ވިޔަފާރި

ޕަބްލިކް އިންޓްރެސްޓް އެންޓިޓީ އޮޑިޓަރުންގެ ގޮތުގައި 7 ފަރާތަކަށް ހުއްދަ ދީފި


ރާއްޖޭގައި ފުރަތަމަ ފަހަރަށް ޕަބްލިކް އިންޓްރެސްޓް އެންޓިޓީސް (ޕައި) އޮޑިޓަރުންގެ ރެޖިސްޓްރީ އިފްތިތާޙްކޮށް، އެ ފަރާތްތަކަށް ހުއްދަ ދޫކޮށްފިއެވެ.

މިކަމަށްޓަކައި އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އިން ބޭއްވި ރަސްމިއްޔާތުގައި ޕައި އޮޑިޓަރުންގެ ޝަރުތު ފުރިހަމަވާ 7 އޮޑިޓަރަކަށް މިފަދަ އޮޑިޓްތައް ކުރުމަށް ހުއްދަ ވަނީ ދޫކޮށްފައެވެ. މި ހުއްދަތައް ހަވާލުކޮށްދެއްވީ ސީއޭ މޯލްޑިވްސްގެ ރައީސް، އަދި އޮޑިޓަރ ޖެނެރަލް ހުސެއިން ނިޔާޒީއެވެ. މި ހުއްދަތައް ދޫކުރުމުގެ ކުރިން މިފަދަ އޮޑިޓް ކުރުމުގެ ހުއްދަ އޮތީ ރާއްޖޭގައި އެންމެ ތިން ފަރާތެއްގެ އަތުގައި ކަމަށް ސީއޭ މޯލްޑިވްސްއިން ހާމަ ކުރެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، އޮޑިޓަރ ޖެނެރަލް އަދި ސީއޭ މޯލްޑިވްސްގެ ރައީސް ހުސެއިން ނިޔާޒީ ވިދާޅުވީ، ސީއޭ މޯލްޑިވްސް އުފެދުމަށްފަހު އެންމެ އިސްކަމެއް ދެވުނު އެއް މަސައްކަތަކީ ޤާނޫނީ ގޮތުން ކުންފުނިތައް ހަދަން ލާޒިމް ކުރާ އޮޑިޓްތައް ހަދާ ފަރާތްތަކުގެ ލައިސެންސިންގް މިންގަނޑުތަކެއް ތަޢާރަފް ކުރުން ކަމަށެވެ. އެގޮތުން މިވީ އަހަރު ދުވަހުގެ ތެރޭގައި ވަރަށް ގިނަ ސްޓޭކްހޯލްޑަރުންނާއި، އަދި ދާއިރާގެ އެކި ފަންނީ ފަރާތްތަކާއި، ކުންފުނިތަކާއި އަދި މާލީ ދާއިރާގެ ތަންފީޒީ އިދާރާތާކާއިއެކު ވެސް މަޝްވަރާ ކުރެވެނު ކަމަށެވެ.

އެގޮތުން ކުރިން ގިންތި ކުރެވޭ މިންގަނޑު އުވާލާ، ޝަރުތު ހަމަވާ ކޮންމެ ފަރާތަކަށްވެސް މި އޮޑިޓް ކުރެވޭނެ ގޮތަށް ހަމަޖެއްސި ކަމަށް ނިޔާޒީ ވިދާޅުވިއެވެ. އެހެން ނަމަވެސް މިކަމަށް ބޭނުންވާ ޤަވާއިދު ނެތި، އޮޑިޓަރުންގެ ފެންވަރު ބެލޭނެ ނިޒާމެއް ނެތުމުން ޕައި އޮޑިޓަރުން ރަޖިސްޓްރީ ކުރެވޭނެ ޤަވާއިދު ގިނަ މަޝްވަރާތަކަށްފަހު އެކުލަވާލި ކަމަށް ނިޔާޒީ ވިދާޅުވިއެވެ.

ނިޔާޒީ ވިދާޅުވީ ސީއޭ މޯލްޑިވްސްއިން މި ޤަވާއިދު ތަންފީޒު ކުރާނެ ކަމަށާއި، ލައިސެންސް ދޫކުރެވޭ އޮޑިޓަރުން ޤަވާއިދުގެ ތެރެއިން އޮޑިޓިން މިންގަޑު ހިފަހައްޓާތޯ ބަލާނެ ކަމަށެވެ.

" މި ދާއިރާގެ އިތުބާރާއި ޔަޤީންކަން ދެމެހެއްޓުމަށް، އަޅުގަނޑުމެން މިތިބީ އަޅުގަނޑުމެންގެ މެންބަރުންނާއި އެހެނިހެން ސްޓޭކް ހޯލްޑަރުންނާއިއެކު އޮޑިޓިން ގައިޑްލައިންތައް ހަރުދަނާ ކުރުމަށް މަސައްކަތް ކުރުމަށް ތައްޔާރަށް. ހަމަ މިއާއެކު ދާއިރާގެ އާންމު ފައިދާއަށާއި އަދި ޕަބްލިކް އިންޓްރެސްޓް ދެމެހެއްޓުމަށް އަޅުގަނޑުމެންގެ ޤަވާއިދު އަޅުގަނޑުމެން ތަންފީޒު ކުރާނަން. " ނިޔާޒީ ވިދާޅުވިއެވެ.

ސީއޭ މޯލްޑިވްސްއިން ވިދާޅުވީ އެ އިދާރާގައި ރަޖިސްޓްރީ ވެފައިވާ ޕައި އޮޑިޓަރުންނަކީ އެކަމަށް ޤާބިލު އަދި އެފަދަ އޮޑިޓުތައް ކުރުމަށް ފަންނީ ވަސީލަތް ހުރި ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ފެތޭ އޮޑިޓަރުން ކަމަށެވެ. ސީއޭ މޯލްޑިވްސްގައި ރަޖިސްޓްރީވެފައިވާ ޕައި އޮޑިޓަރުންގެ ލިސްޓު އެ އިދާރާގެ ވެބްސައިޓުގައި ވަނީ ޝާޢިޢު ކުރެވިފައެވެ.

ސީއޭ މޯލްޑިވްސްއިން ވިދާޅުވީ، މި ޤަވާއިދު އެކުލަވާލުމަށް ގިނަ ވަގުތުތަކެއް ނެގީ ރާއްޖޭގެ ހާލާތައި ގުޅޭ ގޮތަށް ޤަވާއިދު އެކުލަވާލުމަށް ކަމަށާއި، އެހެން ޤައުމުތަކުގައިވެސް މިކަން ކުރާ ގޮތް ބަލާފައިވާ ކަމަށެވެ. އެގޮތުން ޤަވާއިދު އެކުލަވާލުމަށް ސީއެމްޑީއޭ އަދި އެމްއެމްއޭ ފަދަ އިދާރާތަކުގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބިގެން ދިޔަކަން ސީއޭ މޯލްޑިވްސްއިން ފާހަގަ ކުރެއެވެ.