ދުނިޔެ

ތުރުކީއިން އިރާޤަށް އަނެއްކާވެސް ވަރުގަދަ ބަހުގެ ހަމަލާތަކެއް!


ތުރުކީވިލާތުން އިރާޤުގެ ސިޔާދަތާއި އިސްތިޤްލާލަށް އިހްތިރާމް ކުރާ ކަމަށާއި، އެހެން ނަމަވެސް އިރާޤުގެ ސަރަހައްދުގެ ތިންބައި ކުޅަ އެއްބައިގެ ކޮންޓްރޯލް ވަނީ އިރާޤު ސަރުކާރުގެ އަތް ދަށުގައި ނޫން ކަމަށް ތުރުކީވިލާތުގެ ބޮޑު ވަޒީރު ވިދާޅުވެއްޖެއެވެ.ތުރުކީވިލާތުގެ އަންކާރާގައި ހުންނަވާ ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުން ތުރުކީވިލާތުގެ ބޮޑު ވަޒީރު އަހްމަތު ދޯވުތޮގްލޫ ވަނީ އިރާޤަށް ތުރުކީން ފޮނުވާފައިވާ ސިފައިންނާއި ދެކޮޅަށް ބާރުގެ ބޭނުން ކުރާނެކަމަށް ބުނެ އިރާޤުން ދައްކާފައިވާ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. ދޯވުތޮގްލޫ ވިދާޅުވީ، އީރާޤުން ބާރުގެ ބޭނުން ކުރަން ބޭނުންވާ ނަމަ އިރާޤުގައި ހަރަކާތްތެރިވާ އައި.އެސް ޖަމާޢަތާއި ދެކޮޅަށް ބާރުގެ ބޭނުން ކުރުން މާ ރަނގަޅުވާނެ ކަމަށެވެ.ދޯވުތޮގްލޫ ވަނީ އިރާޤުގެ ރަމާދީއިން އައި.އެސް ހަނގުރާމަވެރިން ފައްސާލާފައިވާތީ މިކަމަށް އިރާޤު ސަރުކާރަށް މަރުޚަބާ ވިދާޅުވެފައެވެ. ތުރުކީވިލާތުން އިރާޤަށް ސިފައިން ފޮނުވި މައްސަލައިގައި ދެގައުމުގެ ދެމެދު ނުތަނަވަސްކަން ވަނީ އުފެދިފައެވެ.