ކުޅިވަރު

ކޯވިޑް-19އާ ގުޅިގެން ޕްރިމިއަރ ލީގުގެ މެޗުތަކެއް ފަސްކޮށްފި


އިންގްލިޝް ޕްރިމިއަރ ލީގުގެ ބޮކްސިންގ ޑޭގެ މެޗްތަކުގެ ތެރެއިން ބަރންލީ އާއި އެވަޓަން ބައްދަކުރަން އޮތް މެޗް ކޯވިޑް-19 ގެ ސަބަބުން ފަސްކޮށްފިއެވެ. މިކަން މިހާރުވަނީ އިންގްލިޝް ޕްރިމިއަރ ލީގުން އާންމުކޮށްފައެވެ.

ޕްރިމިއަރ ލީގުން ހާމަކުރިގޮތުގައި މިމެޗް ފަސްކޮށްފައިމިވަނީ ކޮރޯނާ ވައިރަސް ޖެހިފާވާ ކުޅުންތެރިންނާއި އަނިޔާގެ ސަބަބުތަކާއި ހެދި ކަމަށެވެ. އެހެންކަމުން މާދާމާއަށް ކުޅުނަށް ކުރިން ހަމަޖެހިފާވި 9 މެޗްގެ ތެރެއިން މިހާރު ތިންވަނަ މެޗެއް މިވަނީ ފަސްކުރެވިފައެވެ. އޭގެ ކުރިން ލިވަޕޫލާއި ލީޑްސް ޔުނައިޓެޑް ބައްދަލުކުރަން އޮތް މެޗާއި ވޮޓްފޯޑާއި ވުލްވަރހެމްޕްޓަން ވޮންޑަރސް ބައްދަލުކުރަން އޮތް މެޗު ވެސް މިވަނީ ފަސްކޮށްފައެވެ. މިއާއެކު ކޯވިޑް-19އާ ގުޅިގެން މިހާތަނަށް ވަނީ 13 މެޗު ފަސްކޮށްފައެވެ. ބަރންލީ އާއި އެވަޓަންގެ މެޗް ފަސްކޮށްދިނުމަށް އެންމެ ފުރަތަމަ ހުށަހެޅުމުން ލީގުން ވަނީ އެކަން ބަލައިގަނެވެން ނެތް ކަމަށް ބުނެފައެވެ. އެކަމާއި ގުޅިގެން އެވަޓަންގެ ކޯޗް ރަފައެލް ބެނީޓޭޒް ބުނީ އެވަޓަންގައި ފިޓްކޮށް ތިބީ ސީނިއަރ 9 ކުޅުންތެރިންނައި ތިން ކީޕަރުން ކަމަށެވެ. އެހެންކަމުން މިމެޗް ކުރިއަށް ގެންދަން ނިންމި ސަބަބު ނުވިސްނޭކަމަށެވެ. ނަމަވެސް ފަހުން އަނެއްކާ އީޕީއެލްއިން ބެލުމަށްފަހު މެޗް މިވަނީ ފަސްކޮށްފައެވެ.

މަޢުލޫމާތުލިބޭގޮތުގައި އެންމެފަހުން އީޕީއެލްގެ ކްލަބްތަކުގެ ކުޅުންތެރިންނާއި އޮފިޝަލުންގެ ކުރި ޓެސްޓް ތަކުގެ ތެރެއިން 90 ޕޮޒިޓިވް ކޭސް ފެނިފައިވެއެވެ.