ޚަބަރު

ދޭދޭ މީހުންގެ މެދުގައި އިޙްތިރާމްގެ ބްރިޖް ބިނާކުރަންޖެހޭ


މާލެއާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖެކޭ އެއްފަދައިން، އަޚުވަންތަކަމުގެ ގުޅުން ވަރުގަދަކޮށް،
ދޭދޭ މީހުންގެ މެދުގައި އިޙްތިރާމްގެ ބްރިޖް ބިނާކުރުމަށް ހައުސިންގ މިނިސްޓަރ ޑރ.
މުޙައްމަދު މުޢިއްޒު އިލްތިމާސްކުރައްވައިފިއެވެ. އެމަނިކުފާނު މިކަމަށް
އިލްތިމާސްކުރެއްވީ ޗައިނާ "މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖްގެ" ޢަމަލީ މަސައްކަތް
ފެއްޓެވުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު
ދައްކަވަމުންނެވެ. 

"ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް" އެޅުމުގެ މަސައްކަތް
ފެށްޓެވުމަށް ދަރުބާރުގޭގައި ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން
ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، މިވަގުތަކީ ހަމައެކަނި
މާލެ-ހުޅުލެ ގުޅާލާ ބްރިޖް އަޅަން ފެށުމުގެ ވަގުތު ނޫންކަމަށާއި، އަދުގެ ދިވެހި
މުޖުތަމަޢުއަށް ބަލާއިރު، އިތުރު ބްރިޖްތަކެއް އަޅަންޖެހޭކަމަށެވެ. މިނިސްޓަރ އެ
އިޝަރާތްކުރެއްވީ އަޅުގަނޑުމެންގެ ދޭދޭ ގުޅުން ބަދަހިކުރުމުގެ މުއްހިއްމުކަމުގެ
މައްޗަށެވެ. މިނިސްޓަރ ވިދާޅުވީ، މީ އެއްމުސްލިމު އަޚަކާއި، އަނެއް މުސްލިމް އަޚަކާއި އުޚްތަކާ ދެމެދު
އޮންނަންވީ އަޚްވަންތަކަމުގެ ބްރިޖް ޤާއިމްކުރަންވީ ވަގުތުކަމަށެވެ. 

ވެރިންނާއި
ރައްޔިތުންނާއި، އަދި ކޮންމެ ދެމީހެއްގެ
ދެމެދުގައި އޮންނަންވީ އިންސާނީވަންތަކަމާއި އޯގާތެރިކަމުގެ ބްރިޖް އަޅަންވީ ވަގުތުކަމަށެވެ.
އިޙްތިރާމްކުރުމާއި، އޯގާތެރިކަމުގެ ރީތި ސިފަ އަށަގަންނަންވީ ވަގުތުކަމަށެވެ. މި
ގުޅުންތަކަކީ ކޮންމެ ދިވެއްސަކުމެ، ފަރުދީ ފެންވަރުގައި އަމިއްލައަށް ބިންގާ
އަޅަންވީ ބްރިޖުތަކެއްކަމަށް ވިދާޅުވެ، ދިވެހިންގެ ދޭދޭ ގުޅުމާއި އަދަބު
އިޙްތިރާމްގެ ބްރިޖު ކޮންމެ ދިވެއްސެއްގެ ދެމެދުގައި އެޅުމަށް މިނިސްޓަރ
އިލްތިމާސްކުރެއްވިއެވެ.މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ރާއްޖެއާއި ސީނުކަރައާ ދެމެދު އޮތް ގުޅުމަށް
ތާރީޚުން ހެކިދައްވާފައި. ދެގައުމުގެ ދެމެދު ސިޔާސީ ރަޙުމަތްތެރިކަމުގެ މާނަވީ
ބްރިޖެއް އަޅުއްވާފައިވާކަން ފާހަގަކުރައްވައި، މިނިސްޓަރ މުޢިއްޒު ވިދަޅުވީ، މާލެ ހުޅުލޭ ގުޅަލާ ބްރިޖުން
ބޭރުގެ ޤައުމުތަކާއި އޮންނަ ގުޅުމުގެ މާނަވީ ރަމްޒު ތަމްސީލްކޮށްދޭކަމަށެވެ. މިކަމުން
ރައީސް ޢަބްދުﷲ ޔާމީންގެ ދުރުވިސްނުންފުޅު ހާމަކޮށްދޭކަމަށް ވިދާޅުވި.
ރައްޔިތުންގެ ހުވަފެންތައް ހަޤީގަތަކަށް ހައްދަވައިދެއްވުމަށް، މިއީ ރައީސް
ޔާމީންގެ ހަރުދަނާ ސިޔާސަތުގެ ދަށުން ސީނުކަރައާއި ރާއްޖެއާއި ދެމެދު ބިނާކުރެވޭ
ރަޙުމަތްތެރިކަމުގެ ބްރިޖެއްކަމަށް ވިދާޅުވިއެވެ.

މިނިސްޓަރ މުޢިއްޒުގެ ވާހަކަފުޅު ނިންމަވާލެއްވީ ޤައުމާމެދު ކުރައްވާ އުންމީދުތައް
ޙިއްޞާކުރައްވަމުންނެވެ. އެއީ ބޭރުގެ ޤައުމުތަކާ ގުޅުން ބަދަހިވެ ދިވެހީންގެ
އަމިއްލަ މިނިވަންކަމާއި އިސްތިޤުލާލު ދިވެހިންނަށް ކަށަވަރުވެފައި އޮތުމަކީ އެންމެ
ބޮޑު އުއްމީދުކަމަށް ވިދާޅުވިއެވެ.  ދިވެހި
ދައުލަތުގެ މައްޗަށް ދިވެހި ރައްޔިތުންގެ ބާރާއި މަނަސް ހިނގުންކަމަށާއި، އޭގެ
މައްޗަށް ތަރުތީބުވާ ފުދުންތެރިކަމާ ތިޔާގިކަމާއި މުޖުމަތަޢުގައި ހަމަޖެހުންކަމަށް
ވިދާޅުވިއެވެ. ކޮންމެ ދިވެއްސަކު އިޙްތިރާމާއެކު ހިނުތުންވެ ތިބެ، ތަރައްޤީއާއި
ތަހުޒީބުގެ އައު އުދަރެސްތަކަށް މިޤައުމު އުދުއްސައިގަތުންކަމަށް ހައުސިންގ
މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.