މޯލްޑިވްސް ގާރލް ގައިޑްސް އެސޯސިއޭޝަން އިން އިންތިޒާމްކޮށްގެން ބޭއްވާ 09ވަނަ ނޭޝަނަލް ސިކްސަރސް ކޭމްޕް 2021ގެ ލިޓްލްމެއިޑްސްގެ އެޑްވޮކަސީ ޙަރަކާތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ފަޒްނާ އަޙްމަދު ޝަރަފުވެރި ކޮށްދެއްވައިފިއެވެ.
09ވަނަ ނޭޝަނަލް ސިކްސަރސް ކޭމްޕް 2021 ގެ ތެރޭގައި ކުރިއަށް ގެންދާ ލިޓްލްމެއިޑްސްގެ އެޑްވޮކަސީ ޙަރަކާތަކީ ޑިސެމްބަރ މަހުގެ 26އިން 28ވަނަ ދުވަހާ ހަމައަށް ކުރިއަށްދާ ކޭމްޕެކެވެ. މި ކޭމްޕް ކުރިއަށްދާނީ ހުޅުމާލޭ ޣާޒީ ސްކޫލުގައެވެ.
މި ޙަރަކާތުގައި، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ނިއުޓްރިޝަން ލިބޭ ފަދަ އެކި ބާވަތްތަކުގެ ދުޅަހެޔޮ ކާނާ ކެޔުމުގެ މުހިންމުކަން ފާހަގަކުރައްވާ އެކަމާ ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައެވެ. ރަނގަޅު ކާނާ ނުލިބުމުގެ ސަބަބުން ނުވަތަ ނުކެއުމުގެ ސަބަބުން އަންހެން ކުދިންނަށް ދިމާވާ ސިއްޙީ މައްސަލަތަކުގެ މައްޗަށް އެކަމަނާ ވަނީ އަލިއަޅުއްވާލައްވާފައެވެ. އާންމުކޮށް ރާއްޖެއިން ލިބެން ހުންނަ ތަކެތި ބޭނުން ކޮށްގެންވެސް ޞިއްޙަތަށް ފައިދާހުރި ކާނާ ކެވޭނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން ކަސްރަތުކުރުމުގެ މުހިންމުކަމުގެ މައްޗަށް އެކަމަނާވަނީ ބައްލަވާލައްވާފައެވެ.
" ކަސްރަތު ކުރުމުގައިވެސް އަބަދުވެސް، އެއްކަމަކީ ވަގުތުނުވާ ވާހަކަ. އަނެއްކަމަކީ ބޭރަށް ގޮސް ކަސްރަތު ކުރަން ބިރުގަންނަ ވާހަކަ. އެކަހަލަ ބާއިވަރު ކަންތައްތަކުންވެސް އެކްޒްކިއުޒް ދެއްކޭނެ. ކޮންމެހެން މަގުމައްޗަށް ގޮސް ދުވާކަށްވެސް ނުޖެހޭނެ. ކޮންމެހެން ޓްރެޑްމީލްއެއް ނެތަސްވެސް ކަސްރަތު ކުރެވިދާނެ. " ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
މި ކޭމްޕުގައި ކުރިއަށްގެންދާ ގާރލް ޕަވަރޑް ނިއުޓްރިޝަންގެ މުގައްރަރަކީ ވޯރލްޑް އެސޯސިއޭޝަން ފޮރ ގާރލް ގައިޑްސް އެންޑް ގާރލް ސްކައުޓްސް (ވެގްސް) އަދި ނިއުޓްރިޝަން އިންޓަރނޭޝަނަލް ގުޅިގެން ތައްޔާރުކޮށްފައިވާ މުގައްރަރެކެވެ. މިޙަރަކާތުގެ ތެރެއިން ކެއުމުގައި ރަނގަޅު ކާނާ ހިމެނުމާއި ޙަރަކާތްތެރިވެ އުޅުމުގެ މުހިންމުކަން ދަސްކޮށްދިނުމަށް ކުދިންގެ ޢުމުރާ ގުޅޭގޮތުން ގިނަ ޙަރަކާތްތަކެއް ވަނީ ރޭވިފައެވެ.
މި ކޭމްޕަކީ ރާއްޖޭގެ ލިޓްލްމެއިޑް ޙަރަކާތް ހިންގާ ހުރިހާ ސްކޫލްތަކުގެ ޢުމުރުން 10 އަހަރާއި 11 އަހަރާއި ދެމެދުގެ 308 ލިޓްލްމެއިޑުން އަދި 75 ގައިޑަރސް އޮފިޝަލުން ބައިވެރިވާ ކޭމްޕެކެވެ. ރާއްޖޭގެ 13 އަތޮޅަކުން 42 ސްކޫލުން ބައިވެރިވެފައިވާ މި ކޭމްޕުގެ މި އަހަރުގެ ޝިއާރަކީ "ގާރލް ޕަވަރޑް ނިއުޓްރިޝަން"އެވެ.