ޚަބަރު

ނެޝަނަލް ބޯޓިން އެސޯސިއޭޝަނުގެ އައު ބޯޑު އިންތިޚާބުކޮށްފި


ނޭޝަނަލް ބޯޓިންގް އެސޯސިއޭޝަނުން އައު ދައުރަކަށް، ހިންގާ ހިންގާ ޓީމް އަދި އެގްޒެކެޓިވް ބޯޑު އިންތިޚާބުކޮށްފިއެވެ.

ބޯޓިން އެސޯސިއޭޝަންގެ ފަރާތުން ސޯލްޓް ކެފޭގައި ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމުގައި، ހިންގާ ޓީމް އަދި އެގްޒެކެޓިވް ބޯޑު އަލަށް އިންތިޚާބު ކޮށްފައިވަނީ 2022 އަދި 2023 ވަނަ އަހަރަށެވެ. އެގޮތުން އެސޯސިއޭޝަނުންގެ ހިންގާ ޓީމްގެ ތިން މަޤާމަށް މެންބަރުން އިންތިޚާބު ކޮށްފައިވާއިރު، އެސޯސިއޭޝަނުގެ ރައީސްގެ މަޤާމަށް އިންތިޚާބު ކޮށްފައިވަނީ، އިސްމާޢިލް ހަމީދެވެ. ނައިބް ރައީސްގެ މަޤާމަށް އަބްދުﷲ އިބްރާހިމްފުޅު އިންތިޚާބު ކޮށްފައިވާއިރު، އެސޯސިއޭޝަންގެ ޚަޒާންދާރަކަށް އިންތިޚާބުކޮށްފައިވަނީ، އަޙްމަދު އިބްރާހީމެވެ.

ހިންގާ ޓީމަށް އިންތިޚާބުކުރި ތިން މެންބަރުންގެ އިތުރުން އެގްޒެކެޓިވް ބޯޑަށް އައު ދައުރަށް 9 ފަރާތެއް ވަނީ އިންތިޚާބު ކޮށްފައެވެ.

ނޭޝަނަލް ބޯޓިން އެސޯސިއޭޝަނުން ފާހަގަކުރި ގޮތުގައި، މިދިޔަ ދައުރުގައި ކޯވިޑް-19އާ ގުޅިގެން ގިނަ ދަތިތަކާ ކުރިމަތިވި ނަމަވެސް އެސޯސިއޭޝަނުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން މިދިޔަ ދައުރުގައިވެސް އެސޯސިއޭޝަނުގެ މެންބަރުންގެ ޢަދަދު އިތުރު ކުރެވިފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން މިހާތަނަށް ބޭއްވި އެންމެ ބޮޑު މެރީން އެކްސްޕޯ 60އަށްވުރެ ގިނަ އެގްޒިބިޓަރުންނާއި އެކު ބާއްވާފައިވާކަން އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވ.ެ އަދި މި އެކްސްޕޯގެ ތެރެއިން ޤައުމީ ފެންވަރުގައި ލައިފް ޖެކެޓާއި ގުޅޭ ހޭލުންތެރިކަމުގެ ޕްރޮގްރާމެއް ފަށާފައިވާކަން އެސޯސިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރަށް ދައިރާގެ ތަރައްޤީ އަދި ވަސީލަތްތައް ހަރުދަނާ ކުރުމަށް އިތުރު ގިނަ ހަރާކަތްތަކެއް ރޭވި ކުރިއަށް ގެންގޮސްފައިވާނެ ކަމަށް ބޯޓިން އެސޯސިއޭޝަނުން ބުނެއެވެ.