ވިޔަފާރި

ޖެލީގެ އައުޓްލެޓެއް ހުޅުމާލޭގައި


ޖެލީގެ އައުޓްލެޓެއް ހުޅުމާލޭގައި ހުޅުވައިފިއެވެ. މިތަން ހުޅުވައިދެއްވީ ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދެވެ.

ޖެލީގެ ޚިދުމަތް ފެށިގެންއައީ ހެންވޭރުގައި 2011 ވަނަ އަހަރު ހުޅުވި ޖޫސްޕޮއިންޓަކާ އެކުގައެވެ. އެއަށްފަހު ޖެލީ ރެސްޓޯރަންޓް އަދި ޖެލީ ޓޭކްއަވޭގެ ޚިދުމަތް 2015 ވަނަ އަހަރު ފެށިގެން ދިޔައެވެ. 2018 ވަނަ އަހަރު ދަ ޑޯ ބައި ޖެލީގެ ޚިދުމަތް ފެށިއިރު މިއީ ހުރިހައި ވައްތަރެއްގެ ކެއުން ލިބޭ ރެސްޓޯރެންޓެކެވެ.

ޖެލީގެ ޚިދުމަތް ފުޅާވެ މިހާރު ހުޅުމާލޭގައި ވަނީ ޖެލީގެ އައުޓްލެޓެއް ހުޅުވާފައެވެ. މިއީ ޖެލީގެ 5ވަނަ އައުޓްލެޓެވެ. ޖެލީންގެ ހުޅުމާލޭ އައުޓްލެޓް ހުޅުވުމަށްފަހު ޕީއެސްއެމްއަށް މައުލޫމާތުދެމުން ޖެލީގެ މެނޭޖަރ ތާނިޝް އާދިލް ބުނީ ހުޅުމާލޭގައި ހުޅުވި އައުޓްލެޓަކީ އަވަސް ޚިދުމަތެއް ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހުޅުވި އައުޓްލެޓެއްކަމަށެވެ. މިތަން ޕިއްޒާއަށް ޚާއްސަވި ނަމަވެސް އެހެން ހުރިހައި ކެއުންތަކެއްވެސް މިތަނުން ލިބޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

"ހުޅުމާލޭގައި އަޅުގަނޑުމެންގެ ޚިދުމަތް ތައާރަފްކުރުމަށާއި ހުޅުމާލޭގައި އަވަސް ޚިދުމަތެއް ދިނުމަށް ހުޅުމާލޭގައިވެސް އައުޓްލެޓެއް ހުޅުވީ. ހުޅުމާލޭގައިވެސް ޑެލިވަރީއާއި ޑައިނިންގ ހުންނާނެ. މިކޮޅުން ސްޕެޝަލައިޒްކޮށްފައި ހުންނާނީ ޕިއްޒާއަށް އެކަމަކުވެސް އިތުރު ކާނާވެސް ލިބޭނެ." ތާނިޝް ބުންޏެވެ.

ޖެލީގެ ހުޅުމާލެ އައުޓްލެޓް ހުޅުވުމުގެ ގޮތުން ވަނީ ކުޑަކުދިންގެ ޚާއްސަ ހަވީރެއް ބާއްވާފައެވެ. މި ހަރަކާތުގައި ކުޑަކުދިން ގަޔާވާކަހަލަ ހަރަކާތްތައް ވަނީ ކުރިއަށްގެންގޮސްފައެވެ. ހުޅުމާލޭ ފިއްޒާ އައުޓްލެޓް ހުންނާނީ ހުޅުމާލޭ ލޮޓް 10996 ގައެވެ. ޕިއްޒާއަށް ޚާއްސަ ޖެލީން މިހާރު ތަފާތު 40 ވައްތަރުގެ ޕިއްޒާ ދަނީ ކަސްޓަމަރުންނަށް ފޯރުކޮށްދެމުންނެވެ.