ޚަބަރު

ޤައުމީ ޚިދުމަތުގައި ބައި ޤަރުނު، ރަށްރަށުގެ ޗާޓު އަތުން ކުރެއްސެވި ފަންނުވެރިއެއް!


ޤައުމެއް ކުރިއަރައިދާނީ އެކި ރޮނގުރޮނގުން ޚިދުމަތް ކޮށްދެއްވާ ޚިދުމަތްތެރިންގެ އަގުހުރި މަސައްކަތުންނެވެ. ޢުމުރުގެ ބޮޑުބައި ޤައުމީ ޚިދުމަތުގައި ހޭދަކުރައްވައި، މިއަދު ޝަރުފުވެރިކަމާއެކު ގޭގައި ތިއްބެވި އެތައް ޚިދުމަތްތެރިންނެއް ދިވެހިރާއްޖޭގެ އެކިކަންކޮޅުތަކުގައިވެސް އެބަތިއްބެވިއެވެ.

މިކަން ފެނިގެން ދިޔައީ ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވި ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރައްވައި އެތައް ސަތޭކަ ޚިދުމަތްތެރިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ޝަރަފުގެ ބެޖާއި އައްޑަނަ ދެއްވި ދެއްވުމުންނެވެ.

ޤައުމީ ޚިދުމަތަށް ހުރިހާ ކަނޑެއް ގިރާކުރެއްވި ޚިދުމަތްތެރިއެއް

ހއ.އުލިގަމު، މާޒު (ރިޓަޔަރޑް) އަލްއުސްތާޛު އިދުރީސް އާދަމްއަކީ ދިވެހިޤައުމަށް ބައިޤަރުނަށްވުރެ ދިގު މުއްދަތަށް ޚިދުމަތްކޮށްދެއްވާފައިވާ ޢިއްޒަތްތެރިއެކެވެ. 1961ވަނަ އަހަރުގެ އޭޕްރީލްމަހު އިދުރީސް އާދަމް ޤައުމީ ޚިދުމަތަށް ނިކުމެވަޑައިގެންނެވީ އުލިގަމު މުދިމުކަމުގެ ވަޒީފާއިންނެވެ. އޭގެ އަށް އަހަރުފަހުން ދަސްކުރާ ޤާޒީކަމުގެ ވަޒީފާއިން ޝަރުޢީ ދާއިރާއަށް ވަދެވަޑައިގެންނެވިއެވެ.

"ޝަރުޢީ ދާއިރާއަށް ނުކުތުމަށް ފުރުސަތު ލިބުނީ، އުލިގަމު މީހުން ދިއްދުއަށް ބަދަލުކުރިއިރު އަތޮޅުވެރިއަކަށް ހުންނެވީ މާރަންދޫ ކަލޭފާނު. އަޅުގަނޑު ގާތު މާރަންދޫ ކަލޭފާނު ވިދާޅުވީ އިދުރީސްއޭ ކެރޭނެހޭ ޤާޒީކަން ކިޔަވަންދާން. އަޅުގަނޑު އެކަމަށް އެއްބަސްވިން. އެއްބަސްވީތާ ކުޑަދުވަސްކޮޅެއް ތެރޭގައި މާލެ ދިޔައީ. އޭރު ފަތުހީ ހުންނެވީ. އިރާދަކުރެއްވިއްޔާ އަޅުގަނޑަށް މާކަ އުނދަގޫ ކަމަކަށްނުވި ޤާޒީ ކުލާހުގައި އުޅޭކަށްވެސް. ކޮންމެ ޓެސްޓެއްގައިވެސް ނުވަ ދިހައިން މަތީގެ އެވްރެޖެއް ލިބެމުންދިޔައީ" ޝަރުޢީ ދާއިރާއަށް ވަދެވެޑައިގަނެވުނު ގޮތް ހިއްސާކުރައްވަމުން އިދުރީސްބެ ވިދާޅުވިއެވެ.

އެއަށްފަހު 1970ވަނަ އަހަރު ހއ.އަތޮޅު ކޯޓުގެ ވަގުތީ ޤާޒީކަން އިދުރީސްބެއަށް ލިބިވަޑައިގެންނެވިއެވެ. އިދުރީސްބެގެ ޚިދުމަތް މުޅި ހއ.އަތޮޅަށް ލިބިފައިވެއެވެ. އެގޮތުން ރޭގަނޑަކަސް ދުވާލަކަސް މޫސުމަށް ބެއްލެވުމެއްނެތި ހުށަހެޅޭ މައްސަލަތައް ބައްލަވާ އިންސާފު ހޯއްދަވައިދެއްމަށް އަތޮޅުގެ އެކި ރަށްރަށަށް އިދުރީސްބެ ދަތުރުކުރައްވާފައިވެއެވެ. މިގޮތުން ކުރެއްވި ދަތުރުތަކުގެ ހަނދާނާއި ހެކި އަމިއްލަ ހަށިގަނޑުންވެސް އަދިވެސް ފެންނަންއެބަހުއްޓެވެ.

"ރަމަޟާންމަހުގެ ތެރޭގައި ބާރަށު ތަހުގީގަކަށް އުތީމު މީހުންގެ ބަޔާން ނަގަން އުތީމަށް ގޮސް ފައިބާން ދޯނިން ފުއްމާލިތަނާ ފައި ބިންދައިގެން ދިޔަ" މާޒީގެ ހަނދާންތައް އާކުރައްވަމުން އިދުރީސްބެ ވިދާޅުވިއެވެ.

އެ ލިބިވަޑައިގެންނެވި ޒަޚަމްތަކުގެ ބޮޑުކަމުން ވަށަފަރުން ފަރުވާ ހޯއްދެވުމަށްފަހު މާލެއަށް ވަޑައިގެން އެއަށްފަހު ސަރުކާރުގެ ޚަރަދުގައި ލަންކާއިންވެސް ފަރުވާ ހޯއްދެވިއެވެ. ފައިގެ އޮޕަރޭޝަނެއްކޮށް ފަޔަށް ލެއްވި ދަގަނޑުކޮޅުތައް އެ ވޭނީ ދަތުރުގެ ހަނދާނަކަށް އިދުރީސްބެ އަދިވެސް ރައްކާކޮށްގެން ގެންގުޅުއްވައެވެ. އަދި އެންމެ ފުރަތަމަ މާލޭގެ ސެންޓަރަލް ހޮސްޕިޓަލުންނާއި, ލަންކާއިންވެސް ނެންގެވި އެކްސްރޭ ފިލްމުތައް އިދުރީސްބެ އަތްޕުޅުގައި އަދިވެސް ރައްކާކޮށްގެން ގެންގުޅުއްވައެވެ.

މާޒީގެ ޞަފްހާތައް ނިއުޅުވާލައްވާ، ޚިދުމަތުގެ ރަން ހަނދާންތައް އާކުރައްވަމުން އެންމެ ހަނދާނުން ފޮހެލަން ދަތި ކަމެއްގެ ގޮތުގައި އިދުރީސްބެ ސިފަކުރެއްވީ ކަތީބުކަމުގެ ދުވަސްވަރު ހިނގި ހާދިސާއެކެވެ. ފިއްލަދޫ އޮފީހުގައި ހުރި ލިޔުންތަކެއް އަންދާލި މައްސަލަ ތަހުޤީޤު ކުރެއްވުމަށް ތިން ރޭ ވަންދެން ނުނިދާ އުޅުއްވުމަށްފަހު ތުހުމަތުކުރެވޭ އެންމެން ހޯދި ޙިކުމަތްތެރިގޮތަކީ ކުރެވުނު ކާމިޔާބު މަސައްކަތެއްކަމަށް އިދުރީސްބެ ސިފަކުރެއްވިއެވެ.

"އަންގައިފި އެރަށަށް ގޮސްދޭށޭ. ދެން އަޅުގަނޑު ނޫނެކޭ ނުބުނެ ދިޔައީ. އޭރު މައްސަލަ ހިނގިތާ ވިއްސަކަށް ދުވަސް ފަސް. ދެން އަޅުގަނޑު ގޮއްސަ އެ މާބޮޑު ކަމަކަށް ނުހަދާ ދެތިންރޭ ވަންދެން ނުނިދާ ރަށުތެރޭގަަ ހިނގީ. ހިނގާފާ ދެން އަނެއްދުވަހު މައްސަލައިގެ ތުހުމަތުގައި ކުދިންކޮޅެއް ގެނެސްފަ ދިއްދުއަށް ގެންދިޔައީ. އެ މައްސަލާގަ ތުހުމަތު ކުރެވޭ ގޮތަކީ އޭރު ދަރުގަންނަން އަންނާނެ ކުޅުދުއްފުށީ މީހުން. އެ ލިޔުންތައް އަންދާލާފަ ހުރިއިރު ގޯނީގެ އަޅި އެބަހުރި. ދެން އެ ގޯނި ނެރުނީ ކޮންބައެއްކަން ބަލަންވެގެން އެ ކުރި ސާވޭގަ ދެން އެނގިއްޖެ ކޮންބައެއްކަން ދަރު ނެރެން އުޅުނީ. އެ ކުދިންގެ ތަހުގީގު ނައްތާލަންވެގެން މި އަންދާލީ." އިދުރީސްބެ ވިދާޅުވިއެވެ.

އިދުރީސްބެއަކީ، ރާއްޖެތެރޭގެ ރަށްރަށުގެ ވެރިކަމުގެ ސަނަދާއި، ނިޔާ ކަނޑައެޅުމުގެ ސަނަދާއި، ދީނިއްޔާތު މުދައްރިސްކަމުގެ ސަނަދާއި، ޖަމާޢަތްތެރިކަމުގެ ސަނަދުވެސް ޙާސިލު ކުރައްވައިފައިވާ ޢިލްމީ ބޭފުޅެކެވެ. އިދުރީސްބެއަކީ އަތޮޅުގެ ބައެއް ރަށްރަށުގެ ޗާޓުތައް ކުރެއްސެވި މާލިމީއެކެވެ. ރާއްޖޭގެ ބައެއް ރަށްރަށުގެ ޗާޓުތައް އަތުން ހުރެހުމުގެ މަސައްކަތްތަކާއި، ގޯތިގޯތީގެ ޗާޓުތައް ކުރެއްސެވުމުގެ މަސައްކަތްތަކަކީ ޝައުގުވެރިކަމާއި ފާޑުވެރިކަމާއެކު ކުރައްވާފައިވާ ހުނަރުވެރި މަސައްކަތްޕުޅުތަކެކެވެ.

"ނާސިރުގެ ދައުރުގައި ރަށްރަށުގެ ބިން ވަކިކުރަން އަންގައިފި. އެންގީ ރައްޔިތުންނަށް ދަތިނުވާ ގޮތަށް ބިމުން ބަންޑާރަ ބައި ވަކިކޮށްލެވިދާނެހޭ. އަޅުގަނޑު ޖަވާބުދިނީ ވަކިކޮށްލެވިދާނެޔޭ. ދެން ރައީސް އޮފީހުން އެންގީ އެގޮތަށް ވަކިކޮށްލެވޭނެ ގޮތުގެ ޗާޓެއް ކުރަހާފަ ފޮނުވާށޭ. ދެން އަޅުގަނޑު ޗާޓެއް ކުރެހީ. އޭގައި ކުރެހިފައި ހުންނާނީ ރުކާ ބަނބުކޭލާ ކަނޑޫފަލާ ކުޅިއާ ހުރިހާއެއްޗެއްވެސް އެނގޭގޮތަށް. މިހާރުވެސް މަތިން ނެގިޔަސް އެގޮތަށް ހުންނާނީ. އަތޮޅުގެ ބޮޑެތި ރަށްރަށުގެ ޗާޓު ކުރަހާފައި ހުންނާނީ އަޅުގަނޑު." ޓެކްނޮލޮޖީގެ އެއްވެސް ވަސީލަތެއް ނެތް ދުވަސްވަރު ރަށްރަށުގެ ޗާޓު ކުރުއްސެވި ގޮތް ހިއްސާކުރައްވަމުން އިދުރީސްބެ ވިދާޅުވިއެވެ.

ފަޚުރުވެރި ޚިދުމަތްތެރި އާއިލާއެއް ބިނާކުރެއްވި

ރަސްމީ މަސައްކަތްތަކުގައި ކިތަންމެ އަވަދިނެތި އުޅުއްވަން ޖެހިވަޑައިގަތަސް ޤައުމާއި ރަށަށް ފައިދާހުރި ދަރިންތަކެއް ތަރުބިއްޔަތުކުރެއްވުމުގެ މަސައްކަތުގައި އެންމެ އިންޗިއެއްވެސް އިދުރީސްބެ ފަހަތަކަށް ޖެހިވަޑައެއް ނުގަންނަވައެވެ. 10 ބޭފުޅުން ލިބިވަޑައިގެންނެވިއިރު އެއިން ކޮންމެ ބޭފުޅަކީވެސް އިދުރީސްބެ ފަދަ އިޚުލާސްތެރި ޚިދުމަތްތެރިއެކެވެ. ދިވެހި ދައުލަތަށް ގިނަ ދުވަހު ޚިދުމަތްކުރުމުގެ އިނާމު އިދުރީސްބެއަށް ލިބިވަޑައިގެންނެވިއިރު ހަމަ މި އިނާމު އިދުރީސްބެގެ ދެ ބޭފުޅަކަށްވެސް ލިބިވަޑައިގެންފައިވެއެވެ.

އެއީ ކިޔަވައިދިނުމުގެ ދާއިރާގައި އުލިގަމު މަދަރުސާގައި މަސައްކަތްކުރައްވާ ފަހީމާ އިދުރީސަށާއި ސިއްޙީ ޚިދުމަތުގެ ދާއިރާގައި މަސައްކަތްކުރައްވާ އުލިގަމު ކޮމިއުނިޓީ ހެލްތު ވޯކަރ ފަތުހުﷲ އިދުރީސަށެވެ. އިދުރީސްބެގެ 10 ބޭފުޅުންގެ ތެރެއިން ގިނަ ބޭފުޅުން މިއަދު ތިއްބެވީ ވަޒީފާތަކުގައި ޒިންމާދާރު މަޤާމުތަކުގައެވެ. އިދުރީސްބެގެ ވިއްސަށްވުރެ ގިނަ ކާފަދަރިން އެބަތިއްބެވެ. އިދުރީސްބެ ފާހަގަކުރެވެނީ ކާފަދަރިންދެކެވެސް އިންތިހާއަށް ލޯބިފުޅުވާ ބޭފުޅެއްގެ ގޮތުގެވެ. 2007ވަނަ އަހަރު ޓެލެވިޜަން މޯލްޑިވްސްއިން ކުރިއަށް ގެންދިޔަ ލާމަސީލު މާމަ ކާފަ އެވޯޑަށްވެސް އިދުރީސްބެ ވަނީ ވާދަކުރައްވާފައެވެ.

ޤައުމީވަންތަ ޝަޚުސިއްޔަތެއް

ވަޠަނީ ލޯބީގައި އިދުރީސްބެއަކީ ދިވެހިންނަށް މިސާލެކެވެ. 1986ވަނަ އަހަރު އުލިގަމަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަސައްކަތްތަކުގައި ރަށުގެ ރައްޔިތުންގެ މެދުގައި ވަޠަނީ ރޫޙު އުފައްދައިދީ އިދުރީސްބެގެ އަމިއްލަ ޖީބުން ޚަރަދުކުރައްވައިގެންވެސް ރަށަށް ކަރަންޓު ފޯރުކޮށްދެއްވުމުގައި ދެއްކެވީ ހިތްޕުޅުގައި ރަށަށް އޮތް ލޯތްބާއި ކުލުނެވެ. އުލިގަމު ސްކޫލުގެ ވަށާ ފާރު ރާނަން ޖެހުނު ވަގުތު އެކަމަށްވެސް އިސްނެންގެވީ އިދުރީސްބެއެވެ. މަސައްކަތް ކުރާ މީހުންގެ މެދުގައި ޖޯޝާއި ފޯރި އުފައްދަވައިގެން އުލިގަމު ސްކޫލުގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް ނިންމާލީ 18 ގަޑިއިރުންކަމަށް އިދުރީސްބެ ވިދާޅުވިއެވެ. އަދި އުލިގަމު މީހުން ދިއްދުއަށް ބަދަލުކުރަންޖެހުމުން ރައްޔިތުންގެ ކަންކަން ގާތުން ބަލައި، ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ފިއްލަވައިދެއްވުމުގައި ވަކި ރައްޔިތަކު ތަފާތު ކުރުމެއްނެތި އިދުރީސްބެ މަސައްކަތްކުރެއްވިއެވެ.

ބައި ޤަރުނަށްވުރެ ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރުމުގައި ދެމިހުރުމުގެ ސަބަބެއްގެ ގޮތުގައި އިދުރީސްވެ ވިދާޅުވާ ވާހަކަފުޅު ވަރަށް ތަފާތެވެ. އެއީ އިދުރީސްބެގެ ބައްޕާފުޅު ދެއްވި ނަސޭހަތުގައި ހިއްޕަވައިގެން ކުރިއަށް ވަޑައިގަތުމެވެ.

"ޚިދުމަތުގައި ދެމިހުރުމުގެ ސިއްރަކީ އަޅުގަނޑުގެ ބައްޕަ. އަޅުގަނޑުގެ ބައްޕަ ބުނެފައި އޮންނަނީ އަމިއްލަ ކަމެއް ނުކުރެވުނަސް ހަވާލުވެފައި ހުންނަ ރަސްމީ ކަންކަން ކުރަންޖެހޭނެޔޭ" އިދުރީސްބެ ބުންޏެވެ.

އަދުގެ ޖީލަށް، އިދުރީސްބެގެ ނަސޭހަތެއް

މިފަދަ ޚިދުމަތްތެރިންގެ މަސައްކަތަށް މުޅި ޤައުމު ކުރުނީސްކުރާނެކަން ޔަގީނެވެ. އިދުރީސްބެއަކީ މިއަދުގެ ޒުވާނުންނަށް ހުރި އަގުހުރި ފިލާވަޅެކެވެ. ޤައުމީ ޝަހުސިއްތަކެވެ. ލާމަސީލު ބައްޕައެކެވެ.

"މިއަދުގެ ޒުވާނުންނަށް ބުނެލަން އޮތީ ވަޒީފާއެއް ލިބިއްޖެއްޔާ އެ ވަޒީފާގެ ވާޖިބުތައް ދެނެގަނެ އެވާޖިބުތައް އަދާކުރަންޖެހޭނެޔޭ. ކުރާހިތްވާ ކިތަންމެ ކަމެއް ވަޒީފާއަށްޓަކައި ދޫކޮށްލަންޖެހިދާނެޔޭ"

މުޅި ތިލަދުންމައްޗާ ދިވެހި ޤައުމު ފަޚުރުވެރިވާނެ ޚިދުމަތްތަކެއް ކުރައްވާފައިވާ އިދުރީސްބެގެ ވާހަކަފުޅު ނިންމަވާލެއްވީ ސުމުއްވުލް އަމީރު މުހައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ޅެންބައިތެއް ވިދާޅުވަމުންނެވެ.

"ކުރުނުކުރާށޭ ޤައުމީ ހިންމަތް - ދުރު ނުވެވޭނޭ އޭރުން ނިޢުމަތް"