ކުޅިވަރު

ފަހަތުން އަރައި ވެސްޓް ހޭމުން ވަޓްފޯޑް ބަލިކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑުން ފަހަތުން އަރާ ވަޓްފޯޑް ބަލިކޮށްފިއެވެ. ވަޓްފޯޑްގެ ދަނޑުގައި ކުޅުނު މިމެޗް ވެސްޓް ހޭމްއިން ކާމިޔާބުކުރީ ހަތަރު ލަނޑު އެއްލަނޑުންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ވެސްޓް ހޭމްއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ވަޓްފޯޑުންނެވެ. މެޗްގެ 4 ވަނަ މިނެޓްގައި ވަޓްފޯޑުން ވަނީ މިމެޗްގައި ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އެމަނުއެލް ޑެނިސްއެވެ. މިލަނޑާއެކު ފަހަކަށް އައިސް ވެސްޓް ހޭމަށް ދިމާވެފައިވާ މެޗަކުން މޮޅުނުވެވުމުގެ ސިލްސިލާ އިތުރަށް ކުރިއަށް ދާނެކަމަށް ބެލެވުނެވެ. ނަމަވެސް ވެސްޓް ހޭމްގެ ކުޅުންތެރިން ހިތްވަރު އެލުވާނުލައި ކުޅުމުގެ ނަތީޖާއަކަށް ވީ މެޗްގެ 27 ވަނަ މިނެޓްގައި ތޯމަސް ސޫޗެކް ޖަހައިދިން ލަނޑާއެކު މެޗްގެ ނަތީޖާ ހަމަހަމަ ކުރުމެވެ. އަދި އޭގެ ދެމިނެޓްފަހުން ސައިދު ބެންރަހްމާން ޖަހައިދިން ލަނޑާއެކު މެޗްގައި ފުރަތަމަ ފަހަރަށް ވެސްޓް ހޭމުން ލީޑު ނެގިއެވެ. މިދެލަނޑު ޖެހުމުގެ ކުރިންވެސް ވެސްޓް ހޭމުން ދިޔައީ ނުރައްކާތެރި ހަމަލާތަކެއް ވަޓްފޯޑުގެ ގޯލަށް ކުރަމުންނެވެ. މިމެޗްގައި ވެސްޓް ހޭމްގެ ތިންވަނަ ލަނޑު މެޗްގެ 58 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ޖަހައިދިނީ މާކް ނޯބަލްއެވެ. އަދި ފަހު ލަނޑު މެޗްގެ އިތުރު ވަގުތުގައި ޖަހައިދިނީ ނިކޮލާ ވްލަސިޗްއެވެ. މިއީ ލީގުގައި ވެސްޓް ހޭމް ހަތް މެޗަށްފަހު މޮޅުވި ފުރަތަމަ މެޗެވެ.

މިކާމިޔާބީއާއެކު ވެސްޓް ހޭމް އުޅެނީ ކުޅުނު 19 މެޗުން ލިބިފައިވާ 31 ޕޮއިންޓާއެކު ތާވަލްގެ ފަސް ވަނައިގައެވެ. އަދި މެޗަށްފަހު ވާހަކަ ދައްކަމުން އެޓީމުގެ ކޯޗް ޑޭވިޑް މޮއެސް ބުނީ ގަދަ ހަތަރަކާމެދު އޭނާ މިހާރު ނުވިސްނާކަމަށެވެ. މިހާރު އެންމެ ބޮޑު އިސްކަމެއް ދެމުން އަންނަނީ އަލުން ޓީމް ހަމައަކަށް އަޅުވާ ކުޅުން ރަނގަޅު ކުރުމަށް ކަމަށެވެ. މިމެޗުން ބަލިވުމުން ވަޓްފޯޑް އުޅެނީ 17 މެޗުން ލިބިފައިވާ 13 ޕޮއިންޓާއެކު ތާވަލްގެ 17 ވަނައިގައެވެ.