މުނިފޫހިފިލުވުން

ވިޒިޓްމޯލްޑިވްސް ފެސްޓިވަލްގެ ހަރަކާތްތައް ފަށައިފި


ވިޒިޓްމޯލްޑިވްސް އިޔަރ 2016 ގެ ފުރަތަމަ ހަރަކާތެއްގެ ގޮތުން މިއުޒިކް ފެސްޓިވަލެއް ފަށައިފިއެވެ.ވިޒިޓް މޯލްޑިވްސް އިޔަރ ނުވަތަ ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ހަރަކާތްތަށް ފައްޓަވައި ދެއްވީ ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްޤައްޔޫމެވެ.ރާއްޖެއަށް ޒިޔާރަތްކުރާ އަހަރުގެ ގޮތުގައި، "ވިޒިޓް މޯލްޑިވްސް އިޔަރ 2016" ފާހަގަ ކުރުމަށް ނިންމަވާފައި ވަނީ 1.5 މިލިއަން ފަތުރުވެރިންގެ އަމާޒުގައެވެ. ވިޒިޓް މޯލްޑިވްސް އިޔަރ ގެ ހަރަކާތްތަށް ރޭ ފަށާފައި ވަނީ މިއުޒިކް ފެސްޓިވަލަކުންނެވެ. "ވިޒިޓް މޯލްޑިވްސް އިޔަރ ފެސްޓިވަލްގެ" ނަމުގައި ކުރިއަށްގެންދާ މި ހަރަކާތުގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ގިނައަދަދެއްގެ ފަންނާނުން ބައިވެރިވެއެވެ. މި ފެސްޓިވަލްގައި ރޭ ކުރިއަށްގެންދިޔަ ޝޯވ ހުށައަޅައި ދިނުމުގައި އިންޑިޔާގެ މަޝްހޫރު ޓީވީ ޕްރެޒެންޓަރ ހުސައިން ކުވަޖެރްވާލާ ވަނީ ބައިވެރިވެފައެވެ. އަދި އިންޑިޔާގައި މަޝްހޫރުކަން ހޯދަމުންދާ ޑާންސް ގްރޫޕް ވީ ކޮމްޕެނީގެ ތަފާތު ހުށައެޅުންތަކެއް ރޭގެ ޝޯވ އިން ފެނިގެންދިޔައެވެ.މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ބައެއް މިއުޒިކްބޭންޑް ތަކާއި ބޮޑުބެރާއި ޑާންސްގުރޫޕްތަކުގެ ހަރަކާތްތައްވެސް ރޭގެ ޝޯވ ގައި ވަނީ ދައްކާލާފައެވެ.ދެދުވަހަށް ކުރިއަށްގެންދާ މި މިއުޒިކް ފެސްޓިވަލުގެ ތެރެއިން ގިނަބަޔަކު އެންމެ އިންތިޒާރު ކުރަމުންއަންނަ ބޮލީވުޑްގެ މަޝްހޫރު ލަވަކިއުންތެރިޔާ އާތިފް އަސްލަމް މިރޭގެ ޝޯވއިން ފެނިގެންދާނެއެވެ. ޓުއަރިޒަމް މިނިސްޓަރ މޫސާ ޒަމީރުގެ ހާއްސަ ދަޢުވަތަކަށް މި މިއުޒިކް ފެސްޓިވަލުގައި ބައިވެރިވުމަށް އާތިފް ވަނީ ރޭ ރާއްޖެ އައިސްފައެވެ.އަލިމަސް ކާނިވާ ސަރަހައްދުގައި މި ފެސްޓިވަލް ކުރިއަށްގެންދަނީ އާންމުކޮށް އެންމެނަށް ހުޅުވާލައިގެންނެވެ.