ޚަބަރު

ކޮންމެ އަތޮޅަކަށް އެސްޓީއޯއިން އޭޖެންޓެއް ހޯދަނީ!


އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ވިއްކާ އެކި ބްރޭންޑުތަކުގެ މުދާ ރާއްޖޭގެ ރަށްރަށުގައި ވިއްކާނެ އޭޖެންޓުން ހޯދުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.

މިކަމާ ގުޅޭގޮތުން އެސްޓީއޯއިން ވިދާޅުވެފައިވަނީ މިއީ މިބްރޭންޑްތަކުގެ މުދާ ރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދިނުމުގެ އިތުރުން، އެސްޓީއޯގެ ވިޔަފާރީގެ ތެރޭއަށް ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތަކުގެ ދައުރު ފުޅާކުރުމުގެ މަޤްޞަދުގައި ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެސްޓީއޯއިން އޭޖެންޓުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަށް ހޯދުމަށް އިއުލާން ކޮށްފައިވަނީ ހޯމަ ދުވަހުއެވެ. މިފުރުސަތު ހުޅުވާލާފައިވަނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ ނިޔަލަށެވެ.

އެސްޓީއޯއިން އޭޖެންޓަކަށް ވުމަށް ލުއިފަސޭހަ ގޮތްތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީގައި ވިޔަފާރިއެއްގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ކޮންމެ ފަރާތަކަށްވެސް އޭޖެންޓަކަށް ވުމުގެ ފުރުސަތު އޮންނާނެއެވެ. އެސްޓީއޯއިން އޭޖެންޓުން ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ އަތޮޅަކުންނެވެ. މިގޮތަށް ހޮވާ އޭޖެންޓުން މުދާ ވިއްކަންވާނީ އޭޖެންޓެއްގެ ގޮތުގައި ހޮވުނު އަތޮޅު ނުވަތަ އެހެން އޭޖެންޓެއް ނެތް އަތޮޅުތަކުގައެވެ.

އެސްޓީއޯއިން ވިދާޅުވީ އޭޖެންޓުން ދެ ގިންތިއަކަށް ނަގާ ކަމަށެވެ. އެއީ ފިހާރަ ހިންގާ ފަރާތްތަކާއި އޮންލައިން ވިޔަފާރި ކުރާ ފަރާތްތަކެވެ. މިގޮތަށް އޭޖެންޓުން ހޮވުމުގައި މިހާރުވެސް އެކުންފުންޏާއެކު ވިޔަފާރިކުރާ ފަރާތްތަކަށް އިސްކަން ދެވޭނެކަމަށް އެސްޓީއޯއިން ވިދާޅުވެއެވެ. އަދި މިގޮތަށް ނަގާ އޭޖެންޓުން އެއް އަހަރުގެ މުއްދަތުގެ ތެރޭގައި ކަނޑައެޅޭ މިންވަރަކަށް މުދާ ވިއްކަންވާނެކަމަށް އެކުންފުނިން ވިދާޅުވެއެވެ.

ސަރުކާރުގެ ވިޔަފާރި ކުންފުނި އެސްޓީއޯ ޕީޕަލްސް ޗޮއިސް ސުޕަމާޓް ހުޅުވާފައިވަނީ 1991 ގައެވެ. އަދި އޭގެ ފަހުން 1995 ގައި އެސްޓީއޯ ހޯމް އިމްޕްރޫމްވްމެންޓް ހުޅުވައި އެސްޓީއޯގެ ވިޔަފާރި ވަނީ ފުޅާކޮށްފައެވެ. އެސްޓީއޯއިން އޭޖެންޓުން ހޯދަނީ މި ދެތަނުން ވިއްކާ ސާމާނު އަތޮޅުތަކުގައި ވިއްކުމަށެވެ.