޯވާޑް ބޯހަސް މާޓިންއަށެވެ. ނަމަވެސް މިދެ ކުޅުންތެރިންނަށް ލިބުނު ފުރުސަތުގެ ބޭނުން ހިފޭ ގޮތެއް ނުވިއެވެ.

މެޗްގެ ދެވަނަ ހާފްގައި ވެލެންސިޔާއަށް ގޯލެއް ޖެހުމަށް އެންމެ ރަގަނޅު ފުރުސަތެއް ލިބިގެންދިޔައީވެސް އަލީ ފާސިރަށެވެ. ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ހުސެއިން ހަނާން ދަ ގްރާންޑޭގެ ޑިފެންޑަރު ކައިރިން ނައްޓާފައި މުޅިން ހުސްކޮށް އޭރިއާތެރެއަށް ހުރަސްކޮށްލި ބޯޅަ ހުސްކޮށް ހުރެފައި އަލީ ފާސިރު ޖައްސާލި ނަމަވެސް، ހުސްކޮށް އޮތް ގޯލެއްގެ ތެރެއަށް ފޮނުވާލުމަށް ފާސިރު ޖައްސާލި ބޯޅަ ދިޔައީ ގޯލްގެ އަރިމަތިން ބޭރަށެވެ. ވެލެންސިޔާއަށް ފުރުސަތު ލިބުނުތާ އިރުކޮޅެއްފަހުން، ދަ ގްރާންޑޭގެ މިޑްފީލްޑަރު އަހުމަދު އަބްދުއްސައްތާރަށް ގޯލާއި ދިމާލަށް ބޯޅަ ފޮނުވާލި ނަމަވެސް، އެބޯޅަވަނީ ވެލެންސިޔާގެ ކީޕަރު މުޢައްމަދު ފައިސަލް ދިފާޢުކޮށްފައެވެ. މެޗްގެ ފަހުކޮޅުގައި ވެލެންސިޔާގެ ބިދޭސީ ކުޅުންތެރިޔާ ބޯހަސް ގޯލާއި ދިމާލަށް ފޮނުވާލި ބޯޅަ ގޯލްގެ ހުރަސް ދަނޑީގައި ޖެހިފައި ނިކުތްވަގުތު، ދެވަނަ ފަހަރަށް ބޯހަސް ބޮލުން ގޯލާއި ދިމާލަށް ބޯޅަ ފޮނުވާލި ނަމަވެސް، އެބޯޅަ ވަނީ ދަ ގްރާންޑޭގެ ސާބިއާ ޑިފެންޑަރު މާކޯ އިވަނޮވިޗް ބޮލުން ދިފާޢުކޮށްފައެވެ.

މެޗްގައި ފެނިގެންދިޔަ ހަމައެކަނި ގޯލް މެޗްގެ 77ވަނަ މިނެޓްގައި ކާމިޔާބުކުރީ ވެލެންސިޔާގެ ކެޕްޓަން އަލީ ފާސިރެވެ. އޭރިޔާގެ ތެރޭގައި ހުރެފައި ފާސިރު ފޮނުވާލި ބޯޅަ އަމާޒްވީ ގޯލްގެ ކަނަށެވެ.