ޚަބަރު

ސިވިލް ކޯޓަށް ޙާޒިރުކުރަން މެންބަރު ޖާބިރު ހައްޔަރުކޮށްފި


ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު ހައްޔަރުކޮށްފިއެވެ.

ޖާބިރު ހައްޔަރުކޮށްފައިވަނީ މިއަދު ސިވިލް ކޯޓުގައި އޮތް އަޑުއެހުމަށް އޭނާ ކޯޓު އަމުރެއްގެ ދަށުން، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރު ކުރުމަށް ފުލުހުންގެ މައްޗަށް ކުރި އަމުރަކާ ގުޅިގެންނެވެ. މެންބަރު ޖާބިރު ހައްހަރުކުރިކަން މަޖިލީހުގެ އިދާރާއިންވަނީ ކަށަވަރުކޮށްދެއްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ހައްޔަރުކޮށްފިނަމަ އެކަން މަޖިލީހުގެ އިދާރާއަށް ރަސްމީކޮށް އަންގަން ދިވެހި ފުލުހުންގެ ޚިދުމަތުގެ މައްޗަށް ލާޒިމު ކުރެއެވެ. މަޢުލޫމާތު ލިބިފައިވާގޮތުން ޖާބިރު ހައްޔަރު ކުރީ ގއ.އަތޮޅުގެ ފަޅުރަށެއްގައި ހުންނަވަނިކޮށެވެ.

ޖާބިރު ފަޅުރަށަކުން ހައްޔަރުކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ، ގދ.ތިނަދޫއަށެވެ. ތިނަދޫން މާލެއަށް ގެނެސް، ޖާބިރު ސިވިލް ކޯޓަށް ހާޒިރުކުރުމުގެ މަސައްކަތް ފުލުހުން ގެންދަނީ ކުރަމުންނެވެ. އެއީ ބަންދުގައި ބަހައްޓައިގެން އޭނާ ކޯޓަށް ހާޒިރުކުރަން ސިވިލް ކޯޓުން ނެރެފައިވާ އަމުރެއް ތަންފީޒު ކުރުމަށެވެ. ޖާބިރު ސިވިލް ކޯޓަށް ހާޒިރުކުރަނީ ޖާބިރުގެ ކުންފުނި، ޔޮޓް ޓްއާސްއާއި ދެކޮޅަށް ސިޓީ އިންވެސްޓްމަންޓް ނަމަކަށް ކިޔާ ކުންފުންޏަކުން ސިވިލް ކޯޓަށް ހުށައަޅާފައިވާ މައްސަލައަކާއި ގުޅިގެންނެވެ.

19ވަނަ މަޖިލީހަށް އިންތިޚާބުވުމަށްފަހު މަޖިލީހުގައި ޖާބިރު ދައްކަވާ ވާހަކަފުޅުތަކާއި ގުޅިގެން ގިނަ ވަރަށް ގިނަ ފަރާތްތަކުން ކަންބޮޑުވުންފާޅުކުރަމުން ގެންދެއެވެ. މިއީ 19ވަނަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން މައްސަލައެއްގައި މިހާތަނަށް ހައްޔަރުކުރި ފުރަތަމަ މެމްބަރެވެ.