ކުޅިވަރު

ހުރިހާ ޕްރެޝަރެއް އޮތީ އިންޑިޔާއަށް – ރިކީ ހާރބަޓް


 ސާފް ސުޒުކީކަޕް ސެމީފައިނަލްގައި މާދަމާ އިންޑިޔާގައި އިންޑިޔާއާއި ދެކޮޅަށް ނިކުންނައިރު ހުރިހާ ޕްރެޝަރެއް އޮތީ އިންޑިޔާއަށްކަމަށް ރާއްޖޭގެ ކޯޗު ރިކީ ހާރބަޓް ބުނެފިއެވެ. ކޯޗު ބުނީ އެއީ ވަރަށް ސާފްކޮށް އެނގެން އޮތްކަމެއްކަމަށާއި، އިންޑިޔާ މުބާރާތާއި ކުރިމަތިލީވެސް ގެނެވެން ތިބި މުޙިންމު ހުރިހާ ކުޅުންތެރިންނާއެކުކަމަށެވެ." ހުރިހާ ޕްރެޝަރެއް އޮތީ އެމީހުންނަށް. އެކަން ވަރަށް ސާފް. ގެނެވެން ތިބި މޮޅު ހުރިހާ ކުޅުންތެރިންނާއެކު އެމީހުން އައީ. ދެތިން ޒުވާން ކުޅުންތެރިން ފިޔަވައި. މާދަމާ ރަނގަޅު މެޗެއް ފެންނާނެ. ސްޓޭޑިއަމްގެ މާހައުލު ވަރަށް ހިތްގައިމުވާނެ. " އިންޑިޔާއާއި ރާއްޖޭގެ ގިނަ އަދަދެއްގެ ސަޕޯޓަރުންނާއެކު ސަޓޭޑިއަމްއިން ފުޓްބޯޅަ ފޯރި ފެންނާނެކަމަށް އިޝާރާތްކުރަމުން ކޯޗު ބުންޏެވެ.ކޯޗު ބުނީ ރާއްޖެއަށް މޮޅުވެވޭނެކަމަށާއި، ކުޅުންތެރިންގެ ރޫހު ރަނގަޅުކަމަށެވެ.ރޮބިންގ ސިންގ ފަދަ މުޙިންމު ބައެއް ކުޅުންތެރިންނށް ނުކުޅެވޭތީ ރާއްޖޭގެ ކޯޗު ބުނީ އިންޑިޔާ ސެމީއަށް އައީވެސް މާބޮޑު ވާދަވެރިކަމެއް ނެތް ދެމެޗަށް ފަހު ކަމަށާއި، އަނިޔާއަކީ ފުޓްބޯޅައިގެ ބައެއްކަމަށެވެ. އިންޑިޔާގެ އެންމެ ނުރައްކާތެރި ކުޅުންތެރިއަކަށްވާނީ ކެޕްޓަން ސުނިލް ޗެތްރީކަމަށް ކޯޗު ހާރބަޓް ބުންޏެވެ. ރާއްޖެއާއި އިންޑިޔާ ވާދަކުރާ މުބާރާތުގެ ސެމީފައިނަލް މެޗު ފަށާނީ މާދަމާ ރާއްޖެ ގަޑިން 15:00 ގައެވެ. މެޗު ޓީވީއެމްއިން ވަގުތުން ދައްކާނެއެވެ. އަދި މެޗު ހިނގަމުންދާގޮތް ދިވެހިރާއްޖޭގެ އަޑުން ދުރަށް ފޮނުވާނެއެވެ.