ކުޅިވަރު

އެތުލީޓް ކޮމިޝަންގެ ފަހު ޖާގަ ނީލާއަށް


އެތުލީޓްސް ކޮމިޝަންގައި ބެޑްމިންޓަންގެ ޖާގައިގައި އެކޮމިޝަނަށް ތަޖުރިބާކާރު ކުޅުންތެރިޔާ ނީލާ އަޙުމަދު ނަޖީބު ހޮވިއްޖެއެވެ. އެތުލީޓުންނަށް ބާރު ލިބޭ ގޮތަށް މޯލްޑިވްސް އޮލިމްޕިކް ކޮމިޓީ (އެމްއޯސީ)އިން އިއްޔެ ބޭއްވި އިންތިޚާބުގައި ބެޑްމިންޓަންގެ ފަރާތުން އެތުލީޓްސް ކޮމިޝަންގެ އިންތިޚާބުގައި ވާދަކޮށްފައިވަނީ ޢާއިޝަތު ޝަހުރުނާޒް އާއި ނީލާ ނަޖީބެވެ.

އެތުލީޓްސް ކޮމިޝަން އެކުލެވޭނީ 5 މެމްބަރުންގެ މައްޗަށެވެ. އެއީ އޮލިމްޕިކްސްގައި ވާދަކޮށްފައިވާ 2 އެތުލީޓުން ހިމެނޭ ގޮތަށެވެ. އަނެއް 3 މެންބަރުން ވާން ޖެހޭނީ އޮލިމްޕިކް ކުޅިވަރުތަކަށް ނިސްބަތްވާ އެތުލީޓުންނަށެވެ. މިކޮމިޝަންގެ ދައުރަކީ 4 އަހަރުއެވެ. އެތުލީޓްސް ކޮމިޝަންގެ ފަރާތުން އޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީ އަށް ދާނެ މެމްބަރެއް ކަނޑައަޅާނީ އެތުލީޓްސް ކޮމިޝަނުންނެވެ.

މޯލްޑިވްސް އޮލިމްޕިކް ކޮމެޓީއިން އެތުލީޓް ކޮމިޝަންގައި ބައިވެރިވުމަށް އެތުލީޓުންނަށް ހުޅުވާލި ފުރުސަތުގައި އެކޮމިޝަންގައި ބައިވެރިވުމުގެ މުއްދަތު ހަމަވީއިރު، ހުށައަޅާފައިވާ ކެންޑިޑޭޓުންނަކީ ގައުމީ ބެޑްމިންޓަން ޓީމުގެ އާމިނަތު ޝަހުރުނާޒާއި ނީލާ ނަޖީބުގެ އިތުރުން ގައުމީ ފެތުންތެރިޔާ މުބާލް އައްޒާމް އިބްރާހީމް، ޤައުމީ ހޭންޑްބޯޅަ ޓީމުގެ ނަޝްފާ އާމިރާ އަދި ޤައުމީ ބާސްކެޓްބޯޅަ ޓީމުގެ ކެޕްޓަން އަހުމަދު ޒަބީރެވެ.

އެތުލީޓްސް ކޮމިޝަންގައި އޮލިމްޕިކްސްގައި ވާދަކޮށްފައިވާ ދެ އެތުލީޓަކަށް ލިބޭ ޖާގައިގައި މުބާލް ވަނީ ފިރިހެން އެތުލީޓަކަށް ޚާއްސަވާ ސްލޮޓްގައި ކޮމިޝަނަށް ހޮވިފައެވެ. ނަމަވެސް އޮލިމްޕިކްސްގައި ވާދަކޮށްފައިވާ އަންހެން އެތުލީޓަކު ކުރިމަތިނުލާތީ އޮލިމްޕިކް ކޮމިޓީން ނިންމީ ވަކިން އެކަމަށް ބައި-އިލެކްޝަނެއް ބޭއްވުމަށެވެ. ބާސްކެޓުން ޒަބީރާއި ހޭންޑް ބޯޅަ ނަޝްފާ ވަނީ އެ ދެ ކުޅިވަރު ތަމްސީލްކުރާ މެމްބަރުންގެ ގޮތުގައި ކޮމިޝަނަށް ހޮވިފައެވެ. ކޮމިޝަންގެ ބާކީ ޖާގައަށް ނީލާ ނަޖީބު ހޮވިފައިވާއިރު، މިއަދު ބޭއްވި އިންތިޚާބްގައި ވޯޓްލުމަށް ރަޖިސްޓްރީވެފައިވަނީ 357 ކުޅުންތެރިންނެވެ.

އެތުލީޓްސް ކޮމިޝަނުގެ އިންތިޚާބުގައި ވޯޓުލާފައިވަނީ ވޮލީ، ޓެނިސް، ޓޭބަލް ޓެނިސް، ސްވިމިން، ސާފިން، ހޭންޑްބޯލް، ބާސްކެޓްބޯލް، ބެޑްމިންޓަންގެ އިތުރުން އެތުލެޓިކްސްގެ އެތުލީޓުންގެ ތެރެއިން މިދިޔަ އަށް އަހަރު ތެރޭ ޤައުމީ ޓީމުގައި ހިމެނިފައިވާ ކުޅުންތެރިންނެވެ.