ޚަބަރު

މަސައްކަތު މާހައުލުގައި ނުރައްކާތެރިކަން އެންމެ ބޮޑު އެއް ސިނާޢަތަކީ ޕޯޓުތައް: އެމްޕީއެލް


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް އިން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ޕޯޓް ސޭފްޓީ ވީކް 2021" ފަށައިފިއެވެ. އެމްޕީއެލްއިން ކުރިއަށް ގެންދާ މި ސޭފްޓީ ވީކަކީ ހަފްތާއަކަށް ދިގުދެމިގެންދާ ކެމްޕެއިނެކެވެ.

"ޕޯޓް ސޭފްޓީ ވީކް 2021" ފެށުމަށް، މާލޭ ކޮމާޝަލް ހަރބަރުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވީ މި ކެމްޕެއިންގެ އެންމެ ބޮޑު އެއް ބޭނުމަކީ ޕޯޓު ތެރޭގައި ސަލާމަތާއި ރައްކާތެރިކަމުގެ ހޭލުންތެރިކަން އިތުރުކުރުންކަމެވެ. އަދި ޕޯޓު ތެރޭގައި މަސައްކަތް ކުރުމުގައި މާބޮޑު ސަމާލުކަމެއް ނުދީ އާދައިގެ ގޮތަކަށް މަސައްކަތްކުރުމުގެ ސަބަބުން ގިނަ ފަރާތްތަކަކަށް މާލީ ގޮތުންނާއި ޖިސްމާނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަންވެސް ޝާހިދު ފާހަގަކުރެއްވިއެވެ. އިންޓަރނޭޝަނަލް ލޭބަރ އޯގަނައިޒޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުންނަމަ ސިނާޢަތްތަކުގެ ތެރެއިން އެންމެ ގިނަ އެކްސިޑެންޓް ހިނގާ ނުވަތަ މަސައްކަތުގެ މާހައުލުގައި ނުރައްކާތެރިކަން އެންމެ ބޮޑު އެއް ސިނާޢަތަކީ ޕޯޓުތައް ކަމަށް ޝާހިދުގެ ވާހަކައިގައި ވަނީ ފާހަގަކޮށްފައެވެ.

" އެފަދަ ޖަމިއްޔާތަކުގެވެސް އެންމެ މުހިންމު އެއް ކަމަކަށް އެބޭފުޅުން ފާހަގަކުރެއްވާ ކަމަކީ މިފަދަ ސިނާޢަތްތަކުގައި ސޭފްޓީ މިންގަނޑުތައް ހަރުދަނާކޮށް ސޭފްޓީ ކަލްޗަރ އަށަގަނެ އަދި އަޅުގަނޑުމެން ކުރާ ހުރިހާ ކަމެއްގައިވެސް ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި އެއްކޮށް މަސައްކަތްކުރުން. އެގޮތުން އަޅުގަނޑުމެން ސޭފްޓީ ވީކްގެ ނަމުގައި ސޭފްޓީ ވީކެއް ފާހަގަކޮށް އަދި ސޭފްޓީ ސެކިއުރިޓީއަށް ހޭލުންތެރިކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގުމަށް މި މަސައްކަތްކުރަނީ މިދެންނެވި ކަންކަމުގެ މުހިންމު ކަމަށް ބަލައި އަޅުގަނޑުމެންގެ ތެރޭގައި ސަގާފަތެއްގެ ގޮތުގައި އަށަގަނެވޭތޯ ބެލުމަށް " އެމްޕީއެލްގެ ސީއީއޯ ޝާހިދު އަލީ ވިދާޅުވިއެވެ.

ޕޯޓް ސޭފްޓީ ވީކް ފެށުމުގެ ރަސްމިއްޔާތުގައި، ރާއްޖޭގެ ޕޯޓުގައި ދިމާވި އެކިއެކި ހާދިސާތަކުގައި ފުރާނަ ގެއްލުނު ފަރާތްތަކުގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ވަނީ ގެނެސްފައެވެ. އަދި ހަމައެއާއެކު އެމްޕީއެލްގެ ފަރާތުން އެކި އެކި ޖަމިއްޔާތަކަށް ވަނީ ސޭފްޓީ ވެސްޓްތައް ވެސް ހަދިޔާ ކޮށްފައެވެ.

''ރައްކާވެ ތިބިއްޔާ ދަތުރު" މިޝިއާރުގެ ދަށުން އެމްޕީއެލްއިން ކުރިއަށްގެންދާ ސޭފްޓީ ކެމްޕެއިނަކީ ހޭލުންތެރިކުރުވުމަށާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބާއްވަމުން އަންނަ ކެމްޕެއިނެކެވެ. އެގޮތުން މިއަހަރު ކުރިއަށް ގެންދާ މި ސޭފްޓީ ކެމްޕެއިންގެ ދަށުން އެމްޕީއެލް އާއި މިހާރު ނޫސް ގުޅިގެން ޕޯޓް ސޭފްޓީ ވީކް ރަން އެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މިދުވުން އޮންނާނީ މިމަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގައެވެ. 5 ކިލޯމީޓަރުގެ މިދުވުމުގައި ބޭނުންކުރާ ޓީޝާޓާއި މެޑަލް ފަދަ ތަކެތި ވިއްކައިގެން ލިބޭ ފައިސާ "އަރކް"އަށް ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ.

މިކެމްޕެއިންގެ އެންމެ ބޮޑު ބޭނުމަކީ ދިވެހިރާއްޖޭގެ ހުރިހާ އިންޑަސްޓްރީތަކެއްގައި ހެލްތު އެންޑް ސޭފްޓީ އެވެއަރނަސް އިތުރުވެގެން ދިއުންކަމުގައި އެމްޕީއެލްއިން ވަނީ ފާހަގަކުރައްވާފައެވެ. އަދި ޚާއްސަ ގޮތެއްގައި މިކެމްޕެއިންގެ ސަބަބުން ޕޯޓު ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކާއި އެހެނިހެން މަސައްކަތުގެ ދާއިރާތަކުގެ ސަލާމަތާއި ރައްކާތެރިކަން އިތުރުވެގެންދާނެކަމަށް އުންމީދުކުރެވޭ ކަމަށްވެސް އެ ކުންފުނިން ހާމަކުރައްވައެވެ.

މި ސޭފްޓީ ކެމްޕެއިން ފުރަތަމަ ބޭއްވީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ.