އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ލެސްޓަރ ސިޓީ ބައްދަލުކުރިމެޗް ކާމިޔާބުކޮށް ސިޓީއިން ޕޮއިންޓް ތާވަލްގައި 6 ޕޮއިންޓްގެ ލީޑެއް ނަގައިފިއެވެ. ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 6 ލަނޑު 3ލަނޑުންނެވެ.
މި މެޗްގެ ފުރަތަމަ ހާފްގައި ސިޓީއިން މޮޅުކުޅުމެއް ދެއްކިއިރު ލެސްޓަރ ފެނިގެންދިޔައީ ވަރަށް އާދައިގެ ކުޅުމެއް ކުޅުނު ތަނެވެ. މިގޮތުން މިމެޗުގައި ސިޓީއިން ޖެހި ފުރަތަމަލަނޑު މެޗްގެ 5 ވަނަ މިނެޓްގައި ޖަހައިދިނީ އެޓީމަށް ލީޑު ނަގައިދިނީ ކެވިން ޑި ބްރުއިނަރ ޖަހައިދިން ވަރަށް ރީތި ލަނޑަކުންނެވެ. އަދި މެޗްގެ 14 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީއަކުން ސިޓީގެ ލީޑު ފުޅާކޮށްދިނީ ރިޔާދު މަހްރެއިޒްއެވެ. މިމެޗްގައި ސިޓީއިން ޖެހި ތިންވަނަ ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި ޖަހައިދިނީ އިލްކާއި ގުންޑޮގާންއެވެ. އަދި އެޓީމުގެ ހަތަރުވަނަ ލަނޑަކީ މެޗްގެ 25 ވަނަ މިނެޓްގައި އަނެއްކާވެސް ލިބުނު ޕެނަލްޓީއަކުން ރަހީމް ސްޓާލިން ކާމިޔާބުކުރި ލަނޑެކެވެ.
ހަތަރު ލަނޑުގެ ލީޑަކާއެކު ސިޓީ އޮވެގެން ދެވަނަ ހާފްގައި ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. މެޗްގެ 55 ވަނަ މިނެޓްގައި ލެސްޓަރގެ ފުރަތަމަ ލަނޑު ޖޭމްސް މެޑިސަން ޖަހައިދީ ކޮންމެވެސް ވަރެއްގެ ހިތްވަރެއް އެޓީމަށް ގެނެސްދިނެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އަޑެމޮލާ ލޫކްމަން ޖަހައިދިން ލަނޑާއެކު ދެޓީމުގެ ދެމެދުގައިވާ ފަރަގު ދެލަނޑަށް ކުޑަވިއެވެ. މިއާއެކު ސިޓީ ކޮންމެވެސް ވަރަކަށް ހާސްވިތަން ފެނިގެންދިޔައެވެ. އަދި މެޗްގެ 65 ވަނަ މިނެޓްގައި ކަލޭޗީ އިއަނާޗިއޯ ޖަހާދިން ލަނޑާއެކު ދެޓީމްގެ ދެމެދުގައި ފަރަގު އެންމެ ލަނޑަކަށް ބަދަލުވެ އެންމެން ހައިރާން ކޮށްލިއެވެ. އަދި ލެސްޓަރއިން ލަނޑު ޖެހިތާ ހަތަރު މިނެޓްފަހުން ސިޓީއިންވަނީ އަނެއްކާވެސް ދެލަނޑުގެ ލީޑު ނަގާފައެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އެމެރިކް ލަޕޯޓްއެވެ. އަދި މިމެޗުގައި ސިޓީގެ ފަހު ލަނޑު ޖަހައިދިނީ ހަތަރުވަނަ ލަނޑުވެސް ޖަހައިދިން ސްޓަރލިންއެވެ. މިމެޗްގައި ލެސްޓަރއަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް ދެވަނަ ހާފްގައި ލަނޑު ޖަހާނެ އިތުރު ފުރުސަތުވެސް އެޓީމަށް ލިބިގެންދިޔައެވެ.
މިކާމިޔާބީއާއެކު ސިޓީއަށް މިވަނީ މިހާތަނަށް ކުޅުނު 19 މެޗުން 47 ޕޮއިންޓް ލިބިގެން ގޮސްފައެވެ. އަދި މިއާއެކު ޕޮއިންޓް ތާވަލްގައި ހަ ޕޮއިންޓްގެ ލީޑެއްވެސް ލިބިގެން ގޮސްފައެވެ. ނަމަވެސް އެއީ ދެވަނައިގައި އުޅޭ ލިވަޕޫލަށްވުރެ އެއްމެޗް އިތުރަށް ކުޅެގެންނެވެ. ލިވަޕޫލާއި ލީޑްސް ޔުނައިޓެޑްގެ މެޗުގައި ކުޅުމަށް ހަމަޖެހިފައިވި މެޗްވަނީ ކޯވިޑް-19ގެ ސަބަބުން ފަސް ކޮށްފައެވެ. މިމެޗުން ބަލިވުމާއެކު ލެސްޓަރ ވަނީ 22 ޕޮއިންޓާއެކު ތާވަލްގެ 10 ވަނައަށް ވެއްޓިފައެވެ.