ޚަބަރު

މުވައްޒަފަށް މުސާރަ ދިނުމަށް ޝަރުޠުކޮށް ޖާބިރު ދޫކޮށްލައިފި


ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހައްޔަރުކޮށް ކޯޓަށް ޙާޒިރުކޮށްފައިވަނީ މުވައްޒަފަކަށް މުސާރަ ނުދިން މައްސަލައެއްގައިކަން ހާމަވެއްޖެއެވެ.
ކޯޓު ޢަމުރެއްގެ ދަށުން މެންބަރު ޖާބިރު މިއަދު ހައްޔަރުކޮށްފައިވަނީ ގއ.އަތޮޅުގެ ފަޅުރަށެއްގައި ހުއްޓައެވެ. އަދި އޭނާ ހައްޔަރުކޮށްގެން ގެންދިޔައީ ގދ.ތިނަދުއަށެވެ.

އެނގިފައިވާގޮތުގައި ޖާބިރު ހައްޔަރުކޮށް ކޯޓަށް ޙާޒިރުކުރުމަށްފަހު މިހާރުވަނީ ދޫކޮށްލާފައެވެ. އެކަން ޖާބިރުގެ ޢާއިލާއިން ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ޖާބިރު ކޯޓަށް ޙާޒިރުކޮށްފައިވަނީ އޭނަގެ ކުންފުނި ޔޮޓް ޓުއާސްގެ މުވައްޒަފަކަށް މުސާރަ ނުދޭ މައްސަލައެއްގައެވެ. އެއީ ޅ.ނައިފަރު، ފަތަނގުމާގެ، ޢަލީ މުޙައްމަދަށް ލިބެން ޖެހޭ ހަތް ލައްކައަށް ވުރެ ގިނަ ރުފިޔާ ނުދީ އޮތް މައްސަލާގައެވެ. ވަޒީފާއާއި ބެހޭ ޓްރައިބިއުލުން ކޮށްފައިވާ އެހުކުމް ތަންފީޒްކުރުމަށް ސިވިލް ކޯޓަށް ހުށަހަޅާފައިވާ އެ މައްސަލައިގައި ޖާބިރު ހައްޔަރުކޮށްގެން ސިވިލް ކޯޓަށް ހާޒިރު ކުރުމަށް އަމުރު ކުރީ މިދިޔަ އާދީއްތަ ދުވަހުއެވެ.


ވަޒީފާއާއި ބެހޭ ޓްރައިބިއުނަލުން ކޮށްފައިވާ ޙުކުމުގައިވަނީ، ޅ.ނައިފަރު، ފަތަނގުމާގޭ، ޢަލީ މުހައްމަދަށް ޔޮޓް ޓުއާސް ކުންފުނިން ކޮންމެ މަހަކު، އުޖޫރައިގެ ގޮތުގައި 3000 އެމެރިކާ ޑޮލަރު ނުވަތަ 46،000 ރުފިޔާ ދޭންޖެހޭނެކަމަށެވެ. އެ މުވައްޒަފަށް މުސާރަ ނުދީވަނީ 2018ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން 2019ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ.

ޖާބިރު މިއަދު ކޯޓަށް ހާޒިރުކުރުމަށްފަހު ކޯޓުން އޭނާ ދޫކޮށްލީ އެ މުވައްޒަފަށް 10 ދުވަހުގެ ތެރޭގައި މުސާރަ ދިނުމަށް ޝަރުތުކުރުމަށްފަހުއެވެ.

19ވަނަ މަޖިލީހަށް އިންތިޚާބުވުމަށްފަހު މަޖިލީހުގައި ޖާބިރު ދައްކަވާ ވާހަކަފުޅުތަކާއި ގުޅިގެން ގިނަ ވަރަށް ގިނަ ފަރާތްތަކުން ކަންބޮޑުވުންފާޅުކުރަމުން ގެންދެއެވެ. މިއީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މައްސަލައެއްގައި މިހާތަނަށް ހައްޔަރުކުރި ފުރަތަމަ މެމްބަރެވެ.