ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާ ގުޅޭގޮތުން ފަނޑިޔާރުންތަކެއް ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނެ ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ސަސްޕެންޑްކޮށްފައިވާ ކްރިމިނަލް ކޯޓުގެ ގާޟީ ހުސައިން ފާއިޒު ރަޝާދުގެ އަޑު ދިމާނުވާތީ ސަސްޕެންޝަން އުވާލައިފިއެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ އޯޑިއޯ ރެކޯޑިންގ ތަކެއް ކަމަށް ބުނެ މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ މައްސަލައިގައި މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނަލިސިސްއެއް ފުލުހުންގެ ފޮރެންސިކް ޑިޕާޓްމަންޓުން ހަދައި، އެ އޯޑިއޯތަކުގައިވާ އަޑުތަކުގެ ތެރެއިން އެއް އޯޑިއޯ ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާއި ދިމާވި ކަމަށް ކުރިން ކަނޑައެޅިކަމަށެވެ. މިކަމާއި ގުޅިގެން ނޮވެމްބަރު 5 އިން ފެށިގެން ވަގުތީގޮތުން 60 ދުވަހަށް ޤާޟީ ފާއިޒް ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް، އެންގި ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ. ނަމަވެސް ޤާޟީ ޙުސައިން ފާއިޒް ރަޝާދު މަސައްކަތުން ސަސްޕެންޑުކޮށްފައިވަނިކޮށް، މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ފޮރެންސިކް ކޭސް ރިޕޯޓެއް ފުލުހުން އެ ކޮމިޝަނާ ޙިއްސާކޮށްފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ. އެ ރިޕޯޓުގައި މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނަލިސިސްއިން އެ އޯޑިއޯގައިވާ އަޑާއި ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒު ރަޝާދުގެ އަޑާއި ދިމާނުވާ ކަމަށް ބަޔާންކޮށްފައިވާ ކަމަށްވެސް ޖޭއެސްސީން ވިދާޅުވިއެވެ.
އެހެންކަމުން ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދުގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށް ޖޭއެސްސީން ވިދާޅުވިއެވެ.
އޯޑިއޯ އެނަލިސިސްގެ ނަތީޖާއިން ދައްކާގޮތުން ލީކްވި ކަމަށް ބުނާ ތިން ފަނޑިޔާރުންގެ ތެރެއިން، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޢަލީ އާދަމް އާއި ޑްރަގް ކޯޓުގެ ޤާޟީ އަލްއުސްތާޛު މުޙައްމަދު ސަމީރުގެ އަޑާއި އެ އޯޑިއޯތަކުގައި ވާހަކަދައްކާފައިވާ މީހާގެ އަޑު ދިމާނުވާ ކަމަށް ޖޭއެސްސީން ކުރިން ވިދާޅުވެފައިވެއެވެ.