ކުޅިވަރު

މިހަފްތާގައި ކުޅެން އޮތް ދެ މެޗް ފަސްކޮށްފި


ކޯވިޑް-19އާއި ގުޅިގެން އިނގިރޭސި ޕްރިމިއާ ލީގުގައި މި ހަފްތާގައި ކުޅެން އޮތް ދެ މެޗެއް ފަސްކުރަން ނިންމައިފިއެވެ. ކޯވިޑް-19އާއި ގުޅިގެން ޕްރިމިއަރ ލީގުން ފަސްކުރަން ނިންމާފައިވަނީ ލިވަޕޫލުން އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާއި ދެކޮޅަށް ކުޅެން އޮތް މެޗާއި ވުލްވްސް އާއި ވަޓްފޯޑް ބައްދަލުކުރަން އޮތްމެޗެވެ. މިދެ މެޗް ފަސްކޮށްފައިވަނީ ދެ މެޗްގައި ކުޅޭ ކުޅުންތެރިން ކޯވިޑް-19އަށް ޕޮޒިޓިވްވެފައިވާ މިންވަރު ގިނަ ވުމުންނެވެ. މިއާއެކު މިހާރު ކޯވިޑް-19އާއި ގުޅިގެން 12 މެޗެއްވަނީ ފަސްކޮށްފައެވެ.

ޕްރިމިއަރ ލީގުން މިހާރު ނިންމާފައިވަނީ ލީގު މެދުކަނޑާނުލައި ކުޅެވޭ މެޗުތަކާއެކު ކުރިއަށް ދިއުމަށެވެ. ކޮވިޑްގެ ސަބަބުން މި ފަހުން އެންމެ ގިނަ މެޗު ފަސްކުރަން ޖެހުނު އެއް ޓީމަކީ ވަޓްފޯޑެވެ. މީގެ ކުރިން ވަޓްފޯޑުން ބާންލީ އާއި ކްރިސްޓަލް ޕެލަސްއާ ދެކޮޅަށް ކުޅެން އޮތް މެޗުތައް ވެސް ފަސްކުރަން ޖެހުނުއިރު، ވުލްވްސް މެޗާއެކު ވަޓްފޯޑްގެ ތިން މެޗެއް މި ވަނީ އަލުން ރީޝެޑިއުލްކުރަން ޖެހިފައެވެ. ލިވަޕޫލާއި ލީޑްސް މެޗު ފަސްކުރަން ޖެހުނު އެންމެ ބޮޑު ސަބަބަކީ މި ހަފްތާގެ މެޗުތަކުގެ ކުރިން ކުރި ޕީސީއާރު ޓެސްޓްތަކުން އިތުރު ޕޮޒިޓިވް ކޭސްތަކެއް ފެނި އެ ކްލަބްގެ ޓްރެއިނިން ދަނޑު ބަންދުކުރަން ޖެހުމުންނެވެ.