ވިޔަފާރި

ކޯވިޑުގެ ކުރިއަށްވުރެން މިހާރު ޗާޓަރު ފްލައިޓުތައް ދެ ގުނަ އިތުރު: އެމްއޭސީއެލް


ކޯވިޑުގެ ކުރިން އަންނަ ޗާޓަރު ފްލައިޓުގެ އަދަދާއި އަޅާ ބަލާއިރު، މިހާރު ޗާޓަރު ފްލައިޓުގެ އަދަދު ދެގުނަ އިތުރުވެފައިވާ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއްޖެއެވެ.

އެމްއޭސީއެލްއިން ކުރި ޓްވީޓެއްގައި ވިދާޅުވީ މިވަގުތުވެސް ވެލާނާ އެއަރޕޯޓަށް ޗާޓަރ 8 ފްލައިޓެއް ދަތުރު ކުރަމުންދާ ކަމަށާއި، ކޯވިޑް-19ގެ ކުރިން ފްލައިޓު އައި މިންވަރަށް ވުރެ ޗާޓަރ ފްލައިޓުތައް މިހާރު ދެގުނަ އިތުރުވެފައިވާ ކަމަށެވެ. މިއީ މުޅި ރާއްޖޭގެ ފަތުރުވެރިކަމަށް ލިބިގެންދާނެ ކުރިއެރުމެއް ކަމަށް އެމްއޭސީއެލްއިން ބުނެއެވެ.

މީގެ އިތުރަށް އެމްއޭސީއެލްއިން ބުނީ މިހާރު އަންނަ ޗާޓަރު 8 ފްލައިޓުގެ އިތުރަށް ނޯޑްވިންޑް އަދި ކްލާސްޖެޓުގެ ދަތުރުތައް ފަށަން ތައްޔާރު ވަމުންދާ ކަމަށެވެ.

ޓުއަރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދުނިޔޭގެ ގާތްގަނޑަކަށް 30 ސަރަހައްދަކާ މިވަގުތުވެސް ރާއްޖެ ވަނީ ގުޅިފައެވެ. އަދި މި ސަރަހައްދުތަކުން އެއަރލައިންތައް ރާއްޖެއަށް ދަތުރު ކުރެއެވެ.

އެމިރޭޓްސް، ޤަތަރު އެއާވެއިސް، އިންޑިގޯ އަދި އެއިރޯފްލޮޓް، މިއިން ކޮންމެ އެއަރލައިނަކުން މިއަހަރުގެ ޑިސެމްބަރު 9 ވަނަ ދުވަހާއި ހަމައަށް ލައްކައަކަށް ވުރެ ގިނަ މީހުން ރާއްޖެ އައިސްފައިވެއެވެ. އެންމެ ގިނަ މީހުން އައި އެމިރޭޓްސްއިންނެވެ. އެމިރޭޓްސް އިން ޑިސެމްބަރު 9 ވަނަ ދުވަހުގެ ނިއަލަށް 231،699 މީހުން ދަތުރު ކޮށްފައިވާއިރު، 2658 ދަތުރު އެ އެއަރލައިނުން ވަނީ އަޅާފައެވެ.

މިމުއްދަތުގައި އެންމެ ގިނަ މީހުން އުފުލާފައިވާ ޗާޓަރު އެއަރލައިނަކީ އެއަރ އަސްޓަނާއެވެ. އެގޮތުން 190 ދަތުރުގައި 14490 މީހުން ގެނެސްފައިވެއެވެ.