ޚަބަރު

މާފުށީ ޕިކްނިކް އައިލެންޑް ރަށު ކައުންސިލާ ހަވާލުކުރެއްވުމަށް ރައީސް މާފުއްޓަށް


މާފުށީ ޕިކްނިކް އައިލެންޑް އެރަށު ކައުންސިލާ ހަވާލުކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު މިއަދު މާފުއްޓަށް ވަޑައިގަންނަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާން މުޙައްމަދު މަބްރޫކް އަޒީޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިއަދު މާފުއްޓަށް ވަޑައިގަންނަވާނީ، ޕިކްނިކް އައިލެންޑް، އެރަށު ކައުންސިލާ ޙަވާލުކުރުމަށް ބާއްވާ ރަސްމިޔާތުގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

ރައީސް މާފުއްޓަށް ކުރައްވާ އެއް ދުވަހުގެ މި ދަތުރުފުޅުގައި އެރަށު ކައުންސިލާއި، އަންހެންުންގެ ތަރައްޤީއަސް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވައި، ރަށުގެ މުހިންމު ތަންތަނަށް ރައީސުލްޖުމްހޫރިއްޔާ ޒިޔާރަތް ކުރެއްވުމަށްވަނީ ހަމަޖެހިފައެވެ.

މާފުށީ ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ބިން ހިއްކުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަސައްކަތް ސަރުކާރުން ޙަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމް.ޓީ.ސީ.ސީން ހާމަކުރެއްވީ މިޑިސެމްބަރު މަހުގެތެރޭގައެވެ.

ކ.މާފުށީ ޕިކްނިކް އައިލެންޑަކީ ރައްޔިތުން ދަތުރުގޮސްލާ، ހިތްހަމަޖެހޭ މާޙައުލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އަރޓިފިޝަލް ރަށެއްގެ ގޮތުގައި ހަދާ ކ.މާފުށީ ޕިކްނިކް އައިލެންޑަކީ ރަށް ކައިރި ފަޅުތެރެއިން 2 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކުރާ ރަށެކެވެ.

ކ.މާފުށީގެ ބިން ހިއްކުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތްވެސް އެމް.ޓީ.ސީ.ސީއާ ހަވާލުކޮށް، އެ މަސައްކަތް މިދިޔަ އޮކްޓޯބަރުމަހު ވަނީ މުޅިން ނިންމާފައެވެ. މިމަޝްރޫޢުގައި އެރަށު ފަޅުން 25 ހެކްޓަރުގެ ބިން ވަނީ ހިއްކާފައެވެ. އަދި 1100 ހެކްޓަރުގެ ސަރަޙައްދެއް ވަނީ ޙިމާޔަތްކޮށްފައެވެ. މި ޕްރޮޖެކްޓް ކުރިއަށްގެންދިޔައީ، ހިއްކި ސަރަޙައްދު މާފުއްޓާ ކޯޒްވޭއަކުން ގުޅާލާގޮތަށެވެ.

ޕިކްނިކް އައިލެންޑް ތަރައްޤީކުރުމުގެ 3 މަޝްރޫޢެއް ސަރުކާރުން އަންނަނީ ކުރިއަށްގެންދަމުންނެވެ. އޭގެތެރެއިން ކ. ގުރައިދޫ ޕިކްނިކް އައިލެންޑްގެ މަސައްކަތް ވަނީ ނިމިފައެވެ. މީގެ އިތުރުން މާލޭ ސަރަޙައްދަށް ޚާއްސަކޮށްގެން ތަރައްޤީކުރާ ޕިކްނިކް އައިލެންޑް، ކ. ކުޑަގިރީގެ ޢަމަލީ މަސައްކަތް ވަނީ ފަށާފައެވެ. މިކަމުގެ ޢަމަލީ މަސައްކަތް ފެށީ މިދިޔަމަހުގެ 6ވަނަ ދުވަހުއެވެ.