ޚަބަރު

ޝެއިޚް ޙަސީނާގެ ދަތުރުފުޅާ ގުޅިގެން، ސަލާމަތީ ކަންކަން ވަރުގަދަ ކުރުމަށް ޚާއްޞަ އޮޕަރޭޝަނެއް


ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅިގެން، ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަ ކުރުމަށް ސަލާމަތީ ޚިދުމަތްތަކުން ޚާއްޞަ އޮޕަރޭޝަނެއް ފަށައިފިއެވެ. މިކަން ހާމަކުރެއްވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރާއި ފުލުހުންގެ ޚިދުމަތުން މިރޭ ނެރުއްވި ގުޅިފައިވާ ނޫސްބަޔާނެއްގައެވެ.

ސަލާމަތީ ބާރުތަކުން ނެރުނު ނޫސް ބަޔާނުގައި ވިދާޅުވީ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ޙަސީނާ ދިވެހިރާއްޖެއަށް ފައްޓަވާފައިވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން، ސަލާމަތީ ކަންތައްތައް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި، ސަލާމަތީ ޚިދުމަތްތަކުން ޚާއްޞަ އޮޕަރޭޝަނެއް ކުރިއަށް ގެންދާކަމާއި، މި އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި އެންމެހާ ދިވެހި ލޮބުވެތި ރައްޔިތުންގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުންވާކަމުގައެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ޙަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅާ ގުޅިގެން މާލެ ސިޓީގައި ކުރިއަށް ގެންދާ ހަރަކާތްތަކަށް ސަލާމަތީ ސަބަބުތަކަށްޓަކައި ގްރީން ޒޯނުގެ ބޮޑު ސަރަޙައްދެއް 14 ގަޑިއިރަށް ބަންދުކުރުމަށްވަނީ ނިންމާފައެވެ. އެގޮތުން މާލޭގެ ބައެއް ސަރަޙައްދުތަކުގެ މަގުތަކާއި ޕާކިންގ ޒޯންތައް ބަންދުކުރުމަށް ނިންމައި ފުލުހުންވަނީ އެކަން ހާމަކުރައްވާފައެވެ.

ދިވެހި ރައްޔިތުންގެ ފަރާތުން މިފަދަ އޮޕަރޭޝަން ތަކުގައި ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް ސަލާމަތީ ބާރުތަކުންވަނީ ޝުކުރު ދަންނަވާފައެވެ.