ސިއްހަތު

" ކެޓަރެކްޓް ސާރޖަރީ " އަށް ޚާއްސަ އައި-ކޭމްޕެއް ފަށަނީ


މިނިސްޓްރީ އޮފް ހެލްތާއި ޗައިނާގެ ނެޝަނަލް ހެލްތް އެންޑް ފެމިލީ ޕްލޭނިންގ ކޮމިޝަން ގުޅިގެން " ބްރައިޓް ޖާރނީ" ގެނަމުގައި އައި-ކޭމްޕެއް ކުރިއަށް ގެންދިއުމަށް ނިންމަވައިފިއެވެ.  މި އައި ކޭމްޕް ބޭއްވުމަށް ހަމަޖެހިފައިވަނީ މި ފެށޭ ޖެނުއަރީ މަހުގެ 17 ން ފެށިގެން 27 ގެ ނިޔަލަށް ހުޅުމާލޭގައެވެ.މި ކޭމްޕްގައި ޗައިނާގެ 3 ޑޮކްޓަރުންނާއި ނަރުހަކާއި ޓެކްނީޝަނެއް ހިމެނޭކަމަށް ހުޅުމާލޭ ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙުމަދު ޝާކިރު ވިދާޅުވިއެވެ. އައި ކޭމްޕްގައި ކުރިޔަށް ގެންދާނީ "ކެޓަރެކްޓް ސާރޖަރީ" ނުވަތަ ލޮލުގެ ފުސްކެހުން ކަމަށްވެސް ހުޅުމާލޭ ހޮސްޕިޓަލުން ވިދާޅުވިއެވެ.ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން ހުޅުމާލެ ހޮސްޕިޓަލްގެ ޑިރެކްޓަރ އަޙުމަދު ޝާކިރު ވިދާޅުވީ ސްކުރީންކުރުމުގެ އެންމެ ފަހުގެ ތާރީޚަކީ އަންނަ ޖެނުއަރީ މަހުގެ ފަނަރަ ވަނަ ދުވަސްކަމަށެވެ. މިހާރުވެސް ރަޖިސްޓްރީ ކުރުމުގެ މަސައްކަތް އަތޮޅުތަކާއި މާލޭގައި ކުރިއަށް އެބަދާކަމަށް އޭނާ ވިދާޅުވިއެވެ. ރަޖިސްޓްރީ ކުރައްވާ ފަރާތްތަކުގެ ޞިއްޙީ ޙާލަތު ދެނެގަތުމަށްޓަކައި އެ މީހަކު ރަޖިސްޓްރީ ކޮށްފައިވާ މަރުކަޒަކުން ހެލްތު ސްކްރީން ހަދަންޖެހެއެވެ. މިކަން ކުރެވޭނީ ލޮލުގެ ޚާއްޞަ ޑޮކްޓަރަކަށް ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ. އަދި ޓެސްޓްތަކުގެ ނަތީޖާއާއި އެކު އޮޕަރޭޝަންގެ ކުރިން ކުރަންޖެހޭ ސްކްރީނަށް ހުޅުމާލެ ހޮސްޕިޓަލުގެ ކަނޑައެޅިފައިވާ ޑޮކްޓަރަކަށް ދައްކަވަން ޖެހޭނެކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވިއެވެ.ލޮލުގެ ފުސްކެހުމުގެ އޮޕަރޭޝަން ކުރާނީ ޗައިނާގެ މެޑިކަލް ޓީމުން ބެލުމަށްފަހު އޮޕަރޭޝަން ކުރަންޖެހޭ ކަމަށް އެޓީމަށް ފެންނަ ފަރާތްތަކުން ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތުދެއްވައެވެ. މިއީ ދިވެހި ސަރުކާރާ ޗައިނާ ސަރުކާރު ގުޅިވަޑައިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.