ޚަބަރު

ފަސް ސެޓަށް ގޮސްގެން ބަންގްލަދޭޝްއިން ރާއްޖެ ބަލިކޮށްފި


އޭވީސީ ސެންޓްރަލް ޒޯން ވޮލީބޯޅަ މުބާރާތުގައި އަންހެނުންގެ ބުރުގައި ރާއްޖެއިން 5 ސެޓަށް ގޮސްގެން ބަންގްލަދޭޝް އަތުން ބަލިވެއްޖެއެވެ.

މިމެޗްގައި ރާއްޖެއިން 2 ސެޓް ހޯދާފައިވާއިރު، މިމުބާރާތުގައި ރާއްޖެއިން އުޒްބެކިސްތާން، ސްރީ ލަންކާ، ނޭޕާލް، ކިރްގިސްތާން ވާދަކުރި މެޗްތަކުން ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. މިމެޗްގެ ސެޓްތަށް ބަންގްލަދޭޝްއިން ގެންދިޔައީ 17-25، 25-18، 25-23، 23-25 އަދި 17-15އިންނެވެ.

މެޗްގެ ފުރަތަމަ ސެޓްގައި ބަންގްލަދޭޝްއިން ސެޓްގެ ކުރީކޮޅުގައި މޮޅު ކުޅުމެއް ދެއްކިނަމަވެސް، ރާއްޖެއިންވަނީ ކުޅުން ރަގަނޅުކޮށް ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާފައެވެ. މެޗްގެ ކުރީކޮޅުގައި ބަންގްލަދޭޝްއިން ކުރި ހޯދިނަމަވެސް، ރާއްޖެއިންވަނީ މަޑުމަޑުން ބަންގްލަދޭޝްގެ މައްޗަށް ކުރި ހޯދާ ލީޑް ނަގާފައެވެ. މިސެޓްގައި ރާއްޖޭގެ އާމިނަތު ޝަހާ ޝާމިން އާއި އައިމިނަތު އަރީޝާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ. އެއާއެކު ރާއްޖެއިން 25-17އިން ކާމިޔާބުކުރިއެވެ.

މެޗްގެ ފުރަތަމަ ސެޓް ގެއްލުމާއެކު ބަންގްލަދޭޝްއިން ވަރަށް ބޮޑަށް އެޓީމްގެ ކުޅުން ރަގަނޅު ކުރިއެވެ. އަދި 2ވަނަ އަދި 3ވަނަ ސެޓްގައި ބަންގްލަދޭޝްއިން ރާއްޖޭގެ ކުޅުންތެރިންނަށް މާރަގަނޅު ކުޅުމެއްދޭ ގޮތެއްނުވިއެވެ. މެޗްގެ ދެވަނަ ސެޓްގައި ބަންގްލަދޭޝްއިން ލީޑްގައި އޮވެގެން ކުޅެމުން ގޮސް ސެޓް ކާމިޔާބުކުރިއެވެ. ދެވަނަ ސެޓްގައި ރާއްޖޭގެ ޓީމްއަށް ނުކުޅެވުނު ނަމަވެސް، މެޗްގެ ތިންވަނަ ސެޓް ދިޔައީ ވަދަށް ވާދަވެރިކޮށެވެ. އެއްވެސް ޓީމްއަށްކަމަށް މިސެޓގްއި މާބޮޑު ލީޑްއެއް ލިބިފައެއް ނުވެއެވެ. އެއްވަރުކޮށް ދިޔަ ސެޓް ރާއްޖެއަށް ގެއްލުނީ ފަހުވަގުތު ހެދުނު މިސްޓޭކްއެއްގެ ސަބަބުންނެވެ. މެޗްގެ ތިންވަނަ ސެޓް ބަންގްލަދޭޝްއިން ގެންދިޔައީ 25-23އިންނެވެ.

މެޗްގެ ހަތަރުވަނަ ސެޓްގައި ބަންގްލަދޭޝްއިން ކުޅުން ރަގަނޅުކޮށް ފެށިނަމަވެސް، އެޓީމަށް ހެދުނު ގޯސްތަކެއްގެ ފައިދާ ނަގައި ރާއްޖެއިން 11-11އިން ނަތީޖާ ހަމަހަމަކުރިއެވެ. ބަންގްލަދޭޝްއިން ޓައިމްއައުޓެއް ނެގިނަމަވެސް، އޭގެ ފައިދާ ކުރީ ރާއްޖެއަށެވެ. ރާއްޖެއިން ކުޅެންއަރާ، ލީޑް ނެގިއެވެ. އަދި ލީޑްގައި ކުޅެމުންގޮސް ރާއްޖެއިން މެޗްގެ ހަތަރުވަނަ ސެޓް ކާމިޔާބުކުރިއެވެ. އެއީ 25-23އިންނެވެ. މެޗްގެ ފަހު ސެޓްގައި ދެ ޓީމްއިންވެސް ކުޅެމުންދިޔައީ ވަރަށް ވާދަވެރިކޮށެވެ. އަދި އެއްވެސް ޓީމްއަކަށް މާބޮޑު ލީޑްއެއް ލިބިފައެއް ނުވެއެވެ. އަދި ދެ ޓީމަށްވެސް މެޗް ނިންމާލަން ލިބުނު ބޯޅަތަކުގެ ފައިދާ ނެގިފައިނުވާއިރު، ސެޓްގެ ފަހުކޮޅުގައި ސާވިސްތަކާއި ޑިފެންސް ބޯޅަތަކުން ގިނަ މިސްޓޭކްތަކެއް ހެދުނެވެ. ސެޓްގެ ފަހުކޮޅުގައި ބަންގްލަދޭޝްއިން ހޯދި ޕޮއިންޓްއާއެކު އެޓީމްއިން 17-15އިން ފަހު ސެޓް ކާމިޔާބުކޮށް، މެޗް ކާމިޔާބުކުރިއެވެ.