ޚަބަރު

ފަހިދިރިއުޅުމުން ހުޅުމާލޭގައި އިމާރާތްކުރާ ހައުސިންގ ޔުނިޓުތަކުގެ އެޑްވާންސް ދައްކައިފި


ފަހި ދިރިއުޅުން ކޯޕަރޭޝަނުން ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ 4000 ހައުސިންގ ޔުނިޓުގެ އެޑްވާންސް ފައިސާ ދައްކައިފިއެވެ.

އެގޮތުން ފަހި ދިރިއުޅުން ކޯޕަރޭޝަނާއި އެން.ބީ.ސީ.ސީ އާއި ދެމެދު ހުޅުމާލޭ 2 ވަނަ ފިޔަވަހީގައި 2000 ހައުސިންގ ޔުނިޓު އިމާރާތްކުރުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ޕޭމަންޓާއި އެ ކޯޕަރޭޝަނުން ޖޭ.އެމް.ސީ ޕްރޮޖެކްޓްސް ލިމިޓެޑާއެކު 2000 ހައުސިންގ ޔުނިޓު އެޅުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން ދައްކަންޖެހޭ އެޑްވާންސް ފައިސާ ދައްކާފައިވާ ކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން މަޢުލޫމާތު ދެއެވެ.

މިއިން ކޮންމެ މަޝްރޫޢެއްގައި 16 ޓަވަރު އިމާރާތް ކުރެވޭނެއެވެ. އެގޮތުން 2 ކޮޓަރީގެ ޔުނިޓްތަކަށް ޚާއްސަކުރެވިފައިވާ ޓަވަރުތަކާއި 3 ކޮޓަރީގެ ޔުނިޓްތަކަށް ޚާއްސަކުރެވިފައިވާ ޓަވަރުތައް އިމާރާތް ކުރެވޭނެ ކަމަށާއި މިއިން ކޮންމެ ޓަވަރެއް ޑިޒައިން ކޮށްފައިވަނީ 17 އަދި 18 ފަންގިފިލާ ހިމެނޭގޮތަށް، ކޮންމެ ޓަވަރެއްގައި 3 ލިފްޓް ހިމަނައިގެން ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. މީގެ އިތުރުން މީހުން ދިރިއުޅޭ ކޮންމެ ފަންގިފިލާއެއްގައި 8 ރެޒިޑެންޝިއަލް ޔުނިޓް ހުންނާނެއެވެ.

މި ދެ މަޝްރޫޢުގެ ތެރެއިން ކޮންމެ މަޝްރޫޢެއްގައިވެސް 900 އަކަފޫޓުގެ 3 ކޮޓަރީގެ 1400 ޔުނިޓާއި 650 އަކަފޫޓުގެ 2 ކޮޓަރީގެ 600 ޔުނިޓް ހުންނާނެ ކަމަށް އެކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ. މިކްސްޑް ރެސިޑެންޝަލް ޑިވެލޮޕްމަންޓް މޮޑެލްއަށް ރާވާފައިވާ މި ޔުނިޓްތަކުގައި ދިރިއުޅޭ ފަރާތްތަކަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގްރައުންޑް ފްލޯރ އާއި ފަސްޓް ފްލޯރގައި ރީޓެއިލް އައުޓްލެޓްތަކާއި ޕަރކިންގ ވެސް ހުންނާނެ ކަމަށް އެކޯޕަރޭޝަނުން މަޢުލޫމާތުދެއެވެ.

މި 2 މަޝްރޫޢުގެ އަމަލީ މަސައްކަތް ފެށުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން އަންނަނީ ތައްޔާރު ވަމުންނެވެ.