ޚަބަރު

"ބަރމިންގހަމް 2022- ކްއީންސް ބެޓްން"އަށް ރާއްޖެއިން މަރުޙަބާ


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، "ބަރމިންގހަމް 2022- ކްއީންސް ބެޓްން" ނުވަތަ ކޮމަންވެލްތް ގޭމްސްގެ ދަންމަރަށް ދިވެހިރާއްޖެއިން ރަސްމީކޮށް މަރުޙަބާ ކިޔުމަށް ބޭއްވެވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފިއެވެ.

މިއަދު ހަވީރު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވެސް ވަނީ އެމަނިކުފާނުގެ އަރިހުގައި މިރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފައެވެ.

މި ރަސްމިއްޔާތުގައި، ކޮމަންވެލްތް ގޭމްސް އެސޯސިއޭޝަން މޯލްޑިވްސްގެ ރައީސް އަދި މޯލްޑިވްސް އޮލިމްޕިކްސް ކޮމިޓީގެ ރައީސް މުޙައްމަދު ޢަބްދުއްސައްތާރު ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅަށް "ބަރމިންގހަމް 2022- ކްއީންސް ބެޓްން"ވަނީ އަރުއްވާފައެވެ. މީގެ އަދި "ބަރމިންގހަމް 2022- ކްއީންސް ބެޓްން"ގެ ރަސްމީ ޖަރޒީ ރައީސުލްޖުމްހޫރިއްޔާއަށާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ އަރުވާފައެވެ.

ކޮމަންވެލްތް ގޭމްސްގެ "ކްއީންސް ބެޓަން ރިލޭ" ފަށާފައި ވަނީ 2021ވަނަ އަހަރުގެ އޮކްޓޫބަރު މަހު 7ވަނަ ދުވަހުގައި އިނގިރޭސިވިލާތުންނެވެ. އެއަށްފަހު، ކްއީންސް ބެޓަންގެ ތާރީޚީ ދަތުރުގައި، ކޮމަންވެލްތްގެ 72 ޤައުމަށް މި ދަންމަރު ގެންގޮސް 294 ދުވަހުގެ ތެރޭގައި ކޮމަންވެލްތްގެ ހުރިހާ ކަންކޮޅަކަށް ގެންދާނެއެވެ. މި ދަތުރުން ރަމްޒުކޮށްދެނީ އުންމީދާއި، އެއްބައިވަންތަކަމާއި، ކޮމަންވެލްތްގެ އެއްޤައުމު އަނެއް ޤައުމާ އެކު އޮންނަ ގުޅުމެވެ.

16ވަނަ ރަސްމީ ކްއީންސް ބެޓްން ރިލޭގެ ތާރީޚީ ދިގު ދަތުރު ނިންމާލާނީ 2022ވަނަ އަހަރުގެ ޖުލައި މަހުގެ 28ވަނަ ދުވަހުގައި ބަރމިންގހަމްގައި ބާއްވާ ކޮމަންވެލްތް ގޭމްސް ގެ ހުޅުވުމުގެ ރަސްމިއްޔާތަށްފަހުއެވެ.