ޚަބަރު

އައްޑޫ ސިޓީ ކައުންސިލުން ހުޅުދޫއާއި މީދޫ ވަކިކުރުމާއިމެދު ޢާންމުންގެ ޚިޔާލަށް


އައްޑޫ ސިޓީ ކައުންސިލުގެ ދަށުން ހުޅުދުއާއި މީދޫ ވަކިކުރުމާމެދު ޢާންމު ރައްޔިތުންގެ ޚިޔާލު ހުރިނެތްގޮތް ބެލުމުގެ މަސައްކަތް އެދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ފަށްޓަވައިފިއެވެ.

އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި މިހާރު އޮތް ހުޅުދުއާއި މީދޫ ވަކި ކުރުމަށް ރޮޒައިނާ އެދާއިރާގެ ރައްޔިތުންގެ ޚިޔާލަށް ހުޅުވާލެއްވީ، އެދާއިރާގެ ގިނަ ރައްޔިތުން އެކަމަށް އެދެމުން ދިއުމުންނެވެ. ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން ރޮޒައިނާ ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލްގެ ދަށުގައި ހުޅުދުއާއި މީދޫ އޮތުމުން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއިވިފައިވާކަމަށެވެ.

ޚާއްސަކޮށް ތަރައްޤީގެ ކަންކަން ހިންގުމުގައި ދިމާވާ ދަތިތައް ލަސްވުމަކީ ސިޓީ ކައުންސިލްގެ ދަށުންވަކިވެ، ވަކި ކައުންސިލެއްގެ ގޮތުގައި އޮތުމަށް ރައްޔިތުން އެދޭ އެންމެބޮޑު އެދުންކަމަށެވެ. މިހާރުވެސް ބައެއް މަޝްރޫޢުތައް ހިންގަން ލަސްވަމުންދަނީ ސިޓީ ކައުންސިލުން ނިންމަންޖެހޭ ކަންކަން ނުނިމި ލަސްތަކެއް ވުމުންކަން ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ.

ހުޅުދުއާއި މީދުއަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ދެ ރަށެވެ. ރައްޔިތުންގެ ޚިޔާލަށް މިދެއަވަށް ސިޓީ ކައުންސިލުން ވަކިކުރުމާމެދު ޢާއްމުންގެ ޚިޔާލަށް ހުޅުވާލުމުން ގިނަ ރައްޔިތުން ވަނީ ސިޓީ ކައުންސިލުން ވަކިވުމަށް ތާޢީދުކޮށްފައެވެ.

ރޮޒައިނާ ވިދާޅުވީ މިހާރު ޤާނޫނުގައި އޮންނަ ގޮތުން ކައުންސިލްތަކުން ވަކިވާން ބޭނުންވިޔަސް އެކަން ކުރެވޭނެ ގޮތެއް ނެތްކަމަށެވެ. އެހެންކަމަށްވުމުން ރައްޔިތުން މިބަދަލު ގެންނަން ތާއީދުކުރާނަމަ ޤާނޫނަށް އިސްލާހު ހުށަހަޅުއްވާނެކަމަށް ރޮޒައިނާ ވަނީ ވިދާޅުވެފައެވެ.