ކުޅިވަރު

ދެވަނަ މެޗްގައި ނޭޕާލް އަތުން ރާއްޖެ ބަލިވެއްޖެ


ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ޤައުމީ އަންހެން ޓީމް ކުޅުނު ދެވަނަ މެޗްގައި ނޭޕާލް އަތުން ބަލިވެއްޖެއެވެ. މިމުބާރާތުގައި ރާއްޖޭގެ އަންހެން ޓީމް ކުޅުނު ދެވަނަ މެޗުން ބަލިވީ ސީދާ ތިން ސެޓުންނެވެ. މިމުބާރާތުގެ ދެވަނަ މެޗްގެ ސެޓްތައް ނޭޕާލުން ގެންދިޔައީ 25-11، 25-9 އަދި 25-5 އިންނެވެ.

މިފަހަރުގެ މުބާރާތާއި ކުރިމަތިލާއިރު ގައުމީ ޓީމަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. ގިނަ ތަޖްރިބާކާރު ކުޅުންތެރިން މިފަހަރު ޓީމާއެކު ނުދެއެވެ. އޭގެ ތެރޭގައި ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ހައްވާ ރާޝިދާ އާއި ފާތިމަތު ޖޫޒާން، އާއިޝަތު ޝައްފަ، ޒީނިޔާ މޫސާ އަދި އާއިޝަތު މާޖިދާ ފަދަ ކުޅުންތެރިން މިފަހަރުގެ މުބާރާތުގައި ޓީމާއެކު ނުދެއެވެ.

މިމުބާރާތުގައި ރާއްޖެއިން އެންމެ ފުރަތަމަ ވާދަކޮށްފައިވަނީ އުސްބަކިސްތާންއާއި ދެކޮޅަށެވެ. މިމެޗް އުޒަބަކިސްތާނުން ކާމިޔާބުކުރީ ސީދާ 3 ސެޓުންނެވެ. މިމުބާރާތުގައި ރާއްޖެއިން ކުޅޭ ތިންވަނަ މެޗުގައި ރާއްޖެ ނިކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ. އަދި ތިންވަނަ މެޗްގައި ނިކުންނާނީ ކްރިގިސްތާނާއި ދެކޮޅަށެވެ. އަދި ފަހު މެޗްގައި ރާއްޖެ ނިކުންނާނީ ބަންގްލަދޭޝާއި ދެކޮޅަށެވެ. މިމުބާރާތުގައި 6 ޓީމް ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. އަދި ތިންވަނަ އަދި ހަތަރުވަނައަށް ދާ ޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.