ޚަބަރު

ކޮމަންޑޫ ދާއިރާ ބައިއިލެކްޝަން: އެމްޑީޕީން ރާޝިދު، ޕީޕީއެމުން ފަތުޙީ، އެމްއެންޕީން އަބްދުލްޙަންނާނު


އަންނަ ފެބްރުއަރީ މަހުގެ 5ވަނަ ދުވަހު ބާއްވާ ށ.ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ސިޔާސީ މައި ދެޕާޓީއާއި އެމްއެންޕީން ވާދަކުރާ ކެނޑިޑޭޓުން ޢިއުލާންކޮށްފިއެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ޕްރައިމަރީ ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީން ހުޅުވާލުމުން ވާދަކުރެއްވި ހަމައެކަނި ކެނޑިޑޭޓަކީ ށ.ފޯކައިދޫ ޔުނިވާސް، މުޙައްމަދު ރާޝިދެވެ. އެމްޑީޕީގެ އަސާސީ ޤަވާއިދު ހަމަޖެހިފައިވާ ގޮތުން އެއް ބޭފުޅަކު ކުރިމަތިލެއްވުމުން އޭނާއަށް ޕްރައިމަރީއަކާ ނުލައި އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މުޙައްމަދު ރާޝިދަކީ މިދިޔަ 3 ދައުރުގައިވެސް ފޯކައިދޫ ކައުންސިލްގެ ރައީސްކަން ކުރައްވައި މިހާރު ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލެއްގެ ގޮތުގައި ހުނެނެވި ބޭފުޅެކެވެ.

ކޮމަންޑު ދާއިރާގެ ބައި އިލެކްޝަންގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ވާދަކުރާނެ ކެނޑިޑޭޓަކީ ކޮމަޑުއަށް އުފަން އަލްއުތާޒު މޫސާ ފަތުހީ އާދަމް ކަމަށް އެކޯލިޝަނުން ވަނީ ނިންމާފައެވެ.

ފަތުހީއަށް ޓިކެޓް ދީފައިވަނީ، އިދިކޮޅު ކޯލިޝަނުން ހުޅުވާލި ފުރުސަތުގައި އިތުރު މީހަކު ވާދަ ނުކުރުމުންނެވެ. ފަތުހީއަކީ ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އަދި ށ.އަތޮޅު އަތޮޅު ކައުންސިލްގެ ރައީސްކަންވެސް އޭނާ ވަނީ ކުރިން ކުރައްވާފައެވެ.

މޯލްޑިވްސް ނެޝެނަލް ޕާޓީ(އެމްއެންޕީ)އިން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ވާދަކުރާނީ ޕްރައިމަރީގައި ހަމައެކަނި ވާދަކުރެއްވި އަބްދުލް ހަންނާން އިދުރީސް ކަމަށް އެޕާޓީން ވަނީ ހާމަކޮށްފައެވެ. އަބްދުލް ހަންނާން އިދުރީސަކީ ތައުލީމީ ދާއިރާއަށް ގިނަ ޚިދުމަތްތަކެއް ކުރައްވާފައިވާބޭފުޅެކެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ކުރިމަތިލުމަށް ފުރުސަތު ހުޅުވާލާފައިވަނީ އެ ދާއިރާގެ މެމްބަރު ހުސެއިން ވަހީދު އަވަހާރަވުމުން އެދާއިރާގެ ގޮނޑި ހުސްވުމާ ގުޅިގެންނެވެ. ހުސެއިން ވަހީދު މަޖިލީހުގައި ކޮމަންޑޫ ދާއިރާ ތަމްސީލް ކުރައްވަމުން ދިޔައީ އެމްޑީޕީ ޓިކެޓުގައެވެ.

އިލެކްޝަންސް ކޮމިޝަނުންރި މިހާރުވަނީ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ބޭފުޅުންނަށް މި މަހުގެ 30ވާ ބުރާސްފަތި ދުވަހުގެ 15:00ގެ ނިޔަލަށް އެފުރުސަތު ހުޅުވާލައްވާފައެވެ.