ކުޅިވަރު

ބަލިވިއަސް ޒުވާން ޓީމު ދެއްކި ކުޅުން ގޯހެއް ނޫން - މުންތާޒް


މެޗުން ބަލިވިކަމަށް ވީނަމަވެސް، މެޗްގައި ނުކުޅެވުނީ ޒުވާން ކުޅުންތެރިންނަށްވެފަ، ކުޅުންތެރިން މާބޮޑަށް ހާސްވުމުގެ ސަބަބުންކަމަށް ޤައުމީ ވޮލީ ޓީމުގެ ކޯޗް މުމްތާޒް ޢަލީ (މުންތޭ) ބުނެފިއެވެ. ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗްގައި އެޓީމް ބަލިވެފައިވަނީ ވަރުގަދަ އުޒްބަކިސްތާނާއި ވާދަކޮށް ސީދާ ތިން ސެޓުންނެވެ. މިމެޗްގައި ރާއްޖޭގެ ޓީމުގައި ގިނައީ ޒުވާން ކުޅުންތެރިންނެވެ. މެޗްގައި އުޒްބަކިސްތާންގެ ކުޅުންތެރިންގެ އިސްކޮޅުގެ ފައިދާ ވަރަށް ބޮޑަށް ކުރިއެވެ.

މެޗްއަށްފަހު ވާހަކަދައްކަމުން ގައުމީ ވޮލީ ޓީމްގެ ކޯޗް މުމްތާޒް އަލީ (މުންތޭ) ބުނީ މެޗްގައި ރަގަނޅަށް ނުކުޅެވުނީ ޓީމްގައި ޒުވާން ކުޅުންތެރިން ގިނަވުމާއި، ފުރަތަމަ މެޗަށްވުމުން ކުޅުންތެރިން މާ ބޮޑަށް ހާސްވުމުގެ ސަބަބުންކަމަށެވެ. ރާއްޖޭގެ ޓީމުން ކުޅުން ރަގަނޅުކޮށް ކޮންމެ ފަހަރަކަރު އެޓޭކް ކުރަން މަސައްކަތް ކުރި ބޯޅަތައް އުޒްބަކިސްތާންގެ ދިގު ކުޅުންތެރިންވަނީ ހުއްޓުވާފައެވެ. މުންތޭބުނީ އުޒްބަކިސްތާންގެ ދިގު ކުޅުންތެރިންގެ ފައިދާ އެޓީމުން ވަރަށް ބޮޑަށް ބޭނުން ހިފިކަމަށެވެ. އަދި ކުރިއަށް ހުރި ރާއްޖޭގެ މެޗްތަކުގައި މިމެޗަށްވުރެއް މޮޅު ކުޅުމެއް ފެނިގެންދާނެކަމަށް މުންތާޒް ބުންޏެވެ.

"މިހާރު ވިސްނުން ހުރީ ކުރިއަށް އޮތް މެޗްތަކުގައި ކުރާނެކަންތައްތައް. މިމެޗުން ވަރަށް ބޮޑަށް އެނގިއްޖެ ޓީމުގައި ރަގަނޅު ކުރަންވީ ކަންތައްތައް. ދެން ކުރިއަށް އޮތް ލަންކާ އަދި ނޭޕާލް މެޗްގައި ބަލާނީ ޓީމް ބޮޑަށް އެކުލަވާލެވޭ ތޯ. މިމެޗްގައި ސާވިސްވެސް ބައެއް ފަހަރު ވަރަށް ރަގަނޅަށް ދިޔަ، މިލެވްލެގައި ޒުވާން ކުޅުންތެރިންނާއި އަޅާބަލާއިރު، ކުޅުން ގޯހެއް ނޫން. މެޗުން ބަލިވީ އުޒްބަކިސްތާން ޓީމް މޮޅުވުމުން." މުމްތާޒް ބުންޏެވެ.