ޚަބަރު

ރިލްވާން ހޯދުމަށް ކުރެވޭނެ ހުރިހާ ކަމެއް ކުރުމަށް ދަންނަވައިފި


ވީނުވީ ގޮތެއް ނޭގި ގެއްލިފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަޙްމަދު ރިލްވާން ހޯދުމުގެ މަސައްކަތަށް ސަރުކާރުން ކޮށްދެވެން ހުރި ހުރިހާ މަސަކަތެއް ކޮށްދެއްވުމަށް ހޯމް މިނިސްޓަރ އުމަރު ނަސީރަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމިން އަަބްދުލް ޤައްޔޫމް ދަންނަވައިފިއެވެ.ރައީސުލްޖުމުހޫރިއްޔާ މިގޮތަށް ދަންނަވާފައިމިވަނީ، ރިލްވާން ގެ އާއިލާއިން ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ފޮނުއްވި ސިޓީއަކާއި ގުޅިގެންކަމަށް ހޯމް މިނިސްޓްރީން ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެެވެ. މިކަމާއި ގުޅިގެން ޕީ.އެސް.އެމަށް މައުލޫމާތުދެއްވަމުން ހޯމްމިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ރިލްވާން ގެއްލުނު މައްސަލައިގައި ކުރިން ހޯދާފައިވާ ހުރިހާ ހެކިތަށް އަލުން ބަލައި ދިރާސާކުރަން މިއަދު ފަށާފައިވާކަމަށެވެ. 2014 ވަނަ އަހަރުގެ އޮގަސްޓުމަހުގެ ތެރޭގައި ރިލްވާންއަށް ވީނުވީއެއް ނޭގި ގެއްލިގެން ހޯދަން ފަށާފައިވާއިރު، މިދިޔަ ސެޕްޓެމްބަރުމަހުގެ 21 ގައި ރިލްވާނުގެ އާއިލާއާ ބައްދަލުކުރެއްވުމަށްފަހު ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވީ، ރިލްވާން ގެއްލުނު ހާދިސާގެ ހަގީގަތް ހޯދުމަށް ސަރުކާރުން ނުފުރޮޅާނެ އެއްވެސް ގާކޮޅެއް ނޯންނާނެކަމުގައެވެ.