ކުޅިވަރު

އުޒްބަކިސްތާން އަތުން އަންހެން ޓީމު ބަލިވެއްޖެ


ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ޤައުމީ އަންހެން ޓީމް ކުޅުނު ފުރަތަމަ މެޗުން ބަލިވެއްޖެއެވެ. ބަންގްލަދޭޝްގައި މިއަދު ފެށި ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެ ފުރަތަމަ މެޗްގައި ވާދަކޮށްފައިވަނީ އުޒްބަކިސްތާނާއެވެ. މިފަހަރުގެ މުބާރާތާއި ކުރިމަތިލާއިރު ގައުމީ ޓީމަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. ގިނަ ތަޖްރިބާކާރު ކުޅުންތެރިން މިފަހަރު ޓީމާއެކު ނުދެއެވެ. އޭގެ ތެރޭގައި ޤައުމީ ޓީމުގެ ކުރީގެ ކެޕްޓަން ހައްވާ ރާޝިދާ އާއި ފާތިމަތު ޖޫޒާން، އާއިޝަތު ޝައްފަ، ޒީނިޔާ މޫސާ އަދި އާއިޝަތު މާޖިދާ ފަދަ ކުޅުންތެރިން މިފަހަރުގެ މުބާރާތުގައި ޓީމާއެކު ނުދެއެވެ.

އެކި ސަބަބުތަކާއި ހުރެ ތަޖްރިބާކާރު ގިނަ ކުޅުންތެރިންތަކަށް ނުދެވޭތީ މިފަހަރުގެ ޓީމުގައި ތަޖްރިބާކާރު ކުޅުންތެރިން ވަރަށް މަދެވެ. އާމިނަތު އަރީޝާ، މަރިޔަމް އަޒްމާ އަދި ޢާއިޝަތު އިމްތިނާން ފިޔަވައި ދެން ޓީމްގައި ތިބީ ހުސް ޒުވާން ކުޅުންތެރިންނެވެ. މިމުބާރާތުގެ ފުރަތަމަ މެޗްގައި ރާއްޖެއިން އުޒްބަކިސްތާން އަތުން ބަލިވެފައިވަނީ ސީދާ ތިން ސެޓުންނެވެ. އެއީ 25-11، 25-8 އަދި 25-11އިންނެވެ.

މެޗްގެ ފުރަތަމަ ސެޓްގެ ޓެކްނިކަލް ޓައިމް އައުޓާ ހަމައަށް ދިޔައިރު، އުޒަބްކިސްތާނުން ލީޑް ކުރަމުންދިޔައީ 10-3 އިންނެވެ. މިސެޓްގައި ރާއްޖޭގެ ޒުވާން ކުޅުންތެރިން މެޗުގެ ތެރެއަށް ވަނުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރިއެވެ. މިސެޓްގައި ޒުވާން ކުޅުންތެރިޔާ އަފާފް އަރީޝާ އުޒްބަކިސްތާންގެ ހަމަލާތައް ބުލޮކް ކުރުމަށް މަސައްކަތް ކުރިއިރުގައި ޝަހާ ޝާމިންވަނީ ސާވިސްއިން ޕޮއިންޓް ރާއްޖެއަށް ހޯދައިދީފައެވެ. ނަމަވެސް އުޒްބަކިސްތާންގެ ކުޅުންތެރިން ދިގުވުމުން އެކަމުގެ ފައިދާ އެޓީމަށް ކުރިއެވެ. މެޗްގެ ދެވަނަ ސެޓް ފެށިގެން ފުރަތަމަ ޕޮއިންޓާއި ހަމައިން، ސްޓޭޑިއަމުން ކަރަންޓް ކެޓުނެވެ. 10ވަރަކަށް މިނެޓްވަންދެން ކަރަންޓް ކެނޑިފައި އޮތުމަށްފަހު ކަރަންޓްއައެވެ. މެޗްގެ ދެވަނަ ދެވަނަ ސެޓް އުޒްބަކިސްތާނުން ގެންދިޔައީ 25-8ކުންނެވެ. މެޗްގެ ފަހު ސެޓްގެ ކުރީކޮޅުގައި ރާއްޖެއިން މޮޅު ކުޅުމެއް ދެއްކިއެވެ. ނަމަވެސް އުޒްބަކިސްތާނުން އެޓީމުގެ އިސްކޮޅުން ދިގު ކުޅުންތެރިންގެ ފައިދާ ނަގާ މެޗްގެ ތިންވަނަ ސެޓް 25-11އިން ކާމިޔާބުކުރިއެވެ.

މިމުބާރާތުގައި ރާއްޖެއިން ކުޅޭ ދެވަނަ މެޗްގައި ވާދަކުރާނީ ނޭޕާލާ ދެކޮޅަށެވެ. އަދި ތިންވަނަ މެޗުގައި ރާއްޖެ ނިކުންނާނީ ސްރީލަންކާއާއި ދެކޮޅަށެވެ. އަދި ތިންވަނަ މެޗްގައި ރާއްޖެ ނިކުންނާނީ ކްރިގިސްތާނާއި ދެކޮޅަށެވެ. އަދި ފަހު މެޗްގައި ރާއްޖެ ނިކުންނާނީ ބަންގްލަދޭޝްއާއި ދެކޮޅަށެވެ. މިމުބާރާތުގައި 6 ޓީމް ވާދަކުރާއިރު، މުބާރާތް ކުރިއަށްދާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމް ފައިނަލްގައި ވާދަކުރާ ގޮތަށެވެ. އަދި ތިންވަނަ އަދި ހަތަރުވަނައަށް ދާ ޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗް ކުޅޭގޮތަށް ވަނީ ހަމަޖެހިފައެވެ.