ޚަބަރު

ނެޓް މީޓަރިންގ ޤަވާއިދު އިފްތިތާޙުކޮށްފި


އިޢާދަކުރަނިވި ހަކަތައިން ކަރަންޓް އުފައްދާ ނިޒާމުތައް ނެޓްމީޓަރިން އުސޫލުން ކަރަންޓުގެ ވިއުގައަށް ގުޅާލުމާ ބޭހޭ ގަވާޢިދު އިފްތިތާޙްކޮށްފިއެވެ.މި ޤަވާޢިދު އިފްތިތާޙްކޮށްދެއްވީ އެންވައިރުމެންޓް މިނިސްޓަރ ތޯރިޤް އިބްރާހީމްއެވެ.ނެޓްމީޓަރިން އުސޫލުން ކަރަންޓުގެ ޚިދުމަތް ލިބިގަތުމުން، ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުން ބޭނުންވާ ޖުމްލަ ކަރަންޓު، ނުވަތަ ކަރަންޓުން ބައެއް އިޢާދަކުރަނިވި ހަކަތައިގެ ވަސީލަތެއް ބޭނުންކޮށްގެން އަމިއްލައަށް އުފައްދާ ކަރަންޓުން، އެ އުފެއްދި ކަރަންޓުން ބޭނުންނުކޮށް އިތުރުވާބައި، ކަރަންޓުގެ ޚިދުމަތްދޭ ފަރާތުގެ ޑިސްޓްރިބިއުޝަން ވިއުގައަށް ފޮނުވުމުގެ ފުރުޞަތު ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކަށް ލިބޭނެއެވެ.މިގޮތުން ވިއުގައަށް ފޮނުވޭ ކަރަންޓުގެ ޔުނިޓްގެ އަދަދު ބިލުން އުނިކުރެވިގެންދާނެއެވެ. އަދި އަމިއްލައަށް އުފައްދާ، ވިއުގައަށް ފޮނުވާ ކަރަންޓު ޔުނިޓްގެ އަދަދު ބިލުން އުނިވެގެން ދިޔުމުން، ނެޓްމީޓަރިން އުސޫލުން ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ފަރާތްތަކުގެ ބިލަށް ފައިސާ ދައްކާ މިންވަރު ކުޑަވެގެންދާނެއެވެ. އަދި މި ޚިދުމަތް ހޯދާ ފަރާތްތަކުން ބޭނުންވާ ޖުމްލަ ކަރަންޓް އަމިއްލައަށް އުފެއްދޭނަމަ މި ޚިދުމަތްހޯދާ ފަރާތްތަކުން ކަރަންޓު ބިލަށް ފައިސާ ދައްކާކަށްވެސް ނުޖެހޭނެއެވެ.މިއަދު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ޤަވާޢިދު އިފްތިތާޙް ކޮށްދެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން އެންވަޔަރުމަންޓް މިނިސްޓަރ ތޯރިޤް އިބްރާޙިމް ވިދާޅުވީ، ތެލަށްކުރާ ޚަރަދު ކުޑަކުރުމަށް އިޔާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރަންޖެހޭކަމަށެވެ. އަދި އޭގެ ސަބަބުން ތަރައްގީގެ އެހެން މަޝްރޫއުތަކަށް އެ ފައިސާ ބޭނުން ކުރެވޭނެ ކަމަށާއި، ތެލުގެ ސަބްސިޑީވެސް ކުޑަވެގެންދާނެކަމަށެވެ.ދުވާލުގަޑީގައި ބޭނުންކުރާ ކަރަންޓުގެ 30 އިންސައްތަ އަކީ އިއާދަކުރަނިވި ހަކަތައަށް ހެދުމަށް ސަރުކާރުން ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ. މިކަމަށް ބޭނުންވާ އިތުރު ދެ ސޯލަރ ޕެނަލް ހަރުކުރުމަށް މިހާރު ބަޔަކާ ހަވާލުކުރެވި އެމަސައްކަތް ކުރިއަށްދާކަން މިއަދުގެ ރަސްމިއްޔާތުގައި އެންވަޔަރުމަންޓް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.ކަރަންޓްގެ ޚިދުމަތްދޭ ފަރާތުގެ ޑިސްޓްރިބިއުޝަން ވިއުގައަށް ނެޓް މީޓަރު އުޞޫލުން ގުޅާ އިޢާދަކުރަނިވި ހަކަތައިގެ ނިޒާމުގެ ޖުމްލަ ކެޕޭސިޓީ ކަނޑައަޅާނީ، ނެޓް މީޓަރިން އުޞޫލުން ވިއުގައަށް ފޯރުކޮށްދޭ ކަރަންޓުގެ ސަބަބުން ވިއުގައިގެ ސްޓެބިލިޓީއަށް ގެއްލުން ނުވާނެ މިންވަރެއް ކަނޑައެޅުމަށްޓަކައި ކުރެވޭ ދިރާސާއެއްގެ މައްޗަށް ބިނާކޮށެވެ.މިއަދު އާންމުކުރި ޤަވައިދުގެ ދަށުން، މި ޚިދުމަތް ލިބިގަތުމުގެ ފުރުސަތު، ކަރަންޓުގެ ޚިދުމަތް ލިބިގަންނަ ކޮންމެ ފަރާތަކަށްވެސް އޮންނާނެއެވެ. މިކަމުންގެ ސަބަބުން ކަރަންޓުގެ އަގު އެކަށީގެންވާ ވަރެއްގައި ބެހެއްޓުމަށް ދައުލަތުގެ ބަޖެޓުން ކުރަންޖެހޭ ޚަރަދު ކުޑަވެގެންދާނެއެވެ.