ކޯވިޑްގެ ހާލަތު ރަނގަޅުވުމާއެކު ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް އޮން އެރައިވަލް ވިސާ ދޭން ބަންގްލަދޭޝް ސަރުކާރުން ނިންމަވައިފިއެވެ. މިކަން ހާމަކުރެއްވީ ބަންގްލަދޭޝްގެ ބޮޑުވަޒީރާއި ރައީސުލްޖުމްހޫރިއްޔާއާއި ބައްދަލުކުރައްވައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމަށްފަހު، ދެޤައުމުގެ އިސްވެރިން އިއްވި ޖޮއިންޓް ޕްރެސް ސްޓޭޓްމަންޓްގައި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއެވެ.
ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާ ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަމާނަ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު ބޭއްވި ރަސްމީ ވާހަކަފުޅުތަކުގައިވަނީ ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ދޫކުރުމާއި، އެޤައުމުގައި މަތީ ތަޢުލީމު ޙާސިލުކުރަމުންގެންދާ ދިވެހިންނަށް ދިގުމުއްދަތުގެ ސްޓޫޑަންޓް ވިސާ ދޫކުރުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި މަޝްވަރާތަކަށްފަހު ދެއްވި ޖޮއިންޓް ސްޓޭޓްމަންޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ ރާއްޖެއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވީތީ ބޮޑުވަޒީރު ޝައިޚް ޙަސީނާއަށް މަރުޙަބާ ވިދާޅުވެ، ދެ ޤައުމުގެ އިސްވެރިން މިދިޔަ ކުރު މުއްދަތުގެ ތެރޭގައި ކުރެއްވި ދަތުރުފުޅުތަކުގެ ސަބަބުން ދެޤައުމުގެ ދެމެދު އުފެދިފައިވާ ޒަމާންވީ ގުޅުން އިތުރަށް ވަރުގަދަވެފައިވާ ކަމަށް ވިދާޅުވެފައެވެ.
އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމަކުން ތަރައްޤީވަމުން އަންނަ ޤައުމަކަށް ބަންގްލަދޭޝް ބަދަލުވެފައިވާތީ އެކަމަށް މަރުހަބާ ވިދާޅުވަމުން ރައީސް ވިދާޅުވީ، ދެ ޤައުމުގެ ދެމެދު މިދަތުރުފުޅުގެ ތެރެއިން ބަދަލުކުރެވުނު އެއްބަސްވުންތަކުގެ ސަބަބުން ދެ ޤައުމުގެ މެދުގައި އެކި ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިވެގެންދާނެ ކަމަށް އުއްމީދުކުރައްވާކަމަށެވެ. މީގެ އިތުރުން ކުރިއަށް އޮތް ތަނުގައި ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ޒުވާނުންގެ ހުނަރު އިތުރުކުރުމަށާއި، ވިޔަފާރިއާ އިޤްތިޞާދީ ދާއިރާއިން ދެޤައުމު ގުޅިގެން މަސައްކަތްކުރެއްވުމުގެ ޝައުގުވެރިކަން ރައީސް ފާޅުކުރެއްވިއެވެ.
ޖޮއިންޓް ސްޓޭޓްމަންޓުގައި ބަންގްލަދޭޝްގެ ބޮޑުވަޒީރުވަނީ ދިވެހި ސަރުކާރުން އެދުނުގޮތަށް ބަންގްލަދޭޝްއަށް ދަތުރުކުރާ ދިވެހިންނަށް އޮންއެރައިވަލް ވިސާ ލިބޭނެ އިންތިޒާމު އެޤައުމުން ހަމަޖައްސާނެކަމަށް ވިދާޅުވެފައެވެ. އަދި ދެ ޤައުމުގެ މެދުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރެއިން ބަންގްލަދޭޝްގެ މަސައްކަތްތެރިން ރެގިއުލަރައިޒް ކުރުމަށް ރާއްޖެއިން ކުރިއަށްގެންދާ ޕްރޮގްރާމްގެ މުހިއްމުކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މައިދާނުގައި ދެޤައުމުންވެސް އަޑުއުފުލާ މުހިއްމު މައްސަލަތަކަށް ހައްލު ހޯދުމަށް ގުޅިގެން މަސައްކަތް ކުރުމުގެ މުހިއްމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެ ތެރޭގައި ޓެރަރިޒަމާއި ހައްދުފަހަނައެޅުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ރޮހިންޔާ މުސްލިމުންގެ ހައްޤުގައި ވަކާލާތުކުރުން ފަދަ ކަންކަމުގައި ގުޅިގެން މަސައްކަތް ކުރުމަށް ދެޤައުމުން އެއްބަސްވެފައިވާކަން ބަންގްލަދޭޝްގެ ބޮޑުވަޒީރުވަނީ ޢިއުލާންކުރައްވާފައެވެ.