ޚަބަރު

"މިއަހަރު އެންމެ ގިނަ މީހުން އޮންލައިންކޮށް ބޭނުން ކުރީ ޓިކްޓޮކް"


ދުނިޔޭގެ އެންމެ ގިނަ މީހުން އޮންލައިންކޮށް ބޭނުން ކުރީ ޓިކްޓޮކްކަމަށް އައިޓީ ސެކިއުރިޓީ ކުންފުނި ކްލައުޑް ފްލެއަރއިން ހެދި ދިރާސާއަކުން ދައްކައިފިއެވެ.

މިދިރާސާއިން ދައްކާގޮތުން، މިއަހަރު ފެބްރުއަރީ މަހާއި މާރިޗު މަހާއި ޖޫން މަހުވެސް ޓިކްޓޮކް ވަނީ މަޝްހުރޫ ސާޗް އިންޖީނު ގޫގުލްއަށްވުރެ ކުރި ހޯދާފައެވެ. އަދި މިއަހަރު އޯގަސްޓު މަހުން ފެށިގެން އެމަޤާމު ޓިކްޓޮކުން ދަމަހައްޓަމުންދާކަމަށް ކްލައުޑް ފްލެއަރއިން ބުނެއެވެ. ކްލައުޑް ފެލެއަރގެ މި ލިސްޓުގެ ދެވަނަ ގޫގުލް ހޯދިއިރު ތިންވަނަ ހޯދާފައިވަނީ ފޭސްބުކެވެ.

ކްލައުޑް ފްލެއަރގެ މި ދިރާސާއަށް މަޢުލޫމާތު އެއްކުރަނީ އެކުންފުނީ ވެބް ޓްރެފިކް ބަލަހައްޓާ "ކްލައުޑް ފްލެއަރ ރޭޑަރ" މެދުވެރިކޮށްކަމަށް އެކުންފުނިން ބުނެއެވެ. ޓިކްޓޮކްގެ މަޤްބޫލުކަން އިތުރުވެގެން ގޮސްފައި މިވަނީ ކޯވިޑް-19ގެ ސަބަބުން ބައެއް ޤައުމުތަކުގައި ގިނަ ބަޔަކު އަނެއްކާވެސް މަޑުކުރަން ޖެހުމުގެ ސަބަބުންކަމަށް ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ.

ޓިކްޓޮކް މިހާތަނަށް 3 ބިލިއަން ފަހަރު ޑައުންލޯޑުކޮށް، ބިލިއަނަކަށްވުރެ ގިނަ މީހުން ބޭނުން ކުރާ ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. ޗައިނާގެ ބައިޓް ޑާންސް ކުންފުނިން ހިންގާ ޓިކްޓޮކް ޗައިނާގައި ބޭނުން ކުރަނީ ޑޯޔިންގެ ނަމުގައެވެ.

ޓިކްޓޮކްގެ މަޤްބޫލުކަން ދުނިޔޭގައި އިންތިހާއަށް ބޮޑުވެގެން ގޮސްފައިވާއިރު، ހުޅަނގުގެ ބައެއް ޤައުމުތަކުން މި އެޕްލިކޭޝަނަކީ ޗައިނާގެ ޖާސޫސީ އެޕްލިކޭޝަނެއް ކަމަށް ތުޙުަތުވެސް ކުރެއެވެ. ނަމަވެސް ޓިކްޓޮކްއިން ވަނީ ރަސްމީކޮށް މިކަން ދޮގުކޮށް، ޗައިނާ ސަރުކާރުގެ އެއްވެސް ނުފޫޒެއް އަދި ބާރެއް އެޕްލިކޭޝަނުގައި ނޯންނާނެ ކަމަށް ބުނެފައެވެ.