ޚަބަރު

ރެސްޕެކްޓް ކެމްޕޭނާއި ސްޓެލްކޯއިން ރަސްމީކޮށް ގުޅިއްޖެ


ޕަބްލިކް ސާރވިސް މީޑިއާއިން އިސްނަގައިގެން ކުރިޔަށްގެންދާ ރެސްޕެކްޓް ކެމްޕެއިނާ  ރަސްމީގޮތުން ސްޓޭޓް އިލެކްޓްރޯނިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިން ގުޅިއްޖެއެވެ.މިއަދު ސްޓެލްކޯގައި މިކަމަށްޓަކައި ބޭއްވި ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވީ، އެންވަޔަރަމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމެވެ.އިޙްތިރާމްކުރުމުގެ ރިވެތި އާދަތައް އާލާކޮށް ދެމެހެއްޓުމުގެ ގޮތުން ޕަބްލިކް ސަރވިސް މީޑިޔާއިން އިސްނަގައިގެން ފަށާފައިވާ ރެސްޕެކްޓް ކެމްޕެއިނާ، ސްޓެލްކޯ ގުޅުމުގެ  ގޮތުން ބޭއްވި ޚާއްޞަ ރަސްމިޔާތު ޝަރަފްވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރުމަންޓް މިނިސްޓަރ ޠާރިޤް އިބްރާހީމް ވިދާޅުވީ މި ކެންޕެއިންގައި ސްޓެލްކޯއިން ބައިވެރިވުމަކީ އެ ކުންފުނީގެ ކުރިމަގު އުޖާލާވަނެކަމެއްކަމަށެވެ. އަދި މިއީ އެކުންފުނީގެ ޚިދުމަތް ބަލައިގަންނަ ފަރާތްތަކަށް އިޙްތިރާމް ކޮށްފިނަމަ، ކުރިޔަށް އޮތް ތަނުގައި އެކުންފުންޏަށް އިޙްތިރާމް ލިބިގެންދާނެ ކަމެއް ކަމަށެވެ.މި ރަސްމިޔާތުގައި ވާހަކަފުޅު ދައްކަވަމުން ޕަބްލިކް ސާރވިސް މީޑިޔާގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޚަލީލް ވިދާޅުވީ މި ކެންޕެއިންގެ މަޤްޞަދަކީ މުޅިރާއްޖޭގައި މިވާހަކަ ދެއްކުންކަމަށާއި ހިނިތުންވުމާއެކު ކޮންމެ ޚިދުމަތެއްވެސް ދިނުމުގެ އާދަ އަށަގެންނެވުންކަމަށެވެ.ސްޓެލްކޯގެ ހުރިހާ ޚިދުމަތެއް ފޯރުކޯށްދޭނީ ހިނިތުންވުމާއި، އިޙްތިރާމާ އެކުގައިކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޢަބުދުއްޝަކޫރު ޞާލިޙު ވިދާޅުވިއެވެ. އަދި މިކެމްޕެއިންގެ ސަބަބުން ކުންފުނީގެ ވިޔަފާރިވެސް ކުރިއަރައިގެން ދާނެކަމަށް ޝުކޫރު ވިދާޅުވިއެވެ.މި ކެންޕެއިންގައި އެ ކުންފުނީގެ ޚިދުމަތްދޭ މަރުކަޒުތަކުގައި ތިބި ހަތްދިއެއްހާ މުއައްޒަފުން އަމަލީ ގޮތުން ބައިވެރިވާނެކަމަށާއި، ކޮންމެ މުއައްޒަފަކީވެސް އިޙްތިރާމްކުރުމަށްޓަކައި  އަމިއްލަ ނަފުސަށް  މިކަމުގައި ޒިންމާވާނެ މުއައްޒަފެއްކަމަށް ސްޓެލްކޯއިން ބުނެއެވެ.