ދުނިޔޭގެ ވިޔަފާރި

ކެލޯގުގެ މުވައްޒަފުންގެ ހަޅުތާލު، ކާމިޔާބަކުން ނިންމާލައިފި


އެމެރިކާގެ ކާބޯތަކެތި އުފައްދާ ކުންފުންޏެއް ކަމަށްވާ ކެލޯގުގެ މުވައްފަޒުން ދުވަސްތަކެއް ވަންދެން ކުރަމުން އައި ހަޅުތާލު ނިންމާލާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.

އެކުންފުނީގެ ބައެއް ޕްލާންޓުތަކުގައި މަސައްކަތްކުރާ މުވައްޒަފުންނާއެކު 5 އަހަރުގެ މުއްދަތަށް ހަދާފައިއޮތް އެއްބަސްވުން، މިދިޔަ އޮގަސްޓުމަހުގެ 5ވަނަ ދުވަހުގެ ނިޔަލަށް ހަމަވެފައިވާތީ، ކުރިއަށްވުރެ އެދެވޭ ބަދަލުތަކާއެކު ކޮންޓްރެކްޓް އައުކޮށްދިނުމަށް ގޮވާލައި 1400 އެއްހާ މަސައްކަތްތެރިން ދިޔައީ ކެނޑިނޭޅި މުޒާހަރާކުރަމުންނެވެ.

ކެލޯގުން ބުނެފައިވަނީ މަސައްކަތްތެރިންގެ ކޮންޓްރެކްޓް އައުކުރަން މިހާރު އެކުންފުނިން ނިންމާފައިވާ ކަމަށެވެ. އަދި އައު އެއްބަސްވުމުގައި އެއްޤައުމުން އަނެއް ޤައުމަށް މަސައްކަތް ބަދަލުކުރާ ޔޫނިއަން މުވައްޒަފުންނަށް ކުރިއަށްވުރެ ރަނގަޅު ޓާރމްސްތަކެއް ހެދިފައިވުމުގެ އިތުރުން، މުސާރައިގެ ފަރަޤު ނައްތާލާފައިވާނެ ކަމަށެވެ. އެގޮތުން ވަކި ފަންތިއެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ދާއިމީގޮތެއްގައި ތަފާތު އުޞޫލަކުން އުޖޫރަދޭ އުޞޫލު އުނިކޮށްފައިވާނެކަމަށް އެކުންފުނިން ބުނެއެވެ.

ގިނަބައެއްގެ ވަޒީފާ ގެއްލިގެންދިއުމުގެ ކަންބޮޑުވުމުގައި ކެލޯގުގެ ސީރިއަލް ޕްލާންޓުތަކުގެ މަސައްކަތްތެރިން ކުރި ހަޅުތާލުގައި އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މެމްބަރު ބާރނީ ސޭންޑާރސް ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. އަދި ޓްވިޓަރ އާއި ރެޑިޓް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމުތަކުގައި ކެލޯގުގެ އުފެއްދުންތައް ބޮއިކޮޓް ކުރުމަށް ގިނަ ބަޔަކު ދިޔައީ ގޮވާލަމުންނެވެ. މިއާއެކު މުޒާހަރާކުރާ ފަރާތްތަކުގެ ވަޒީފާ އަލުން އިޔާދަކޮށް ނުދޭނެކަމުގެ އިންޒާރު ކެލޯގުން ދިނުމާއިގުޅިގެން، ކެލޯގް ކުންފުންޏަށް އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ފާޑުކިޔުން ޢަމާޒުވިއެވެ. މި ސަބަބުތަކާހުރެ މަސައްކަތްތެރިންނާމެދު އޮތް ގުޅުމަށް އަސަރު ކޮށްފައިވާކަމަށާއި، ކުރިއެކޭ އެއްގޮތަށް ސުލްޙަވެރިކަމާއެކު މަސައްކަތް ކުރުމަށް ވަގުތު ނަގާނެކަމަށް ކެލޯގުގެ ބައެއް ސަރަޙައްދީ ޔުނިޓްތަކުން ބުނެއެވެ.

މަސައްކަތްތެރިން ކުރި ހަޅުތާލު، ކާމިޔާބަކުން ނިންމާލާފައިވާތީ، އެކަން ފާހަގަކޮށް ސޯޝަލް މީޑިއާގައި ގިނަ ފަރާތްތަކުން ވަނީ ކެލޯގުގެ މަސައްކަތްތެރިންނަށް މަރުޙަބާކިޔައި، އުފާ ފާޅުކޮށްފައެވެ.

ކެލޯގުން އައު ކޮންޓްރެކްޓުގެ ދަށުން ވަޒީފާދޭ ފަރާތްތަކުގެ ތެރޭގައި މިޝިގަން، ނެބްރާސްކާ، ޕެންސިލްވޭނިއާ، އަދި ޓެނެސީގައި ހިމެނޭ ސީރިއަލް ޕްލާންޓުތަކުގެ މަސައްކަތްތެރިން ހިމެނެއެވެ. މި މުވައްޒަފުން އަލުން ވަޒީފާއަށް ނިކުތުމަށް ހަމަޖެހިފައިވަނީ މި ޑިސެމްބަރުމަހުގެ 27 ގައި ކަމަށް ކެލޯގުން ބުނެއެވެ.