ދުނިޔެ

ކަނޑުމަގުން ވިލާތަށް ދިޔަ ރެފިއުޖީންގެ 4،000 މީހުން މަރުވެއްޖެ


2015 ވަނަ އަހަރު ވެފައިވަނީ 2 ވަނަ ބޮޑު ހަނގުރާމައިގެ ފަހުން ވިލާތަށް އެންމެ ގިނަ ރެފިއުޖީން ހިޖުރަކުރި އަހަރަށެވެ. ހަނގުރާމައިގެ މައިދާނުތަކުންނާއި ފަޤީރު ގައުމުތަކުން ވިލާތުގެ ގައުމުތަކަށް ރެފިއުޖީން ހިޖުރަކުރި އިރު، މީގެ ތެރެއިން ގިނަ މީހުން ވިލާތަށް ގޮސްފައިވަނީ ކަނޑު މަގުންނެވެ.މިޤައުމުތަކުން ވިލާތަށް ހިޖުރަކުރާ ގިނަ ރެފިއުޖީން މައިގަނޑު ގޮތެއްގައި ދަތުރުކުރަމުންދަނީ މެޑިޓެރޭނިއަން ކަނޑާއި އާޖިއަން ކަނޑު ހުރަސްކޮށްފައެވެ. ކަނޑުމަގުން ވިލާތަށް މިއަހަރު 1 މިލިއަން ރެފިއުޖީން އައިސްފައިވާ ކަން ރެފިއުޖީންނާ ބެހޭ އދ. ގެ އިދާރާގެ އިތުރުން ހިޖުރަކުރުމާއި ބެހޭ ބައިނަލްއަޤްވާމީ ޖަމާޢަތުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ. ކަނޑުމަގުން ކުރާ ނުރައްކާތެރި މިދަތުރުތަކުގައި 4،000 މީހުން މަރުވެފައިވާކަމަށް މިއިދާރާތަކުން ބުނެއެވެ.ހިޖުރަކުރުމާ ބެހޭ ބައިނަލްއަޤްވާމީ އިދާރާއިން ބުނެފައިވަނީ ގައުުމުތަކަށް ވަގަށް މީހުން ގެންދާ ފަރާތްތަކުން ހާލަތުގެ ނާޖާއިޒް ފައިދާ ނަގައި މިކަމުން މާލީ ގިނަ ފައިދާތަކެއް ހޯދަމުންދާ ކަމަށެވެ. މި ގޮތުން މިފަދަ ފަރާތްތަަކަށް ޖުމްލަ އާމްދަނީގެ ގޮތުން 1 ބިލިއަން ޑޮލަރު ލިބިފައިވާނެ ކަމަށް އެޖަމާޢަތުން ބުނެއެވެ.އެޖަމާޢަތުން ބުނީ 2009 ވަނަ އަހަރުގެ ފަހުން ވިލާތުގެ ގައުމުތަކަށް ޤަވައިދާ ޚިލާފަށް މީހުން ސްމަގަލްކުރާ ފަރާތްތަކަށް ޖުމްލަ 10 ބިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބިފައިވާނެ ކަމަށެވެ. 2015 ވަނަ އަހަރު ވިލާތަށް ރިކޯޑް ނަންބަރަކަށް މީހުން ހިޖުރަކޮށްފައިވާ އިރު ދުނިޔޭގައި މިހާރު ރެފިއުޖީންގެ ގޮތުގައި އުޅެމުންދާ މީހުންގެ އަދަދު މިއަހަރު 60 މިލިއަން އަށް ވުރެ މައްޗަށް އަރާފައިވާ ކަމަށް ރެފިއުޖީންނާއި ބެހޭ އދ. ގެ އިދާރާއިން ބުނެއެވެ. މިކަމާއި ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އެއިދާރާގެ ތަރުޖަމާނު އެޑްރިއަން އެޑްވަޑްސް ވިދާޅުވީ، ރެފިއުޖީން މައްސަލަ ބޮޑުވެފައިވަނީ ޤައުމުތަކުގައި ހިނގަމުންދާ ހަނގުރާމައާއި ހަމަނުޖެހުންތަކުގެ ސަބަބުން ކަމަށާއި މިކަންކަމަށް ހައްލެއް އަދި ފެންނަން ނެތް ކަމަށެވެ."2016 ވަނަ އަހަރު ވެސް ވިލާތަށް އަންނަމުންދާ މީހުންގެ އަދަދެއް މަދެއް ނުވާނެ. އަމާޒަކީ މިކަމަށް ދާއިމީ އަދި ދެމެހެއްޓެނިވި ހައްލެއް ހޯދުން. 2015 މިވަނީ މިރޮނގުން ކުރިއެރުންތަކެއް ވެސް ހޯދިފައި. މި ގޮތުން ކަނޑު މަގުން އަންނަ ފަރާތްތައް ސަލާމަތްކުރުމާ، ގައުމުތަކުގެ ގޮނޑުދޮށްތަކަށް ރެފިއުޖީން ލެފުމާއެކު އެމީހުންނަށް މަރުޚަބާ ކިއުން ފަދަ ކަންކަން އިންތިޒާމީ ގޮތެއްގައި ކުރިއަށް ގެންދިއުމުގެ މަސައްކަތްވެސް ވަރަށް ކާމިޔާބު. އެހެން ނަމަވެސް  މިކަމުގައި އިތުރު ބުރަ މަސައްކަތްތަކެއް އަދިވެސް ކުރަން ޖެހޭކަން އަޅުގަނޑު ފާހަގަކުރަން"، ހެންރީ ވިދާޅުވިއެވެ.ވިލާތަށް މީހުން ހިޖުރަކުރި ސަބަބުތަކުގެ ތެރޭގައި ސޫރިޔާގެ ދާޚިލީ ހަނގުރާމައިގެ އިތުރުން ހުޅަނގު އެފްރިކާގައި ފެތުރުނު އެބޯލާ ބަލީގެ ހަމަނުޖެހުންތަކާއި ޔަމަނު، އަފްޣާނިސްތާނު އަދި އިރާޤުގައި ހިނގަމުންދާ ހަމަނުޖެހުންތައް ފާހަގަކޮށްލެވެއެވެ.