ކުޅިވަރު

ސްޕެނިޝް ލަލީގާ: ސެވިއްޔާ އާއި ބާސެލޯނާ މެޗް އެއްވަރު


ސްޕެނިޝް ލަލީގާގައި ސެވިއްޔާ އާއި އެފްސީ ބާސެލޯނާ ބައްދަލުކުރިމެޗް އެއްވަރުވެއްޖެއެވެ. ސެވިއްޔާގެ ދަނޑުގައި ކުޅުނު މިމެޗް ނިމުނީ އެއްލަނޑު އެއްލަނޑުން ދެޓީމް އެއްވަރު ވެގެންނެވެ.

ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާސެލޯނާއިންނެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 32 ވަނަ މިނެޓްގައި ޖަހައި ލީޑު ނެގީ ސެވިއްޔާއިންނެވެ. މިލަނޑު އެޓީމަށް ޖަހައިދިނީ އަލެހަންޑްރޯ ގޯމޭޒެވެ. ނަމަވެސް ބާރސާއިން ވަނީ މެޗްގެ 45 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ރޮނާލްޑް އަރައުހޯއެވެ. އަދި މެޗްގެ 64 ވަނަ މިނެޓްގައި ސެވިއްޔާގެ ޖޫލްސް ކޮއުންޑަރ ކުރި ފައުލަކާއި ގުޅިގެން ރަތް ކާޑު ދައްކާފައެވެ. މެޗްގެ ފަހު ތިރީހަކަށް މިނެޓް ސެވިއްޔާއިން އެއް ކުޅުންތެރިއެއް މަދުކޮށް ކުޅުނު ނަމަވެސް ބާރސާއަށް އެކަމުގެ ފައިދާ ނެގޭގޮތެއް ނުވިއެވެ.

މިމެޗް އެއްވަރު ވުމާއެކު ބާރސާއިން މިއަހަރު ނިންމާލީ ތާވަލްގެ ހަތްވަނައިގައި އޮވެގެންނެވެ. ބާރސާއަށް ލިބިފައިވަނީ 18 މެޗުން 28 ޕޮއިންޓެވެ. މިމެޗް އެއްވަރު ވުމުން ތާވަލްގެ ދެވަނައިގައި އުޅޭ ސެވިއްޔާއަށް އެއްވަނައިގައި އުޅޭ ރެއާލް މެޑްރިޑާއި ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް ލިބިގެންދިޔަ ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ. އެޓީމަށް މިހާރު ލިބިފައިވަނީ 38 ޕޮއިންޓެވެ. އަދި ރެއާލްއަށް ލިބިފައިވަނީ 18 މެޗުން 43 ޕޮއިންޓެވެ.