ޚަބަރު

ލުބުނާނުގެ ނަޞާރާއިންގެ އެންމެ ބޮޑު ޕާޓީން ހިޒުބުﷲއާ ގުޅުން ކަނޑާލަނީ


ލުބުނާނުގެ ނަޞާރާއިންގެ އެންމެ ބޮޑު ޕާޓީކަމަށްވާ ފުރީ ޕެޓުރިއޮޓިކް މޫވުމަންޓު ޕާޓީ، އެފްޕީއެމުން ޝީއީ މުސްލިމުންގެ އެންމެ ބޮޑު ޕާޓީކަމަށްވާ ހިޒުބުﷲ ޖަމާޢަތާއެކު އެކުލަވާލާފައިވާ އިއްތިޙާދު ރޫޅާލަން ނިންމައިފިއެވެ.

މީގެ ދުވަސްކޮޅެއް ކުރިން ލުބުނާނުގެ ވަޤުތީ ޚާރިޖީ ވަޒީރު އަދި އެފްޕީއެމުގެ އިސްވެރިޔާ ޖިބްރާން ބާސީލްވަނީ އޭނާގެ ޕާޓީގެ ބައެއް މެންބަރުންނާ ދެކޮޅަށް ހިޒުބުﷲއިންނާއި އަމަލް ޕާޓީން ފިޔަވަޅު އެޅުމަށް ނިންމުމުން އެ ކަމުގެ ނަތީޖާ ހިތިވާނެކަމަށް ވިދާޅުވެފައެވެ. އެއާއެކު އެފްޕީއެމުގެ ބައެއް އިސްވެރިންވަނީ ހިޒުބުﷲއާއެކު އެކުލަވާލާފައިވާ އިއްތިޙާދު ނިމުމަމަށް އައިސްފައިވާކަމަށް ފާޅުގައި ވިދާލުވެފައެވެ.

އެފްޕީއެމުން ހިޒުބުﷲއާއެކު އިއްތިޙާދެއް އެކުލަވާލާފައިވަނީ 2006ވަނަ އަހަރުގެ ތެރޭގައެވެ. ފާއިތުވި 16 އަހަރުގެ ތެރޭގައި އެ އިއްތިޙާދުންވަނީ ލުބުނާނުގެ ސިޔާސީ މަޞްރަޙުގައި މުޙިއްމު ދަޢުރެއް އަދާކޮށްފައެވެ. އެ ގޮތުން އެ އިއްތިޙާދުންވަނީ 2016ވަނަ އަހަރުގެ ތެރޭގައި އެފްޕީއެމުގެ ބާނީ މިޝާލް ޢައޫން ލުބުނާނުގެ ރައީސްގެ މަޤާމަށް ގެނެސްފައެވެ. އަދި ލުބުނާނުގައި އެކުލަވާލާފައިވާ ސަރުކާރުތަކުގައިވެސް އެ އިއްތިޙާދުގެ ބައިވެރިވުން ބޮޑެވެ. އޭގެ އިތުރުން އެ އިއްތިޙާދު ވެފައިވަނީ ހިޒުބުﷲގެ އަސްކަރީ ގޮފީގެ މަސައްކަތްތަކަށްވެސް އޮތް ނިވާފަތްގަނޑަކަށެވެ.

2019ވަނަ އަހަރުން ފެށިގެން ހިޒުބުﷲއާއެކު އެކުލަވާލާފައިވާ އިއްތިޙާދު ރޫޅާލުމަށް ޢަރަބި ޤައުމުތަކުންވަނީ ވަރަށް ބޮޑަށް އެފްޕީއެމަށް ބާރުއަޅައިފައެވެ. ލުބުނާނުގެ މާލީ އަދި އިޤްތިޞާދީ ޙާލަތު ނާޒުކު ފައްތަރެއްގައި އޮތް ނަމަވެސް އެ ޤައުމުގައި އީރާނާ ގާތްގުޅުމެއް އޮންނަ ހިޒުބުﷲގެ ނުފޫޒު ބޮޑުވުމުގެ ސަބަބުން އެހީތެރިކަން ފޯރުކޮށްދިނުމަށް ޢަރަބި ޤައުމުތަކުން ބޭނުމެއް ނުވެއެވެ.