ޚަބަރު

އައިޔޫއެމްގެ ސްޓްރެޓެޖިކް ޕްލޭން އިފްތިތާޙުކޮށްފި


ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން 2021އިން 2025އަށް އިފްތިތާޙްކޮށްފިއެވެ.

އިސްލާމީ ޔުނިވަރސިޓީގެ ހޯލްގައި ބޭއްވި ރަސްމިއްޔާތުގައި "ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ސްޓްރެޓެޖިކް ޕްލޭން 2021-2025" އިފްތިތާޙްކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަނެވެ.

ކުރިއަށް އޮތް 5 އަހަރު ދުވަހަށް ކަނޑައެޅާފައިވާ މި ސްޓްރެޓެޖިކް ޕްލޭނަކީ އެޔުނިވަރސިޓީގެ ތަޞައްވަރާއި ޔުނިވަރސިޓީން މުސްތަޤުބަލަށް ރޭވިފައިވާ މަސައްކަތްތައް ކަނޑައަޅައި ހާޞިލްކުރަންޖެހޭ ލަނޑުދަނޑިތައް އެކަށައެޅުމަށްފަހު، ތައްޔާރުކޮށްފައިވާ ފަސް އަހަރުގެ ޕްލޭނެކެވެ. މިޕްލޭން އެކުލެވިގެންވަނީ 9 ކީ ރިޒަލްޓް އޭރިއާ (ކޭ.އާރް.އޭ)ގެ މައްޗަށެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ.އިބްރާހީމް ޙަސަން ވިދާޅުވީ އިސްނަގައިގެން، ރާވައިގެން އަދި ތަރުތީބުކޮށްގެން ކަންކަން ކުރުމަކީ ކާމިޔާބު ހޯދުމަށް ފަސޭހަވެ އަދި އަމާޒަށް ވާސިލުވުމަށް ފަސޭހަވެގެންދާނެ ކަމެއްކަމަށެވެ. އަދި ސްޓްރެޓެޖިކް ޕްލޭނެއް މުހިންމުވާ އެއް ސަބަބަކީ އެޕްލޭނުގެ ސަބަބުން އެ މަރުކަޒެއް ދަތުރުކުރަންވީ މިސްރާބު އެނގި ސާފުވެފައި އޮންނާނެތީކަމުގައި މިނިސްޓަރު ވިދާޅުވިއެވެ. ސްޓްރެޓެޖިކް ޕްލޭންއެއް ހަމައެކަނި އޮތުމަކުންވެސް ނުފުދޭކަމަށާ، މައްސަލަތަކާއި މަސައްކަތްތައް އަދި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ވަރަށް ސާފުކޮށް އެނގެންޖެހޭނެކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

" ސްޓްރެޓެޖިކް ޕްލޭން އޮތުމުގެ މައިގަނޑު ފަސޭހައަކީ މަސައްކަތް ހަލުވިވެފައި ކާމިޔާބުވުމުގެ ފުރުސަތު ބޮޑުކަން. އަދި މާކެޓަށް އަންނަ ބަދަލުތައް ދަސްކުރަން މަޖުބޫރުވުން އަދި ކޮމްޕެޓިޓިވް ވުމުގެ އެހެނިހެން ވިސްނުމާއި ފިކުރު ހޯދަން މަޖުބޫރުވުން. މިސަބަބުތަކަށްޓަކައި ސްޓްރެޓެޖިކް ޕްލޭންއެއް އޮތުން ވަރަށް މުހިންމު" ޑރ.އިބްރާހީމް ޙަސަން ވިދާޅުވިއެވެ.

މިހަފްލާގައި ސްޓްރެޓެޖިކް ޕްލޭނާ ގުޅޭ ރިޕޯޓެއް އިއްވިއެވެ. އަދި ޔުނިވަރސިޓީ ގެ ޑެޕިއުޓީ ވައިސް ޗާންސެލަރ (ރިސަރޗް އެންޑް އިނޮވޭޝަން) ޑރ.ދީބާ މޫސާ ވަނީ މި ސްޓްރެޓެޖިކް ޕްލޭންގެ ކުރު ތަޢާރަފެއް ދެއްވާފައެވެ. މީގެ އިތުރުން ވައިސް ޗާންސެލަރ ޑރ.އިބްރާހީމް ޒަކަރިއްޔާ މޫސާ ވަނީ ވާހަކަފުޅުދައްކަވާފައެވެ.

އައިޔޫއެމްގެ އެންމެ ބޮޑު އެއް އަމާޒަކީ މި ސްޓްރެޓެޖިކް ޕްލޭންއާ އެއްގޮތުގެމަތިން އެ ޔުނިވަރސިޓީއަކީ ކުރިއަރައިދާނެ އަދި ކުރާ މަސައްކަތް ކާމިޔާބު ކަމާއިއެކު ނިންމާ ޔުނިވަރސިޓީއަކަށްވުމެވެ.