ކުޅިވަރު

މެޗަށް ނިކުންނައިރު ކޯވިޑަށް ޕޮޒިޓިވް ކުޅުންތެރިއެއް ނެތް: ސިޓީ


އިންގްލިޝް ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ސިޓީ އާއި ލެސްޓަރ ސިޓީ މިރޭ ބައްދަލުކުރަ މެޗަށް ނިކުންނައިރު ކޯވިޑް-19 ގެ ޕޮޒިޓިވް ކޭހަކާއި ސިޓީއަށް ދިމާވެފައިނުވާކަމަށް އެކްލަބުން ހާމަކޮށްފިއެވެ. މިރޭގެ މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައެވެ.

މިމެޗަށް ނިކުންނައިރު ސިޓީގެ މުހިންމު ކުޅުންތެރިއެއް ކަމަށްވާ ކައިލް ވޯކަރ ބަލިވެ އުޅޭތީ މިރޭގެ މެޗުންވެސް ނުފެއްނާނެކަމަށް މަޢުލޫމާތުލިބެއެވެ. އަދި ލެސްޓަރ އަށް ބަލާލާއިރު އެންމެފަހުން ކަރަބާއޮ ކަޕްގައި ލިވަޕުލައި ބައްދަލުކޮށް ބަލިވު މެޗްގައި ލިބުނު އަނިޔާ އަކާއި ގުޅިގެން ރިކާޑޯ ޕެރެއިރާ އާއި ޗަގްލާ ސޮޔުންޗޫ އަށް ކުޅެވޭނެކަން އެނގިގެންދާނީ އެންމެފަހު ވަގުތު ބެލުމަށްފަހުއެވެ. މީގެއިތުރުން ޖޮނީ އިވާންސް އާއި ޓިމޮތީ ކަސްތަގްނާ އަށްވެސް އުޅެނީ ކޮންމެވެސް ވަރެއްގެ އަނިޔާގެ މައްސަލަތަކަކާއެކުއެވެ. ލިވަޕޫލާއި ދެކޮޅަށް ކުޅުނު މެޗްގައި ލެސްޓަރއިން ވަރަށް ވަރުގަދަ ޓީމެއް ނެރުމާއެކުވެސް ލިވަޕޫލް އަތުން ބަލިވުމުން އެޓީމް މިހާރު އޮތް ހާލަތު ހާމަވެގެން ދާކަމަށް ގިނަ ފަރާތްތަކުން ހާމަކުރެއެވެ. އަދި އެޓީމް މިވަގުތު އޮތީ އެންމެ ރަނގަޅު ފޯމްގައި ނޫންކަން ހާމަވެގެންދެއެވެ.

ލެސްޓަރ އާއި ޚިލާފަށް ސިޓީ މިވަގުތު އޮތީ ވަރަށް ރަނގަޅު ފޯމެއްގައެވެ. މިގޮތުން އެންމެފަހުން ލީގުގައި ކުޅުނު 8 މެޗުންވެސްވަނީ މޮޅުވެފައެވެ. އަދި ޕެޕް ގާޑިއޯލާ ކޮންމެ ޓީމެއް ނެރުން ނަމަވެސް ސިޓީއިން އަންނަނީ ނަތީޖާ ނެރެމުންކަން ފާހަގަ ވެގެންދެއެވެ. މިދިޔަ ސީޒަންގައި ލެސްޓަރ، އިއްތިހާދަށް ކުރި ޒިޔާރަތް ނިމުނީ 5 ލަނޑު 2 ލަޏޑުގެ ތަފާތު ބޮޑު ނަތީޖާއަކުން ލެސްޓަރ މެޗް ކާމިޔާބުކޮށްގެންނެވެ. ނަމަވެސް މިފަހަރު އެނަތީޖާ ތަކުރާރު ވެދާނެކަމަށް ގިނަ މީހުން ގަބޫލެއް ނުކުރެއެވެ.

މީގެއިތުރުން މިރޭ ޕްރިމިއަރ ލީގުގައި އިތުރު ފަސް މެޗް ކުޅުމަށްވަނީ ހަމަޖެހިފައެވެ. އަދި ތިން މެޗެއްވަނީ ކޯވިޑް-19ގެ ސަބަބުން ފަސް ކޮށްފައެވެ.