ޚަބަރު

މޯލްޑިވްސް އޭވިއޭޝަން އެކަޑަމީ ހުޅުވައިފި


މޯލްޑިވްސް އޭވިއޭޝިޔަން އެކަޑަމީ ހުޅުވައިފިއެވެ. މިއެކަޑަމީއަކީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާއި، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީއިން ޗެކް ރިޕަބްލިކްގެ ޕްލައިން ސްކޫލެއް ކަމަށްވާ ފްލައިންގ އެކެޑަމީއާ ގުޅިގެން ހިންގާ އެކަޑަމީއެކެވެ. އެކަޑަމީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޤައުމީ ޔުނިވަރސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

އައިލެންޑް އޭވިއޭޝަނާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ގުޅިގެން ފްލައިން ސްކޫލެއް ހިންގުމަށް ޖޮއިންޓް ވެންޗަރ ކުންފުންޏެއްވަނީ އުފައްދާފައެވެ. އޭވިއޭޝަން ދާއިރާއިން މީހުން ބިނާކުރުމަށް ޚާއްސަކޮށްގެން އުފައްދާ ފްލައިން ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ އައްޑޫ ސިޓީ ގަން އިންޓަރނޭޝަނަލް އެއަރޕޯޓުގައެވެ.

މޯލްޑިވްސް އޭޝިޔަން އެކަޑަމީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވައިސް ޗާންސެލާ ޑރ. މުޙައްމަދު ޝަރީފް ވިދާޅުވީ މި އެކަޑަމީއަކީ އެއަރޕޯޓު ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް ތަމްރީނުކުރުމުގެ ބޭނުމުގައި އުފައްދާ އެކަޑަމީއެއް ކަމަށެވެ. އަދި މި އެކަޑަމީއަކީ ރާއްޖޭގެ ވައިގެ އުދުހުންތަކަށް އިންގިލާބީ ބަދަލެއް ގެނުވާނެ މަރުކަޒަކަށް ވެގެންދާނެ ކަމަށް އުންމީދު ކުރެވޭކަމަށްވެސް މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

" އެއަރޕޯޓުތައް ގިނަވި ވަރަކަށް މަތިންދާ ބޯޓާއި ބެހޭ ވަޒީފާތައްވެސް އިތުރުވާނެ. އިންޖިނިއަރުންނާއި ޕައިލެޓުން. ސެކިއުރިޓީ މެނޭޖަރުންނާއި ހޮސްޓެސްއިން. ބިޒްނަސް ދާއިރާގެ މާހިރުންނާއި ހުނަރުވެރި މަސައްކަތްތެރިން. އަދި މީގެ އިތުރުން ޓިކެޓިންގ އާއި ފުރާ މީހުންނާއި ނުފެންނަ ގޮތަށް މަސައްކަތްކުރާ މި ދާއިރާގެ އެތައް މީހުންނެއް އިތުރުވެގެންދާނެ " ވައިސް ޗާންސެލަރ ޑރ. މުޙައްމަދު ޝަރީފް ވިދާޅުވިއެވެ.

އޭވިއޭޝަން ދާއިރާއިން މީހުން ބިނާކުރުމަށް ޚާއްސަކޮށްގެން އުފައްދާ މި ފްލައިން ސްކޫލް ހިންގުމަށް ހަމަޖެހިފައިވަނީ ޗެކްރިޕަބްލިކްގެ ފްލައިން އެކަޑަމީންނެވެ. އެ އެކަޑަމީއާއި ސްކޫލް ހިންގަން ޙަވާލުކުރަން ނިންމީ އޯޕަން ޓެންޑަރިންއަށް ހުޅުވާލުމުން ލިބުނު ޕްރޮޕޯސަލްތަކަށް ބަލާ، މަސައްކަތުގެ ކޮލެޓީއާއި ތަޖުރިބާއަށް ބެލުމަށްފަހުއެވެ.

މޯލްޑިވްސް އޭޝިޔަން އެކަޑަމީ ހުޅުވާ މިއެކަޑެމީގައި ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ކޯހަށް ކުރިމަތިލުމުގެ ފުރުސަތު ވެސް ހުޅުވާލާފައެވެ. މިސްކޫލުން ކޮންމެ އަހަރަކު 80 ކުދިންނަށް ޖާގަ ދޭން ނިންމައިފައިވާއިރު، ފުރަތަމަ ބެޗުން 30 ކުދިންނަށް ޖާގަ ދިނުމަށް ވަނީ ނިންމައިފައެވެ. ފްލައިން ސްކޫލުގެ ކިޔެވުން ފަށާއިރު އެންމެ ފުރަތަމަ އިސްކަމެއްދޭނީ އޭޝިއަން އެކަޑަމީ އޮފް އެއިރޯނޮޓިކްސްއިން އައްޑޫގައި ހިންގަމުން އަންނަ ފްލައިންގ ސްކޫލުން ތަފާތު ސަބަބުތަކާހެދި ކިޔެވުން ފުރިހަމަ ނުކުރެވި ތިބި ދަރިވަރުންނަށްކަމަށާއި، އެ ދަރިވަރުންގެ ކޯސް ފީގެ އަގުތަކަށްވެސް ދެވެންހުރި ލުއިތައް ދެމުންދާނެ ކަމަށް އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މިހާދުވަނީ ވިދާޅުވެފައެވެ.

މިސްކޫލުން ފުރަތަމަ ދޭން ހަމަޖެހިފައިވަނީ ފްލައިން ޓްރެއިނިންގއެވެ. އެހެންނަމަވެސް ކައިރި މުސްތަގްބަލެއްގައި އިތުރު ޕްރޮގްރާމްތައް ތައާރަފް ކުރެވިގެންދާނެއެވެ. މިފްލައިން އެކަޑަމީގެ ދަށުން އެންމެ ފުރަތަމަ ގެންދަން ހަމަޖެހިފައިވަނީ ދެ މަސް ދުވަހުގެ ރިފްރެޝް ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގައި 50 ގަޑިއިރުގެ ތިއަރީއާއި ފްލައިން ކުރިއަށްދާނެއެވެ. އައިލެންޑް އޭވިއޭޝަނާއި، އެމް.އެން.ޔޫ ގުޅިގެން އުފައްދާ ފްލައިން ސްކޫލް މެދުވެރިކޮށް، ރާއްޖޭގެ އިތުރުން، އެހެން ޤައުމުތަކުގެ ދަރިވަރުންނަށްވެސް ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ވިދާޅުވެއެވެ.

ޕައިލެޓުން ތަމްރީނުކުރުމަށްޓަކައި ލަންކާގެ އޭޝިއަން އެކެޑެމީ އޮފް އޭއިރޮނޯޓިކްސްއިން ވަނީ އައްޑޫ ފްލައިން ސްކޫލެއް ހިންގާފައެވެ. އެއީ 2010 އިން ފެށިގެން ހިންގަމުން އައި ތަނެކެވެ. އެތަނުގައި ކިޔަވާ ދަރިވަރުންނަށް އެކަށީގެންވާ ގޮތެއްގައި ތަމްރީނު ނުދެވޭ ކަމަށް ބުނެ މިތަނުގެ ދަރިވަރުންގެ ޝަކުވާ ބޮޑުވެ އެތަނާއި މެދު ސަރުކާރުންވެސް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ.