ވިޔަފާރި

މިމަހުވެސް 1 ލައްކަ އަށްވުރެ ގިނަ ފަތުރުވެރިން!


މިމަހުގެ މިހާތަނަށް ރާއްޖެއައި ފަތުރުވެރިންގެ އަދަދު 1 ލައްކައަށްވުރެ އިތުރުވެއްޖެއެވެ. މިއީ ޖެހިޖެހިގެން ކޮންމެމަހެއްގައި ރާއްޖެއަށް 1 ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާތާ 6ވަނަ މަހެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ މޯލްޑިވްސް ޓޫރިޒަމް އަޕްޑޭޓް ރިޕޯޓުން ދައްކާގޮތުން ރާއްޖެ އަންނަ ފަތުރުވެރިންގެ ޢަދަދު މިހާރު މަހުންމަހަށް އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މި ޑިސެމްބަރ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 5،153 ފަތުރުވެރިން އާދެއެވެ. މިއީ ކޯވިޑް-19އަށްފަހު ރާއްޖެއަށް ދުވާލެއްގެ މައްޗަށް މިހާ ގިނަ ފަތުރުވެރިން އަންނަންފެށި ފުރަތަމަ މަހެވެ. މިދިޔަ މަހު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެ އައިސްފައިވަނީ 4825 ފަތުރުވެރިންނެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން މިމަހުގެ ތެރޭގައި ރާއްޖެ އައި ފަތުރުވެރިންގެ އަދަދުވެސް މިހާރު ވަނީ 1 ލައްކަ ހުރަސްކޮށްފައެވެ. އެގޮތުން މިމަހުގެ 1އިން 22ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދަކީ 113،367އެވެ. މިއީ އަހަރު ފެށުނު އިރާއި އަޅާބަލާއިރު ބޮޑުތަނުން ކުރިއެރުމެކެވެ.

މިއަހަރުގެ ވަކިވަކި މަސްމަހަށް ބަލާއިރު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު

  • ޖަނަވަރީ – 92،103
  • ފެބްރުއަރީ – 96،882
  • މާރޗް – 109،585
  • އޭޕްރީލް – 91،200
  • މޭ – 64،613
  • ޖޫން – 56،166
  • ޖުލައި – 101،818
  • އޮގަސްޓް – 143،599
  • ސެޕްޓެމްބަރ – 114،896
  • އޮކްޓޯބަރ – 142،066
  • ނޮވެމްބަރ – 144،725
  • ޑިސެމްބަރ (1 އިން 22 އަށް) – 113،367

ރާއްޖެއަށް މިހާރު އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާއިންނެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް 286،434 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. 2ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައީ ރަޝިއާއިންނެވެ. އެއީ 214،232 ފަތުރުވެރިންނެވެ. އަދި 3ވަނައަށް އެންމެ ގިނަ ފަތުރުވެރިން އައީ ޖަރުމަނުވިލާތުންނެވެ. އެއީ ޖުމްލަ 90،732 ފަތުރުވެރިންނެވެ.

ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޙިދުމަތް ދިނުމަށް 916 ތަނެއް ވަނީ ހުޅުވާފައެވެ. އެއީ މުޅި ޖުމްލަ 52،922 އެނދެވެ.