ޚަބަރު

ރާއްޖެއިން ބޭރުން އަންނަ ދިވެހިން، 3 ދުވަހާއި 5 ދުވަހުގެ ތެރޭގައި ޕީ.ސީ.އާރު ހަދަންޖެހޭ


ދުނިޔޭގެ ބައެއް ޤައުމުތަކުން ފެނިފައިވާ ސަރސްކޯވީ-2 ވައިރަސްގެ 'އޮމިކްރޯން" ވޭރިއެންޓާ ގުޅިގެން އާންމު ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް ވަރުގަދަކޮށްފިއެވެ. 'އޮމިކްރޯން" ވޭރިއަންޓާ ގުޅިގެން ރައްކާތެރިވުމުގެ ގޮތުން އަޅަން ނިންމި މިފިޔަވަޅުތަކަށް އަމަލުކުރަން ފަށާނީ މިމަހުގެ 27 ވަނަ ދުވަހުން ފެށިގެން ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭއިންވަނީ ހާމަކުރައްވާފައެވެ.

ރައްކާތެެރިވުމުގެ ގޮތުން އަޅަން ނިންމާފައިވާ ފިޔަވަޅުތައް

- ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން (ފަތުރުވެރިން ހިމެނޭގޮތަށް) ރާއްޖެއަށް ދަތުރުފަށާ ބަދަރުން ފުރާއިރު 96 ގަޑިއިރުނުވާ ޕީ.ސީ.އާރު ނެގެޓިވް ނަތީޖާއެއް އޮތުން. (މިގޮތަށް ދަތުރުކުރާ މީހުންނާއި އެކުގައި ދަތުރުކުރާ 1އަހަރުން ދަށުގެ ތުއްތު ކުދިން ޕީ.ސީ.އާރު ޓެސްޓު ހެދުމުން އިސްތިސްނާ ވާނެ)

- ފަތުރު ވެރިން ފިޔަވައި ރާއްޖެއިން ބޭރުން އަންނަ ހުރިހާ ފަރާތްތަކުން ރާއްޖެ އެތެރެވުމަށްފަހު، 3 ދުވަހާއި5 ދުވަހުގެ ތެރޭގައި ޕީ.ސީ.އާރު ޓެސްޓް ހެދުން

- ކޯވިޑު-19ގެ ވެކްސިން ފުރިހަމަވެފައިނުވާ، ދިވެހިންނާއި ވޯރކްޕަރމިޓް ހޯލްޑަރުން ރާއްޖެ އެތެރެވުމަށްފަހު، 14 ދުވަހުގެ މުއްދަތަށް ކަރަންޓީނުވުން (މީގެ ތެރޭގައި 12 އަހަރުން ދަށުގެ ކުދިން ނުހިމެނޭނެ) މިފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 14 ދުވަސް ހަމަވުމުން ކޯވިޑު-19އަށް ޓެސްޓް ހަދައި ނަތީޖާ ނެގެޓިވް ވުމުން


އެޗްޕީއޭއިންވަނީ މިފިޔަވަޅުތައް ތަންފީޛުކޮށް، އެ ފިޔަވަޅުތަކަށް ފުރިހަމައަށް ޢަމަލުކުރުމަށް، އެންމެހައި އިދާރާތަކާއި ފަރާތްތަކަށް
އަންގަވާފައެވެ. އަދި މި އިޢުލާނާ ގުޅިގެން ދައުލަތުގެ ކަމާބެހޭ މުއައްސަސާތަކުން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރުމުގެ ގޮތުން އަޅާ
ފިޔަވަޅުތަކާއި ދޭ އިރުޝާދުތަކާ އެއްގޮތަށް ޢަމަލުކުރުމަށްވެސް ވަނީ އަންގަވާފައެވެ.

މިއާއެކު ސަރސްކޯވީ -2 ވައިރަސްގެ "އޮމިކްރޮން" ވޭރިއެންޓާ ގުޅިގެން ސައުތު އެފްރިކާ އަދި އެ ސަރަޙައްދުގެ
ޤައުމުތަކުން ދިވެހިރާއްޖެއަށް ދަތުރުކުރުމާ ގުޅޭގޮތުން 27 ނޮވެންބަރު 2021 ވަނަ ދުވަހު އާންމުކޮށްފައިވާ ހެލްތު ޕްރޮޓެކްޝަން
އެޖެންސީގެ އިޢުލާން ބާޠިލްވެފައިވާ ކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.